(قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا ﴿٣٧﴾)
(قَالَ لَهُ صَاحِبُهُ) އޭނާގެ ޞާޙިބް މުއިމިން މީހާ އޭނާ އަށް ނަޞޭޙަތްތެރިވާ ޙާލުގައި، އަދި އޭނާގެ އުފެދުމުގެ އަޞްލު ހަނދާންކޮށްދެމުން ބުންޏެވެ.
( وَهُوَ يُحَاوِرُهُ ) އޭނާ އާއި ވާހަކަ ދައްކަމުން ބުންޏެވެ.
(أَكَفَرْتَ ) ތިބާ ކާފަރުވަނީ ހެއްޔެވެ؟
(خَلَقَكَ مِن تُرَابٍ) ތިބާގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް ވެލިން އުފެއްދެވިއެވެ.
(ثُمَّ مِن نُّطْفَةٍ ) ދެން އެއަށްފަހު ފިރިހެނަކާއި އަންހެނެއްގެ ފެންތިކިން ތިބާއުފެއްދެވިއެވެ.
( ثُمَّ سَوَّاكَ رَجُلًا ) ދެން އެއަށްފަހު ފުރިހަމަ ފިރިހެނެއްގެ ގޮތުގައި ތިބާލެއްވިއެވެ.
މިހުރިހާ މަރްޙަލާތަކެއް ކަޑަކްތު ކުރައްވާ ތިބާ އުފެއްދެވި އިލާހު، ތިބާ މަރުވެ، ކަށިތައް ވީރާނާވުމަށްފަހު އަލުން ދިރުއްވުމަށް ކުޅަދުންވަންތަވޮޑިގެންވާ ކަމާއި މެދުގައި ތިބާ އިންކާރުކޮށް ކާފަރުވަނީ ހެއްޔެވެ؟ ތިބާ އަށް މިދުނިޔެމަތީގައި ލިބިފައިވާ ނިޢްމަތްތަކަކީ ތިބާގެ ބާރުގަދަ ކަމުން ނުވަތަ ތިބާގެ މޮޅުކަމުން ލިބިފައިވާ ނިޢްމަތްތަކެއް ނޫނެވެ. ނަމަވެސް، އެއީ ﷲ ގެ ފަޟްލަވަންތަކަމުން ތިބާ އަށް ދެއްވާފައިވާ ކަންތައްތަކެކެވެ. ވީމާ، ތިބާ އަށް ދެއްވާފައި މިވާ ބޮޑެތި ނިޢްމަތްތަކަށް އިންކާރު ކުރުން މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިހުރިހާ ނިޢްމަތްތަކެއް ތިބާ އަށް ދެއްވާފައިވީއިރު އެނިޢްމަތަކަށް ކުފުރުވެރިވެ، މަރުވުމަށްފަހު އަލުން ނުދިރުއްވާނެކަމަށްބުނެ، އަދި ދިރުއްވިނަމަވެސް، ހަމަމިފަދަ ނިޢްމަތް އާޚިރަތުގައިވެސް ތިބާ އަށް ދެއްވާނެކަމަށް ތިޔަބުނަނީ ކޮންހަމައަކުން ހެއްޔެވެ؟
މި އާޔަތުން ދޭހަވަނީ މަރުވުމަށްފަހު އަލުން ދިރުއްވާނެކަމަށް އިންކާރު ކުރާ މީހުންނަކީ ކާފިރުން ކަމެވެ. ސޫރަތުއް ތަޣާބުންގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧﴾) މާނައަކީ: " كافر ވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ."
މިދެމީހުން ކުރެ ﷲގެ ނިޢްމަތަކަށް ޝުކުރުވެރިވާ، މުއިމިން މީހާ އަނެކާ އަށް ނަޞޭޙަތްދީވެސް، އޭނާ އިޞްލާޙު ނުވާނެކަން އިޙްސާސް ކުރެވުނު ހިނދުގައި، އޭނާ އަކީ ﷲ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވާ މުއިމިނެއްކަން އިޢްލާންކުރުމުގެ ގޮތުން ބުންޏެވެ.
( لَّـٰكِنَّا هُوَ اللَّـهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا ﴿٣٨﴾ ) އަހަރެން ގަބޫލުކުރަނީ އަހަރެން ހައްދަވާ ގެންގުޅުއްވަނީ ﷲ ކަމަށެވެ. އެހެންކަމުން، އެފަރާތަށް ފުރިހަމައަށް ކިޔަމަންގަނެ، އެފަރާތުގެ އެންގެވުންތަކަށް ފުރިހަމަ އަށް ބޯލަނބާނަމެވެ. އަދި އަހަރެން އަޅުކަންކުރަނީވެސް ހަމައެކަނި އެފަރާތަށެވެ. އެފަރާތާއި އެކު އެއްވެސް ޝަރީކަކު ނުވެއެވެ. އަހަރެންގެ އަތުގައި ކިތަންމެ މުދާމަދު ކަމުގައިވީނަމަވެސް، އަހަރެންނަށް ދެއްވާފައިވާ ޙަގީގީ އީމާންކަމަކީ އެހެންހުރިހާ ކަމަކަށްވުރެ މާއަގުބޮޑު ނިޢްމަތެކެވެ. އެހެންކަމުން، ޙަގީގީ ނިޢްމަތަކީ އެއީއެވެ. އެނޫން ނިޢްމަތްތަކަކީ ފިލާދާފަދަ ކަންތަކެވެ. އަދި އޭގެ ސަބަބުން ހަލާކާއި ޢަޛާބާއިވެސް ކުރިމަތިލާން ޖެހިދާނެފަދަ ކަންތަކެވެ.
(وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾ فَعَسَىٰ رَبِّي أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠﴾)
އިންސާނާ އޭނާގެ ހިތްކިޔާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޢަޖައިބު ކުރުވަނިވި ފަދަ ކަމެއް މެދުވެރި ވެއްޖެނަމަ، އެކަމަކީ އޭނާގެ އަމިއްލަ މުދަލުން ނުވަތަ ދަރިންގެ ކިބައިން ފެނުނު ކަމެއް ނަމަވެސް، ކިޔުން މަޝްރޫޢު ވެގެންވަނީ ( مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ ) މިފަދައިންނެވެ.
( مَا شَاءَ اللهُ تَبَارَكَ اللهُ ) މިފަދައިން ކިޔުމަކީ ވެސް ސުންނަތުން ޘާބިތުވާ ކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާމިރު ބިން ރަބީޢާގެ ގާތުގައި ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. "ތިބާ ހިތް އެދޭފަދަ ކަމެއް ނުވަތަ ޢަޖައިބު ކުރުވަނިވި ކަމެއް މެދުވެރި ވުމުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމައެވެ." ރަވާހުލް އިމާމް އަޙްމަދު.
އައްނަސާއީގެ އައްސުނަނުލް ކުބްރާގައި ވާ ރިވާޔަތެއްގައި ވެއެވެ. "ބަރަކާތް ލެއްވުން އެދި ދުޢާ ނުކުރީ ކީއްވެ ހެއްޔެވެ؟ ހަމަކަށަވަރުން، އެސްފިންނާ އަކީ ޙަގީގަތެކެވެ."
މިއިން ދޭހަވަނީ އިންސާނަކު އޭނާގެ މުދަލުންނާއި ދަރިންގެ ކިބައިން އޭނާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ކިޔުން މަޝްރޫޢު ވެގެންވަނީ ( مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ ) އެވެ.
އަދި އެހެން މީހެއްގެ މުދަލާއި ދަރިންގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ކިޔުން މަޝްރޫޢު ވެގެން ވަނީ ( مَا شَاءَ اللهُ تَبَارَكَ اللهُ ) އެވެ. ނޫންނަމަ، އެމީހެއްގެ ހިތުގައިވާ ކަންތައްތައް ފިލައި ދިޔުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރުމެވެ. ނުވަތަ ގިނަގިނައިން ﷲ ޛިކްރު ކުރުމެވެ.
ޙަސަދަވެރި ކަމުގެ ބިރު އޮވެއްޖެނަމަ (ما شاء الله ، لا قوة إلا بالله ) މިފަދައިން ކިޔާ ދުޢާ ކުރުމަކީ މަޝްރޫޢު ކަމެއްތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم وبعد:
މީހެއްގެ ފަރާތުން ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ނުވަތަ ހިތްއެދޭ ފަދަ ކަމެއް ފެނި، އޭނާ އަށް އެސްފިންނާގެ އަޘަރު ކޮށްފާނެ ކަމަށް ބިރު ހީވެއްޖެނަމަ، ސުންނަތް ވެގެންވާ ގޮތަކީ އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا رَأَى أَحَدُكُمْ مِنْ نَفْسِهِ وَأَخِيهِ مَا يُعْجِبُهُ ، فَلْيَدْعُ بِالْبَرَكَةِ ، فَإِنَّ الْعَيْنَ حَقٌّ ) މާނައަކީ: "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގައި ވިޔަސް ނުވަތަ އަޚާގެ ކިބައިގާ ވިޔަސް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ހަމަކަށަވަރުން އެސްފިންނާ އަކީ ޙަގީގަތެކެވެ." رواه ابن السني في " عمل اليوم والليلة " ص 168 والحاكم 4 / 216 وصححه الألباني في " الكلم الطيب " 243 .
عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ ، قَالَ : مَرَّ عَامِرُ بْنُ رَبِيعَةَ بِسَهْلِ بْنِ حُنَيْفٍ وَهُوَ يَغْتَسِلُ , فَقَالَ : لَمْ أَرَ كَالْيَوْمِ وَلا جِلْدَ مُخَبَّأَةٍ فَمَا لَبِثَ أَنْ لُبِطَ بِهِ فَأُتِيَ بِهِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقِيلَ لَهُ : أَدْرِكْ سَهْلا صَرِيعًا ، قَالَ : " مَنْ تَتَّهِمُونَ بِهِ " قَالُوا : عَامِرُ بْنُ رَبِيعَةَ ، قَالَ : " عَلَيَّ مَاذَا يَقْتُلُ أَحَدُكُمْ أَخَاهُ إذَا رَأَى أَحَدُكُمْ مِنْ أَخِيهِ مَا يُعْجِبُهُ فَلْيَدْعُ لَهُ بِالْبَرَكَةِ " , ثُمَّ دَعَا بِمَاءٍ فَأَمَرَ عَامِرًا أَنْ يَتَوَضَّأَ ، فَغَسَلَ وَجْهَهُ وَيَدَيْهِ إلَى الْمِرْفَقَيْنِ وَرُكْبَتَيْهِ وَدَاخِلَةَ إزَارِهِ وَأَمَرَهُ أَنْ يَصُبَّ عَلَيْهِ ) رواه ابن ماجه 3509 وأحمد 15550 ومالك 1747.މާނައަކީ: ޢާމިރު ބިން ރަބީޢާ ސަހްލު ބިން ޙުނައިފް ފެންވަރަން ހުއްޓާ ހުރަސްކުރިއެވެ. އަދި ބުންޏެވެ. "މިއަދު މިފެނުނު ފަދަ މީހަކު ދުވަހަކުވެސް ނުދެކެމެވެ. އަދި މިފަދަ ދޮން ޖާރިޔާ އަކުވެސް ނުދެކެމެވެ. މާގިނައިރު ތަކެއް ނުވެ ސަހްލު ބިން ޙުނައިފަށް އެސްފިންނާ ޖެހި ބިން މައްޗަށް ވެއްޓިއްޖެއެވެ. ދެން އޭނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންދެވުނެވެ. އަދި ދެންނެވުނެވެ. "ސަހްލު އަށް އެސްފިންނާ އެއް ޖެހިއްޖެއެވެ." ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ތުހުމަތު ކުރަނީ ކާކަށް ހެއްޔެވެ؟" އެބައިމީހުން ބުންޏެވެ. "ޢާމިރު ބިން ރަބީޢާ އަށެވެ." ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާ ގަތުލު ކުރަނީ ކޮންކަމަކާ ގުޅިގެން ހެއްޔެވެ؟ ތިޔަބައިމީހުންގެ އަޚާގެ ކިބައިގާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ." އެއަށް ފަހު ފެން އެއްޗެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި އެފެން އެތިން ވުޟޫ ކުރުމަށް ޢާމިރު އަށް ދެންނެވިއެވެ. އެހިނދު ޢާމިރު އޭނާގެ މޫނާއި ދެއަތް އުޅަނބޮއްޓާއި ހަމައަށް އަދި ދެކަކުލާއި މުންޑުގެ އެތެރެއިން ލައިގެން ހުރި ހެދުން ދޮވުނެވެ. އަދި އެފެން ސަހްލު ބިން ޙުނައިފްގެ ގަޔަށް އެޅުމަށް އަމުރު ކުރެއްވިއެވެ.
މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން، ނުވަތަ އެސްފިންނާގެ ބިރުވެރި ކަމެއް އުފެދުމުން ބައެއް މީހުން (مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ ) ބުނާ ބުނުމާއި ބެހޭ ގޮތުން ބުނަމެވެ. އެކަމަށް ދަލާލަތު ކޮށްދޭނެ ޙަދީޘެއް އަބޫޔަޢްލާ އެކަލޭގެފާނުގެ މުސްނަދުގައި، އަދި އަލްމަޠާލިބުލް ޢާލިޔާ 10/348، އިބްނު ކަޘީރުގެ ތަފްސީރު 5/158 ގައި އަނަސް ބިން މާލިކްގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَا أَنْعَمَ اللَّهُ عَزَّ وَجَلَّ عَلَى عَبْدٍ نِعْمَةً مِنْ أَهْلٍ أَوْ مَالٍ أَوْ وَلَدٍ ، فَيَقُولُ : مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ ، فَيَرَى فِيهِ آفَةً دُونَ الْمَوْتِ " . وَكَانَ يَتَأَوَّلُ هَذِهِ الْآيَةَ : وَلَوْلا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ سورة الكهف آية 39 ) މާނައަކީ: "މާތް ﷲ މީހަކަށް ދަރިން ނުވަތަ މުދަލުގެ ނިޢްމަތެއް ދެއްވާފައިވާތަން ފެނި، (مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ ) މިފަދައިން ކިޔައިފިނަމަ، މަރުފިޔަވާ އެހެން ހުރިހާ އާފަތަކުން އެމީހަކު ސަލާމަތް ވާނެއެވެ. އެކަލޭގެފާނު އިޝާރާތް ކުރައްވަނީ ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތަށެވެ. އެއާޔަތުގެ މާނާގައި ވެއެވެ. " އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ."
ނަމަވެސް، އިސްވެ ބަޔާން ކުރެވުނު ޙަދީޘަކީ ޟަޢީފް ޙަދީޘެކެވެ. ސަބަބަކީ އެޙަދީޘްގެ ރާވީންގެ ތެރޭގައި ޢަލީ ޢަބްދުލްމަލިކި ބިން ޒިރާރާ ނަމަކަށް ކިޔުނު މީހަކު ހުރުމެވެ. އޭނާ އަކީ ޙަދީޘް ރިވާ ކުރުމުގައި ބަލިކަށި މީހެކެވެ. (ބައްލަވާ: އަލްއަސްމާއު ވައްޞިފާތު ލިލްބައިހަގީ، ތަޙްގީގް ޢަބްދުﷲ އަލްޙާޝިދީ، އަދި ޙާޝިޔަތުލް މުޙައްގިގް 1/417.)
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއް ފެނި، އޭނާ އަށް އެސްފިންނާ އެއް ނުވަތަ އާފަތެއް މެދުވެރިވެދާނެ ކަމުގެ ބިރު އޮތްނަމަ، ނުވަތަ އެނިޢްމަތެއް ލިބިފައިވާ މީހަކު ބޮޑާވެ ހަލާކުވެދާނެ ކަމުގެ ބިރު އޮތްނަމަ، މި ޛިކްރު ކިޔުމަކީ މަޝްރޫޢު ކަމެކެވެ. މިބޭފުޅުންގެ ދަލީލަކީ އިސްވެދިޔަ އާޔަތުން ދޭހަވާމާނަ އެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ހަސަދަވެރި ކަމުގެ ބިރު ހީވެއްޖެނަމަ، އެމީހަކު އެސްފިންނާ އިން ސަލާމަތް ކުރުމަށް ޓަކައި ( مَا شَاءَ اللَّهُ ، تَبَارَكَ اللهُ ) މިފަދައިން ކިޔުން ހުއްޓެވެ.
ހަމައެފަދައިން، އިންސާނެއްގެ މުދަލުގައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، (مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ ) މިފަދައިން ކިޔައިފިނަމަ، އެނިޢްމަތް އެމީހަކަށް ދެއްވި ﷲ އަށް ވަކީލުކޮށްފިއެވެ. (ފަތާވާ ނޫރުން ޢަލައްދަރްބި)
އަދިވެސް ޝައިޚް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ތިމާގެ އެސްފިންނާ އެމީހަކަށް ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެނަމަ، ކިޔުން އެންމެ ރަގަޅު ޛިކްރަކީ ( تَبَارَكَ اللهُ عَلَيْكَ) އެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެމީހެއްގެ އެސްފިންނާ އެހެން މީހަކަށް ޖެހުނު ހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (هَلَّا بَرَّكْتَ عَلَيْهِ ) މާނައަކީ: "އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމަ އެވެ."
(مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ ) މި ޛިކްރު ކިޔާނީ އެމީހެއްގެ މިލްކިއްޔާތާއި މެދު ޢަޖައިބު ވެއްޖެނަމަ އެވެ. ސޫރަތުލް ކަހްފިގެ 39 ވަނަ އާޔަތުގައި ވާފަދައިންނެވެ. "އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ."
އަޘަރުގައި އައިސްފައި ވެއެވެ. (مَنْ رَأَى مَا يُعْجِبُهُ فِيْ مَالِهِ فَقَالَ: مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ لَمْ يُصِبْهُ فِيْ مَالِهِ أَذَىً أَوْ كَلِمَةً نَحْوَهَا ) މާނައަކީ: "މީހެއްގެ މުދަލުގައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނި ( مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ) ނުވަތަ މިއާއި އެއްފަދަ އެހެން ކަލިމަ އެއް ކިޔައިފިނަމަ، އެމީހެއްގެ މުދަލުގައި އެއްވެސް ގޯނާ އެއް (އެސްފިންނާ އެއް) ކުރިމަތި ނުވާނެއެވެ." (ލިގާއުލް ބާބިލް މަފްތޫޙި 19/235.)
ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ (1/547) އެސްފިންނާ އަކީ ޙަގީގަތެކެވެ. ޙަދީޘް ބަސްފުޅުގައިވެސް އައިސްފައި ވެއެވެ. (اَلْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَابِقٌ الْقَدْرِ لَسَبَقَتْهُ الْعَيْنِ) މާނައަކީ: "އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ. عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : (كَانَ يُؤْمَرُ الْعَائِنُ فَيَتَوَضَّأُ ثُمَّ يَغْسِلُ مِنْهُ الْمَعِيْن) މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ".
އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެކެވެ. އެހެންކަމުން އެސްފިންނާ ޖެއްސުމުން ފަރުވާ ކުރުމަށް ޓަކައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ ޙަދީޘް ގައި އައިސްފައިވާ ފަދައިން ﷲ ޛިކްރު ކުރާށެވެ. އަދި ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (هَلَّا إِذَا رَأَيْتَ مَا يُعْجِبُكَ بَرِّكْتَ ) މާނައަކީ: "ތިބާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމައެވެ." އެހެންކަމުން މިފަދަ ކަމެއް ފެނުމުން އެމީހަކު ކިޔާށެވެ. ( مَا شَاءَ اللهُ لَا قُوَّةَ إِلَّا بِاللهِ) އަދި އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ( ފަތާވާ އައްލަޖްނަތުއްދާއިމާ 1/109). والله أعلم .
އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ- ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. "ތިބާ ބަގީޗާ އަށް ވަން ހިނދު ނުވަތަ ބަލައިލި ހިނދު، ﷲ ތިބާ އަށް ދެއްވާފައިވާ ނިޢްމަތްތަކާއި މެދު، އަދި އެހެން މީހުންނަށް ނުދެއްވާ މިންވަރަށް މުދަލާއި ދަރިން ދެއްވާފައިވާތީވެ، އެކަމަށް ﷲ އަށް ޙަމްދުކުރި ނަމަ އެވެ. އެހެންވެގެން ބައެއް ސަލަފުން ވިދާޅުވެފައި ވެއެވެ. "އެމީހެއްގެ ޙާލާއި މެދުގައި ނުވަތަ މުދަލާއި މެދުގައި ނުވަތަ ދަރިންނާއި މެދުގައި ޢަޖައިބު ވެއްޖެނަމަ، ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ )މިފަދައިން ކިޔާ ހުށިކަމެވެ. މި ބަސްކޮޅު ނެގިފައިވަނީ ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތުންނެވެ.
އަލްބިދާޔާ ވައްނިހާޔާގެ 12/141 ގައި އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "އެމީހެއްގެ ޙާލާއި، މުދަލާއި، ދަރިންނާއި މެދު ޢަޖައިބު ވެއްޖެ ކޮންމެ މީހަކު މިފަދައިން ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ސުވާލު އުފެދިފައިވާ ޙަދީޘެއް ވެސް ވާރިދު ވެގެން ވެއެވެ." މިފަދައިން އަލްބައިޟާވީ، އަލްބަޣަވީ، އިބްނުލް ޢަރަބީ، އަލްގުރްޠުބީ، އައްސުޔޫޠީ، އަލްމުޙައްލާ، އަލްޢިރާގީ ޠަރްޙުއްތަޘްރީބޭ ކިޔުނު ފޮތުގައި ލިޔުއްވާފައި ވެއެވެ.
- ނުނިިމޭ -