ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި އަލްއާލޫސީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ކިބައިން ނުވަތަ އެހެން މީހެއްގެ ކިބައިން މުދަލުން، ނުވަތަ ދަރިންގެ ފަރާތުން ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ކިޔުން އެދެވިގެންވާ ކަމަށް ބައެއް ރިވާޔަތް ތަކުން ދޭހަވެއެވެ.

އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ކިޔުމަކީ އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ. ހިޝާމް ބިން ޢުރްވާ އޭނާގެ ބައްޕަގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. "އޭނާ އަށް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ނުވަތަ ބަގީޗާ އަކަށް ވަދެއްޖެނަމަ،

( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ވިދާޅުވެއެވެ.

އިބްނުލް މުފްލިޙް (އަލްއާދާބުއްޝަރްޢިއްޔާ) ނަމަކަށް ކިޔުނު ފޮތުގައި ލިޔުއްވާފައި ވެއެވެ. ފަޞްލު (ޗެޕްޓަރ): އެސްފިންނާ ޖެހިއްޖެނަމަ ނުވަތަ އެއިން ސަލާމަތްވާން ބޭނުންނަމަ ކުރާނެ ކަންތައް. މީގެ ދަށުން ލިޔުއްވާފައި ވެއެވެ. "ޢުރްވާ ބިން އައްޒުބައިރު ރަޟިޔަﷲ ޢަންހު އަށް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެ ހިނދެއްގައި، (مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ވިދާޅުވެއެވެ.

މި މައްސަލާގައި އަޅުގަޑަށް ބުރަވެވޭ ގޮތް:

އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) ނުވަތަ (مَا شَاءَ اللهُ تَبَارَكَ اللهُ ) ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. މި ކަމުގައި ވާރިދުވެގެންވާ އެއް ޙަދީޘެއް ރިވާކުރެއްވި ރާވީންގެ ތެރޭގައި ބަލިކަށި މީހަކު ހުރިނަމަވެސް، އެހެން ބައެއް ރިވާޔަތްތަކުން ބާރުލިބި އެރިވާޔަތް ގަދަވާ ގޮތް ވެއެވެ. މީގެ އިތުރުންވެސް ﷲ އަށް ޙަމްދުކޮށް އެމީހަކަށް ދެއްވާފައިވާ ނިޢްމަތަކަށް ޝުކުރުވެރިވެ، އަދި އެނިޢްމަތްތަކުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަކީ ވެސް އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ.

والله أعلم .

(وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾ فَعَسَىٰ رَبِّي أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠﴾)

( فَعَسَىٰ ) މިލަފްޡު މާނަކުރުމުގައި ދެ އިޙްތިމާލެއް އެބައޮތެވެ.

  • މިއީ އޭނާ އުއްމީދުކުރި ގޮތް ކަމުގައިވުން. އަދި މިއީ އޭނާގެ ފަރާތުން ކުރި ދުޢާއެއް ކަމުގައިވުން. އެހެނީ އެމީހާ އަށް ދެއްވާފައިވާ ބަގީޗާ އަށްވުރެ ހެޔޮ ނިޢްމަތެއް އޭނާ އަށް ދެއްވާ، އަދި އެމީހާގެ ބަގީޗާގެ މައްޗަށް އުޑުން ކޯފާފޮއްނުވާ ހަލާކު ކުރެއްވުމަށް ދުޢާ ކުރުން. ސަބަބަކީ ބަގީޗާގެ ވެރިމީހާ ވަނީ އަނެކާ ނިކަމެތިކޮށް ދެރަކޮށްފައެވެ. އެހެންކަމުން، އޭނާ ދިންއަނިޔާފަދަ އަނިޔާ އެއް އަނެކާއަށްވެސް ލިބުން އެދި ދުޢާ ކުރީއެވެ. އެހެނީ އިންސާނަކު އޭނާއަށް އަނިޔާވެރިވާ މީހާގެ މައްޗަށް ހަމައެފަދަ އަނިޔާވެރިކަމެއް މެދުވެރިކޮށްދެއްވުން އެދި ދުޢާ ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ. ނޫންނަމަ، މިތަނުގައި އޭނާ ދުޢާކުރި ސަބަބަކީ މިބަގީޗާގެ ވެރިމީހާ އަށް ޙައްގުގޮތް ވިސްނުވައިދިނުމަށްޓަކައި ކުރި ދުޢާއެކެވެ. އެހެނީ އޭނާ އެމުދަލަކަށް ފަޚުރުވެރިވެ ބޮޑާވެގަންފައިވާ މުދާ އޭނާގެ އަތުން ބީވެގެން ދިޔުމުން އޭނާ އަށް ކުރެވިފައިވާ ކަންތަކާއި މެދު ވިސްނާ ފިކުރު ކުރަން ވަގުތުކޮޅެއް ލިބޭނެއެވެ.
  • ( فَعَسَىٰ ) މި ލަފްޡު ބޭނުން ކުރެވިފައިވަނީ "ވެދާނެކަމަކަށް ލަފާކުރުމު"ގެ މާނާގައި ކަމަށްވުން. މާނައަކީ: "އެކާފިރުވީމީހާ އަށް މުއިމިން މީހާ ބުންޏެވެ. ތިބާގެ މުދަލާއި ދަރިން ގިނަކަމަށްޓަކައި ފަޚްރުވެރިވެފައި، އަހަރެންގެ މުދަލާއި ދަރިންމަދު ކަމަށް ދެކުނުނަމަވެސް، ﷲގެ ޙަޟްރަތުގައި އަހަންނަށްޓަކައި ޚަޒާނާކުރެވިފައިވާ ތަކެތި މާހެޔޮކަން ބޮޑުވެފައި ދާއިމަށް ދެމިގެންވެއެވެ. އަދި ﷲގެ ޙަޟްރަތުން ދެއްވާނެ ކަމަށް އުއްމީދުކުރެވޭ ތަކެއްޗަކީ ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗަށްވުރެ ހެޔޮކަންބޮޑު ތަކެއްޗެވެ. ވީމާ، ބުއްދިވެރިޔަކުނަމަ ވާދަކުރަންވީ އެތަކެތި ޙާޞީލް ކުރުމަށެވެ."

(وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ ) އެބަގީޗާގެ މައްޗަށް އުޑުން ބޯކޮށްވާރޭވެހުން ނުވަތަ އެނޫންވެސް ކޯފާއެއް ފޮނުއްވަފާނެއެވެ.

މިތަނުގައި "އުޑުން ބޯކޮށްވާރޭވެހުން ނުވަތަ އެނޫންވެސް އުޑުން ފޮނުއްވަފާނެ ކޯފާ އެއްގެ ވާހަކަ ޛިކްރު ކުރައްވާފައިވުމުގެ ޙިކްމަތަކީ: އުޑުން ބާވާލައްވާ އާފަތުން ދިފާޢުވުމަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ނަމަވެސް ބިންމަތީ ސައިލުހެދިގެން ނުވަތަ އަލިފާންގަނޑެއް ރޯވެގެން އުޅޭނަމަ އެކަންތައް ކޮންޓްރޯލް ކުރަން ކުރެވިދާނެކަންތައްތައް ހުންނާނެއެވެ.

(فَتُصْبِحَ صَعِيدًا زَلَقًا ) ދެން އެބަގީޗާ އަކީ ގަހެއް ރުކެއްނެތް އޮމާން ބިމަކަށް އެތަންވެދާނެތެވެ. އަދި އެތަނުން ތިބާ އަށް ލިބެމުންދިޔަ މަންފާތައް ގެއްލިގެން ހިނގައިދާނެއެވެ.

(أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُ طَلَبًا ﴿٤١﴾ ) ނުވަތަ ތިބާގެ ބަގީޗާ އަށް ފެންނުލިބޭނެ ގޮތްވެސް މެދުވެރި ކުރައްވަފާނެއެވެ. އެހެންވެއްޖެނަމަ، އެބަގީޗާ އަށް ފެންލިބޭނެ ގޮތް ހެދުން އެއީ ތިބާ އަށް ކުޅަދާނަވެގެންވާނެ ކަމެއް ނޫނެވެ.

މިދުޢާ ނުވަތަ މިލަފާ ކުރުމަށްފަހު ދެންކަންތައް ވެގެންދިޔަ ގޮތް ޖެހިގެން ހުރި އާޔަތުގައި ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.

(وَأُحِيطَ بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَا أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا ﴿٤٢﴾ )

( وَأُحِيطَ بِثَمَرِهِ ) އެތަކެތި ދުވަހަކުވެސް ހަލާކުވެގެން ނުދާނެކަމަށް އޭނާކުރިން ބުނެފައިވާ އޭނާގެ މުދާގަނޑުގެ ވަށައިގެން ކޯފާ އާއި ޢަޛާބު އައިސް ލައިގަތެވެ. އެގޮތުން މުޅިދަނޑުގައިވާ ހުރިހާ ގަހަކާއި މޭވާއެއް ނެތިގެންދިޔައެވެ. ބާކީ އެކައްޗެއްވެސް ނެތެވެ. މިކަމާއިމެދު އޭނާ ވަރަށް ބޮޑަށް ހިތާމަކޮށްދެރަވިއެވެ. ނަމަވެސް، ވަގުތު ފާއިތުވުމަށްފަހު ދެރަވުމަކުން ފައިދާއެއް ނުކުރާނެއެވެ. ކުރިން އޭނާ އަތުގައި މުދާހުރި އިރު އޭނާވަނީ ބޮޑާވެގަނެފައެވެ. ނަޞީޙަތް ގަބޫލުނުކޮށްފައެވެ.

(فَأَصْبَحَ يُقَلِّبُ كَفَّيْهِ ) ދެރަވެ ހިތާމަކުރާ ޙާލު އޭނާގެ ދެއަތްތިލަ ދެފަރާތަށް ފުރޮޅަން ފެށިއެވެ.

(عَلَىٰ مَا أَنفَقَ فِيهَا ) އޭނާ ދުނިޔަވީ ގޮތުން ދަނޑު ސަލާމަތްކުރުމަށްޓަކައި ކޮށްފައިވާ ޚަރަދުތަކުގެ ބޮޑުކަން ހަނދާންވެގެންނެވެ. އެހުރިހާ ފައިސާއެއް ހުސްވެގެން ދިޔައީއެވެ. އެކައްޗެއްވެސް އަތުގައި ބާކީ ނެތެވެ. ދެން އޭނާ އަށް ކުރެވުނު ކަންތަކާއި މެދު ދެރަވެ ހިތާމަކުރިއެވެ. އެހެންވެ، އޭނާ ބުނިކަމަށްވެއެވެ.

( يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا ) އޭނާދެރަވެ ބުންޏެވެ. " އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް އަހުރެން شريك ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟"

(وَلَمْ تَكُن لَّهُ فِئَةٌ يَنصُرُونَهُ مِن دُونِ اللَّـهِ وَمَا كَانَ مُنتَصِرًا ﴿٤٣﴾ )

ކުރިން އޭނާ ފަޚުރުވެރިވެފައި ބުނެއުޅުނީ (أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ) " ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ." ނަމަވެސް، މިއަދު ﷲގެ ކޯފާ އާއި ޢަޛާބު އައިސް ބައްދަލުކުރި ހިނދު އެކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭނެ މުދަލެއް އަތަކު ނެތެވެ. އަދި އޭނާގެ ދަށުގައިވާ އެހީތެރިންތަކެއްވެސް ނެތެވެ. ﷲގެ ކޯފާ އާއި ޢަޛާބު އައިސް ބައްދަލުކުރާ ހިނދު، މުޅި އުއްމަތުގެ އެންމެން އެއްވެގެން އެކަން މަނާކުރަން އުޅުންކަމުގައިވީނަމަވެސް އެކަމެއް ނުވާނެއެވެ. އެހެންކަމުން، އޭނާގެ މައްޗަށް ﷲގެ ކޯފާ އާއި ޢަޛާބު އައިސް އޭނާގެ މުދާނެތިގެންދިޔައީއެވެ. އެހީތެރިވާނެ މީހަކުވެސް ނުވީއެވެ. އޭނާ އެކަނިވެ ނިކަމެތިވެއްޖެއެވެ.

ކޮންމެއަކަސް، މިމީހާ އޭނާ އަށްކަންތައް ކުރެވުނުގޮތް ރަގަޅު ނޫންކަން އަމިއްލަ އަށް އިޙްސާސްކުރެވި އެކަންތައްތަކުން ތައުބާވިއެވެ. އޭގެ ދަލީލަކީ އޭނާބުނިކަމަށްވެއެވެ. (يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا ) " އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް އަހުރެން شريك ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟" އެހެންކަމުން، މާތް ﷲ އޭނާގެ ތައުބާ ގަބޫލުކުރެއްވިއެވެ. މިއީ ﷲ ސުބްޙާނަހޫވަތަޢާލާ އަޅަކަށް ހެޔޮގޮތް މިންވަރުކޮށްދެއްވައިފިނަމަ ކަންތައް ކުރައްވާނެ ގޮތެވެ. އެހެނީ އާޚިރަތުގައި އެމީހަކަށް ޢުގޫބާތް ދެއްވުމުގެ ކުރިން ދުނިޔެމަތީގައި އެމީހަކަށް ޢުގޫބާތްދެއްވައެވެ. ދެން އެމީހަކު އެކުރެވުނު ކަންތައް ވިސްނި، އެކަމާ ދެރަވެ ހިތާމަކޮށް، ތައުބާ ވެއްޖެނަމަ އެކަންތައް ފުއްސަވައެވެ.

މިއާޔަތުން ދޭހަވަނީ މުދަލާއި ދަރިންނަކީ ﷲގެ މަގުގައި ނޫންގޮތަކަށް ބޭނުންކުރަން އުޅެފިނަމަ އެތަކެތިން އެއްވެސް މަންފާއެއް ފައިދާއެއް ނުކުރާނެ ތަކެތި ކަމެވެ. ސޫރަތު ސަބައުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَمْوَالُكُمْ وَلَا أَوْلَادُكُم بِالَّتِي تُقَرِّبُكُمْ عِندَنَا زُلْفَىٰ إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَـٰئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ ﴿٣٧﴾ ) މާނައަކީ: "އަދި ތިޔަބައިމީހުންގެ މުދާވިޔަސް، އަދި ދަރިންވިޔަސް، އެއީ ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެތެވެ. إيمان ވެ صالح عمل ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންކުޅަ ހެޔޮ عمل އަށް ގިނަގުނަވެގެންވާ ثواب އެއުރެންނަށް ހުށްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ أمان ކަން ލިބިގެންވާ ބަޔަކުކަމުގައެވެ."

( هُنَالِكَ الْوَلَايَةُ لِلَّـهِ الْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا ﴿٤٤﴾ )

( الْوَلَايَةُ ) މިކަލިމާގައި ދެގިރާއަތެއް ވެއެވެ. އެއީ

(الْوَلَايَةُ ) ވާވުގައި އަބަފިލި ޖަހައިގެން. އަދި (الْوِلَايَةُ ) ވާވުގައި އިބިފިލި ޖަހައިގެންނެވެ.

(الْوَلَايَةُ ) ވާވުގައި އަބަފިލި ޖަހައިގެންނަމަ އޭގެ މާނައަކީ "އެހީތެރިވުމެވެ." ސޫރަތުލް އަންފާލްގެ 72 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ) މާނައަކީ: "އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ."

(الْوِلَايَةُ ) ވާވުގައި އިބިފިލި ޖަހައިގެންނަމަ މާނައަކީ "މިލްކުވެރި ކަމާއި ބާރުވެރިކަމެވެ." ގިޔާމަތްދުވަހުގައި މިލްކުވެރި ކަމެއް އަދި ބާރުވެރިކަމެއް ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންކަމުން، އެދުވަހުގައި ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް އެއްވެސް މީހަކަށްޓަކައި ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ.

(هُوَ خَيْرٌ ثَوَابًا)

( هُوَ ) ޟަމީރު ދަނީ ﷲ އަށެވެ.

(خَيْرٌ ثَوَابًا ) ޘަވާބު ދެއްވުމުގައި އެންމެހެޔޮކަން ބޮޑީ ﷲ އެވެ. އެހެނީ، ﷲ ފިޔަވާ އެހެން ފަރާތަކުން މީހަކަށް ޘަވާބު ދޭނަމަ، އެމީހަކު ކުރި ޢަމަލަކާ އެއްވަރަށް މެނުވީ ނުދޭނެއެވެ. އިތުރުކުރިޔަސް ކުރާނީ ކުޑަ މިންވަރެކެވެ. ނަމަވެސް، ﷲ ތަޢާލާ ކޮންމެ ހެޔޮކަމެއްގެ ދަރުމަށް ދިހަގުނައިން ފެށިގެން ހަތްދިހަ ގުނައަށް އިތުރު ކުރައްވައެވެ. އަދި ﷲ އިރާދަކުރައްވައިފި އަޅަކަށް އެޔަށްވުރެވެސް އިތުރުކުރައްވައެވެ.

(وَخَيْرٌ عُقْبًا ) "އަދި އެންމެފަހުގެ ނިމުން ދެއްކެވުމުގައި، އެންމެހެޔޮ ރަސްކަލާނގެއެވެ."

(وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥﴾ ) މާނައަކީ: "ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ."

މި އާޔަތުގައި މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަމުރު ކުރައްވަނީ، އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ހެނދުނާއި ހަވީރު ﷲ އަށް އަޅުކަންކުރާ އިޚްލާޞްތެރި މުއިމިނުން ދޫކޮށްލުމަށް އެދި ހުށަހަޅާ މުޝްރިކުންގެ ގާތުގައި ވިދާޅުވާށެވެ. އެބައިމީހުންނަށް މިދުނިޔޭގެ ޙަޔާތުގެ ޙަގީގަތަކީ ކޮބައިކަން ދޭހަވާފަދަ މިޘާލެއް ޖައްސަވާށެވެ. އޭރުން އެބައިމީހުން ދުނިޔެ އާއި އާޚިރަތް އަޅާކިޔާ، އަދި އެދެތަނުންކުރެ ބޮޑަށް އިސްކަންދޭންވީ ކޮންތަނެއްކަން އެބައިމީހުން ނިންމާނެއެވެ. މިދުނިޔޭގެ މިޘާލަކީ އުޑުން ވެއްސަވާ ވާރޭފަދަ މިޘާލެވެ. ވާރޭވެހި ބިމުގެ ފަސްގަނޑުގައި ޖެހުމުން ގަސްތަކަށް ތާޒާކަންލިބި ހެދިގަނެއެވެ. އަދި އެގަސްތަކުގައި މާއަޅާ ބަލާމީހަކަށް ނިކަން ހިއްގައިމު ރީތި މަންޒަރުތަކެއް ފެނިގެންދެއެވެ. ދެން އެޔަށްފަހު ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށްވުމުން، އެއްކަލަ ގަސްތަކުގެ ޗާލުކަން ގެއްލިގެންދެއެވެ. އަދި ބަލައިލަން ރީތި މާތައް ހަލާކުވެގެންދެއެވެ. އަދި ބިންގަނޑު ގަހެއް ނެތް ހިރަފުސް ވެއްޔަށް ވެގެންދެއެވެ. މިދުނިޔެ އަކީވެސް އެފަދަ ތަނެކެވެ. މީހަކަށް މިދުނިޔޭގެ ޒީނަތްތެރިކަން ލިބުމުން، އެޔަށް ހެއްލި،

އާޚިރަތްމަތިން ހަނދާން ނައްތާލައިފިނަމަ، މަރު އައިސް ބައްދަލުކުރާ ހިނދު، ނުވަތަ ތިމާ އަށް ލިބިފައިވާ މުދާތައް ހަލާކުވެއްޖެ ހިނދުގައި، ތިމާ އަށް ދުނިޔޭގައި ލިބިފައިވާ ހުރިހާ އުފަލަކާއި ޒީނަތްތެރިކަމެއް ގެއްލިގެންދެއެވެ. އެހިނދުގައި އޭނާގެ ދެއަތުގައި ދަތް އަޅާފައި ސަހަރޯއޭ ހިތައް އަރާނެއެވެ. އަދި ހެޔޮ ޢަމަލު ކުރެވުނު ނަމަޔޭ ހިތައް އަރާނެއެވެ. ނަމަވެސް އޭރު ވަގުތުވަނީ ފާއިތުވެގެން ގޮސްފައެވެ. ހިތާމަ ކުރުމަކުން ފައިދާ އެއް ނުކުރާ ހިސާބަށް ކަންތައް އޮންނަނީ ގޮސްފައެވެ. އެހެންކަމުން، ބުއްދިވެރިޔަކު ނަމަ، މިދުނިޔޭގެ ޒީނަތްތެރިކަމުން އާޚިރަތް ބާއްޖެވެރި ކުރެވޭތޯ ބަލާނެއެވެ.

(وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ) އެމީހާގެ ބަގީޗާ އަށް ވަން ހިނދުގައި (مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا) "މި ނިޢްމަތްތައް ތިމަންނާގެ އަތުން ދުވަހަކުވެސް ގެއްލިގެން ނުދާނެއޭ" ބުނި މީހާގެ ބަގީޗާ އެއްކޮށް ހަލާކު ކުރެއްވުމަށް ކުޅަދުންވަންތަވި، އަދި އެނޫންވެސް އެމީހަކަށް ދެއްވާފައިވާ މުދަލުން އޭގެ ޙައްގުވެރިންނަށް ނުދީ އުޅޭ މީހުންގެ މުދާ ނެތި ކުރެއްވުމަށް ކުޅަދުންވަންތަ، އަދި ދުނިޔެ އާއި ދުނިޔޭގައިވާހާ އެއްޗެއް ފަނާކުރެއްވުމަށް ކުޅަދުންވަންތަ، އަދި އެނޫންވެސް އެކަލާންގެ އިރާދަކުރެއްވި ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އެކަލާންގެއަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެހެންކަމުން، މުދަލުގެ އަހްލުވެރިން އެމުދާ ގިނަކަމަށްޓަކައި ފަޚުރުވެރި ނުވާށެވެ. އަދި އެހެން މީހުންގެ މައްޗަށް ބޮޑާވެ ނުގަންނާށެވެ. އަދި ދުނިޔެ އާއި ދުނިޔޭގައިވާ ޒީނަތްތެރި ކަމަށް ހެއްލި ނުގަންނާށެވެ. ދުނިޔޭގެ މިޘާލަކީ ވާރޭފެން ލިބުމުގެ ސަބަބުން ހެދި ބޮޑުވެ ޗާލުވެފައިވާ ގަހެއްގެ މިޘާލެވެ. އުޑުން ފެންލިބުން ހުއްޓުމާއި އެކު އެގަހުގެ ބޭނުން ކެނޑިގެންދެއެވެ. އޭގެ ޗާލުކަން ގެއްލި، ހިކި ކުނޑިއަށް ބަދަލުވެގެން ދެއެވެ. މީހަކު އެޔަށް ބަލާހިތް ނުވާފަދަ އެއްޗަކަށްވެގެންދެއެވެ. އެހެންކަމުން، ފަނާވުމެއް ނުވާ އާޚިރަތުގެ ބާއްޖެވެރިކަން ޙާޞިލް ކުރަން ގަދައަޅާ މަސައްކަތް ކުރާށެވެ.

- ނުނިމޭ -