ވެކްސިންއެއް އަދި ފަރުވާއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް (ސާސް-ކޯވް-2) އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ފެތުރިގެންދާ ފަސޭހަކަމާ، ހަލުވިމިން ދައްކުވާދޭ އާދަޔާ ހިލާފު، ހޭލުންތެރި ކުރުވަނިވި ވީޑިއޯއެއް ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓިންގް އޯގަނައިޒޭޝަން (އެންއެޗްކޭ) އިން ސިއްހީ ތަޖުރިބާކާރުން ގުޅިގެން ތައްޔާރުކޮށް، އާންމުކޮށްފިއެވެ.

އިންޓަނެޓްގައި މިހާރު ވައިރަލް ވަމުންދާ މި ވީޑިއޯއަކީ ކުޅެފައިވާ މަންޒަރުތަކެކެވެ. މަންޒަރު ސިފަކޮށްދީފައި ވަނީ ކްރޫޒް ޝިޕެއްގެ ރެސްޓޯރަންޓްއެއް ސިފަވާ ގޮތަށެވެ. އެ ރެސްޓޯރަންޓްގައި އޮންނަނީ ބުފޭއެކެވެ. އަދި 10 މީހަކު އެ ތަނުގައި ހަރަކާތްތެރި ވެއެވެ. ބައްޔަށް އިންފެކްޓް ވެފައިވާ މީހާ ރަމްޒުކޮށްދީފައި ވަނީ އޭނާގެ އަތަށް ފްލޯރިސަންޓް ފްލުއިޑް ކޮޅެއް އަޅައިގެންނެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރިގެންދާ ގޮތަށް މީހުން ހޭލުންތެރިކުރުވުމަށް ޖަޕާނުން ތައްޔާރުކުރި ވީޑިއޯގެ ސްކްރީންގްރޭބް/ފޮޓޯ: އެންއެޗްކޭ

10 މީހުންވެސް ބުފޭ ތެރޭގައި ހަރަކާތްތެރި ވަނީ ބައްޔަކަށް އިންފެކްޓް ވެދާނެ ކަމަށް ބަލައިގެންނެއް ނޫނެވެ. 30 މިނެޓެއް ހާއިރު ކުރިއަށް ދާ ބުފޭ ނިންމާލަނީ އެ މާލަމުގައި ބްލެކްލައިޓެއް ދިއްލާ، އިންފެކްޝަން ފެތުރިފައިވާ ގޮތް އަންގައިދެމުންނެވެ.

މި ހޭލުންތެރި ކުރުވުމުގެ ވީޑިއޯ ތައްޔާރު ކުރުމަށް ވައިރަހުގެ ގޮތުގައި ބޭނުން ކުރި ފްލޯރިސަންޓް މާއްދާ، ކާބޯތަކެތީގެ އިތުރުން ކައިބޮއި ހަދަން ގެންގުޅުނު ކަންވާރާ، ބުފޭގައި ބައިވެރިވި މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަނީ ފެތުރިފައެވެ.

ސިއްހީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިއީ ކޮވިޑް-19ގެ ހަގީގީ ހާލަތު އޭގެ އެންމެ ފަންނީ ފެންވަރުގައި އަންގައިދޭ ވީޑިއޯއެއް ނޫނެވެ. ނަމަވެސް މިއީ ވައިރަސް ފެތުރިގެންދާ ގޮތް އާންމު މީހަކަށް އަންގައިދޭން ރަނގަޅު ގޮތެއް ކަމަށާ، އަތް ދޮވުމުގެ އާދަ ގެންގުޅޭނަމަ ހާލަތު ބަދަލުވެގެންދާ ގޮތްވެސް މި ވީޑިއޯގައި ހިމެނިނަމަ އިތުރު ފުރިހަމަކަމެއް ލިބުނީސް ކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.