އިސްރާއީލުގެ ތާރީހު ދުށް އެންމެ ވަރުގަދަ ސިޔާސީ ކޯޅުންގަނޑު ނިމުމަކަށް ގެނެސް، ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫއާއި އިދިކޮޅު ވާދަވެރިޔާ ބެނީ ގަންޓްޒްގެ ގުޅިފައިވާ އާ ސަރުކާރު ހުވާކޮށްފިއެވެ.
ކަނޑައެޅިގެން ވަކި ސަރުކާރެއް ނެތްތާ 500 އަށްވުރެ ގިނަ ދުވަސްވެ، 3 އިންތިހާބެއް ނާކާމިޔާބު ވީ ފަހުން އިސްރާއީލުގައި ގުޅިފައިވާ އާ ސަރުކާރެއް އެކުލަވާލާލުމަށް 120 މެމްބަރުންގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައެޅި 3 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ކަމާ އެއްކޮޅަށް 73 މެމްބަރުން ވޯޓު ދިން އިރު ދެކޮޅަށް 49 ވޯޓު ދީފައެވެ. 1 މެމްބަރު ހާޒިރުވެފައެއް ނުވެއެވެ.
އާ ސަރުކާރުން އެންމެ ފުރަތަމަ ކުރިމަތިލާންޖެހޭ ކަންކަމުގެ ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އިނދަޖެހިފައިވާ އިގުތިސޯދު ނެގެހެއްޓުމާ، ފަލަސްތީނުގެ ބިންތައް ހިސޯރު ކުރުމަށް އިސްރާއީލުން ފަށާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުން ހިމެނެއެވެ.
ގާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން ވާހަކަ ދައްކަމުން ނަތަންޔާހޫ ވަނީ، ޔަހޫދީ އާބާދުތައް އޮތް ސަރަހައްދުތަކަކީ އިސްރާއީލުގެ އިސްތިގުލާލީ ބާރު އޮތް ތަންތަން ކަމުގައި ކަނޑައަޅާނެ ކަމަށެވެ. މި ތަންތަނަކީ ބައިނަލްއަގުވާމީ ގާނޫނު ބުނާ ގޮތުގައި ގައިރު ގާނޫނީ ގޮތެއްގައި އިސްރާއީލުން ބާރު ހިންގަމުންދާ ތަންތަނެވެ.
ކަންމިހެން އޮތްއިރު ފަލަސްތީނުގެ ބިންތައް ހިފާނެ ކަމުގެ އެއްވެސް އިޝާރާތެއް ގަންޓްޒްގެ ތަގުރީރުގައި ބަޔާންކޮށްފައި ނުވާކަން ބައިނަލްއަގުވާމީ މީޑިއާއިން ފާހަގަކުރެއެވެ.
މިދަނޑިވަޅުގައި އުރުދުންގެ ޢަބްދުﷲ ރަސްގެފާނު 2 ވަނަ ވަނީ، ފަލަސްތީނުގެ ބިންތައް ހިސޯރުކުރުމައިގެން އިސްރާއީލުން ކުރިއަށް ހިނގައްޖެނަމަ "ވަރުގަދަ ކުރިމަތިލުމެއް" ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ހަމަ މިއާއެކު ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާވެސް ވަނީ މި ފަދަ ޕްލޭންއަކައިގެން އިސްރާއީލުން ކުރިއަށް ދިއުން ހުއްޓުވުމަށް ޑިޕްލޮމެޓިކް އިމުގެ ތެރެއިން އެ އިއްތިހާދަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަށް ހިތްވަރު ލިބިދޭ ގޮތަށް ފުޅާދާއިރާއެއްގައި ސިޔާސަތުތަކެއް އެކުލަވާލައިގެން އެކަމަށް ވަކާލާތު ކުރަމުންދަނީ އެމެރިކާއިންނެވެ.