ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މީހަކު ވާހަކަދެއްކުމުގެ ތެރޭގައި ބުރައިގެންދާ ވައިރަހުގެ ތިކިތައް، ވައިގެ ތެރޭގައި އެތައް މިނެޓެއް ވަންދެން ހުރުން އެކަށީގެން ވާކަމަށާ، މިއީ އިތުރު ބަޔަކު ބައްޔަށް އިންފެކްޓް ވުމަށް މަގުފަހި ކުރާނެ ފުރުސަތު އޮތް ކަމެއް ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތްއާއި ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާ ލަފާ ކުރާ ގޮތުގައި، ބެދިފައިވާ ތަނެއްގެ ތެރޭގައި 1 މިނެޓް ވަންދެން ބާރަށް ވާހަކަ ދެއްކުމުން 1000 "ސްޕީޗް ޑްރޮޕްލެޓްސް" ނުވަތަ ތިކިތައް ވައިގެ ތެރެއަށް ބުރައިގެން ދެއެވެ. އަދި މި ތިކިތަކުގެ ތެރޭގައި ކޮވިޑް-19 ޖައްސާ ވައިރަހުގެ ތިކިތައްވެސް ހިމެނެއެވެ.

ޕިއާ ރިވިއު ޖާނަލްއެއް ކަމަށްވާ ޕްރޮސީޑީންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސް އޮފް ދި ޔުނައިޓަޑް ސްޓޭޓްސް އޮފް އެމިރކާ (ޕީނާސް)ގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، މި ތިކިތައް ވައިގެ ތެރޭގައި 8 މިނެޓެއްހާއިރު ވަންދެން ހުރެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ، ވައި ބެދިފައިވާ މާހައުލެއް ރަމްޒުވާ ފަދަ ތަނަކާ ގުޅާފައިވާ ޕޯޓަކަށް ވާ ގޮތަށް މީހަކު ހުއްޓުމެއް ނެތި "ސްޓޭ ހެލްތީ" މި ލަފުޒު ކިޔަކިޔާ ހުރެގެންނެވެ. މި ލަފުޒުގައި "ތީ" އަކީ އިންތިހާއަށް "ސްޕީޗް ޑްރޮޕްލެޓްސް" ބޭރު ކޮށްލަނިވި އަޑެކެވެ. މި ތިކިތައް އެ މީހާގެ ހަށިގަނޑުން ބޭރުވުމަށް ފަހު ދެންވާ ގޮތެއް ދިރާސާ ޓީމުން ބެލީ ލޭޒާ ޓެކްނޮލޮޖީގެ އެހީގައެވެ.

އެހެން ދިރާސާއެއް ބުނާ ގޮތުން ނަމަ މިއީ އެހެން މީހެއްގެ ހަށިގަނޑުގެ ތެރެއަށް އެ ވައިރަސްތައް ވަދެ އެމީހަކުވެސް އެ ބައްޔަށް އިންފެކްޓް ކުރުމުގެ ފުރުސަތު އޮތް ވަގުތެކެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް އަދި ވެކްސިންއެއް ހޯދިފައި ނުވާއިރު މި ބަލިން ދިފާއު ވެވެން މިވަގުތަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމެވެ. ނަމަވެސް، މިއިން 100 އިންސައްތަ ކަށަވަރު ފިޔަވަޅެއް ނޫންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.