މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އަރައިގެން އައި އިރާއެކު، މާ ގިނަ އިރުތަކެއް ނުވެ ހަލުވިކަމާއެކު، ނޫސްތަކުގެ ސުރުހީތަކުންނާއި، ޓީވީ ތަކުން އަދި ވައިބާ ގްރޫޕްތައް ފަދަ އެހެނިހެން މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ފެތުރިގަތް ހަބަރަކީ، އެތައް ހާސް ބަޔަކު ދިރިއުޅޭ މާލެ ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ހަބަރެވެ. މިއީ، އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތިި، ރެންޑަމްކޮށް ޕޮޒިޓިވް ވި ފަރާތެއްކަން އެނގުމާއެކު އެންމެންގެ ހިތްތަކަށް ވެރިވެގެން ދިޔައީ ބިރުވެރިކަމެވެ.

15 ވަނަ ދުވަހުގެ ކޭސް އިއުލާން ކުރިތާ މާގިނައިރުތަކެއް ނުވެ، މިފަދަ ކޭސްއެއް ފެނިއްޖެނަމަ ކަންކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. އެއަށް ފަހު، ލޮކްޑައުންގެ މުއްދަތު އިތުރު ކުރަމުން އައިސް މިއަދަށް އެއް މަސް ފުރިފައި ވާއިރު، ލޮކްޑައުން އުވާލާނެ ދުވަހެއްގެ ކޮޅެއް ބަޔަކަށް ނޭނގެއެވެ. ލޮކްޑައުންއާ ގުޅޭގޮތުން ކޮންމެ ދުވަހަކުމެ ލިބެމުންދާ މައުލޫމާތުތަކަށް ބަލާލާއިރު، ލޮކްޑައުން އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭތޯ ސުވާލު އުފެދެއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގައި ލޮކްޑައުން ނުކުރާ ގައުމެއް މަދުވާނެއެވެ. އެ ގައުމުތަކުގައި ލޮކްޑައުން ތަންފީޒު ކުރާ ގޮތާއި، ރާއްޖޭގައި ތަންފީޒު ކުރާގޮތް ވެސް ހާސްބައި ތަފާތެވެ. ލޮކްޑައުން ކޮށްފައި ވަނިކޮށް މަގުމައްޗަށް ނިކުންނަ މީހުންނާ މެދު އެހެން ގައުމުތަކުގައި ހަރުކަށި ފިޔަވަޅު އަޅަމުން ދާއިރު، ރާއްޖޭގައި އެފަދަ މަންޒަރެއް ނުފެނެއެވެ. ބައެއް ގައުމުތަކުން ލޮކްޑައުން ތަންފީޒު ކުރުމުގެ ގޮތުން މަގުމައްޗަށް ޖަނަވާރު ފަދަ ތަކެތި ވެސް ނެރެގެން އުޅުނެވެ. ބައެއް ގައުމުތަކުން ނިންމީ، ގޭގައި ނުތިބެވޭނަމަ 5 އަހަރުގެ މުއްދަތަކަށް ޖަލު ބަންދު ކުރުމަށެވެ.

ރާއްޖެ ލޮކްޑައުން ކުރިއިރު ފުލުހުންގެ ފަރާތުން ވެސް މިފަދަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނަމުން ދިޔައެވެ. އަމުރާ ހިލާފުވާ ފަރާތްތައް ކަރަންޓީނު ކުރާނެ ކަމަށާއި، ހައްޔަރު ކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު، މާލެ، ވިލިމާލެ އަދި ހުޅުމާލެއިން އެކު ޖުމްލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީވެސް އެންމެ 210 މީހުންނެވެ. އެއީ މަގުމަތީގައި މިއުޅޭ މީހުންނަށް ބަލާލާނަމަ މަދު އަދަދެކެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ބޭރުގައި އުޅުނު މީހަކު ހުއްޓުވާފައި / ފޮޓޯ: ޕޮލިސް

މަހެއް ވެގެން ދިޔައިރު، މަގުމަތިން މީހުން މަދުވާތަނެއް ނުފެނެއެވެ. ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ފުލުހުން ދޫކުރާ ހުއްދައިގެ ނާޖާއިޒު ބޭނުން ކުރާތަން ދަނީ ފެންނަމުންނެވެ. އެއްބައި މީހުން މާސްކު އަޅައިގެން އުޅޭއިރު އަނެއްބައި މީހުންނަށް މާސްކެއް ނެތަސް ފަރުވާލެއް ނެތެވެ. ޓެކްސީ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ މަދު ފަރާތްތަކުން އާންމުންނަށް ދަތުރު ކޮށްދޭ އިރު، އެ ޓެކްސީއަށް އަރަނީ ހުއްދަ ހޯދައިގެން ބޭރުގައި އުޅޭ މީހަކުތޯ ވެސް ބަލާނުލައެވެ. ލޮކްޑައުންގެ މި ހާލަތުގައި ވެސް މަގުމަތިން މީހުން މަދުނުވާއިރު، މިހާތަނަށް 2965 ބިޒްނަސް ޕާމިޓް ދޫކޮށްފައި ވެއެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައްވެސް ހިމެނެއެވެ.

ކޮންމެ ދުވަހަކު ފުލުހުން ހިއްސާ ކުރަމުންދާ ތަފާސްހިސާބުތަކަށް ބަލާލާއިރު، ފާއިތުވި މަސްދުވަހުގެ ތެރޭގައި، ހުއްދަނެތި ބޭރުގައި އުޅެގެން 3349 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަނެއްހެން ބަލާލާނަމަ، ދުވަހެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް، މަގުމަތީގައި ފުލުހުން ހަރަކާތްތެރި ވަމުން ދާ މިންވަރު ކުރިއަށް ވުރެ އިތުރު ކުރެވިއްޖެނަމަ، މި އަދަދު ދެގުނަ ތިންގުނަ ވެސް އިތުރު ވެގެންދާނެ ކަން ކަށަވަރެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ބޭރުގައި އުޅުނު ބަޔަކު ހުއްޓުވާފައި / ފޮޓޯ: ޕޮލިސް

ރާއްޖެ ލޮކްޑައުން ކުރިއިރު ކޮށްފައިވާ އަންދާޒާ ތަކަށް ބަލާލާއިރު، ލޮކްޑައުން އަކާއެކު ޕޮޒިޓިވްވާ ކޭސްތައް އައިސޮލޭޓް ކުރުމާއި ޝައްކުވާ ފަރާތްތައް ކަރަންޓީނު ކުރުން ފަދަ މުހިންމު ފިޔަވަޅުތަކާއެކު ވެސް 49،000 މީހުންނަށް މިބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. ނަމަވެސް، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އާންމު ކުރި އަންދާޒާތަކަށް ބަލާލާއިރު، ކޮވިޑް-19 ރާއްޖެއިން ފިލައިގެން ދާއިރު 77000 މީހުންނަށް މި ބަލި ޖެހިގެން ދާނެއެވެ. ކުރީގެ އަންދާޒާތަކުން ޕީކް ޑޭގައި 2000 އެއްހާ މީހުންނަށް ބަލި ޖެހޭނެ ކަމަށް ބުނެފައި ވާއިރު، މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ޕީކް ޑޭ ގައި ބަލި ޖެހޭނީ 1600 އެއްހާ މީހުންނަށެވެ.

އެކަށީގެންވާ މިންވަރަށް ލޮކްޑައުން ތަންފީޒު ނުކުރެވި، ބަލި އިތުރަށް ފެތުރިގެން ދަނީއެވެ. މީހުން މަގުތަކުގައި އުޅޭ މިންވަރު މަދެއް ނުވެއެވެ. އަމުރާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅެއް ނޭޅެއެވެ. ރާއްޖޭގެ "ގުދު ތިރި ކުރަން" ބޭނުން ނަމަ ދެން ވެސް ކުރަންވީ ކަމަކީ ފިޔަވަޅުތައް ހަރުދަނާކޮށް، އަމުރުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ފުލުހުން ފޯރިމަރަނީ / ފޮޓޯ: ޕޮލިސް

އެގޮތުން ސިނަމާލެ ބްރިޖް ވަކި ވަގުތަކަށް ބަންދު ކުރުމާއި، ވިޔަފާރި ކުރުމަ ށްދޭ ފާސް ދޫކުރުން މަދު ކުރުމުގެ އިތުރުން، ޑެލިވަރީ ކުރުމަށް ދީފައިވާ ފާސްތައް ވެސް ވީހާވެސް މަދު ކުރުމަކީ މިއީ މިކަމުގެ ފެށުމެއް ކަމަށް ބެލެވިދާނެއެވެ. މިފަދައިން ފިޔަވަޅުތައް އަޅާ، ތަންފީޒު ކުރެވިއްޖެނަމަ އެއީ ރާއްޖޭގެ "ގުދު ތިރި ކުރުމަށް" ލިބޭ ފެހި ސިގްނަލަކަށް ވެސް ވެދާނެއެވެ. ހަމައެއާއެކު މިހާރު ޒަރޫރީ ބޭނުންތަކަށް ފުލުހުން ދޫކުރާ ޑިޖިޓަލް ހުއްދަ ރީ ޕްރިންޓް ކޮށްގެން އުޅޭ މީހުން މޮނިޓާކޮށް، އެފާސް ނަހަމަ ގޮތުގައި ބޭނުން ކުރޭތޯ ބެލުމަކީވެސް ކުރަންޖެހޭ ކަމެކެވެ.

މިކަމުގައި އޮތީކީ ހަމައެކަނި ފުލުހުންގެ ނުވަތަ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްވެސް ނޫނެވެ. ފަރުދީ ޒިންމާވެސް އެބައޮތެވެ. ކޮންމެ ރައްޔިތެއްގެ ފަހަތުގައި ފުލުހަކު ބެހެއްޓުމަކީ ވާނެ ކަމެއް ނޫނެވެ. ފަރުދީ ޒިންމާ ނަގައިގެން ނުކޮށް ދޫކޮށްނުލެވޭ ވަރުގެ ޒަރޫރީ ބޭނުމަށް މެނުވީ ގެއިން ބޭރަށް ދިއުން ހުއްޓާލުން މުހިންމެވެ. އަދި އެފަދަ ހާލަތްތަކުގައި ވެސް ބޭރަށް ނިކުންނަނީ އެކަމަށް ބޭނުންވާ ހުއްދަތައް ހޯދައިގެންކަން ކަށަވަރު ކުރަން ޖެހެއެވެ. ނަމަވެސް މިފަދައިން ފަރުދީ ޒިންމާ ނުނެގޭ ނަމަ، ލޮކްޑައުންގެ މުއްދަތު ދެތިން މަހަށް އަދި އިތުރު ކުރިޔަސްވެސް ލޮކްޑައުންގެ ފައިދާއެއް ނުކުރާނެއެވެ.