ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ އިގުތިސޯދި ނެގެހެއްޓުމަށް ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ވެލިއު އެޑަޑް ޓެކްސް (ވީއޭޓީ) 3 ގުނަ އިތުރު ކުރުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

މީގެ އިތުރުން، ދިރިއުޅުމުގެ ކަންކަމަށް ހިނގާ ޚަރަދު ކުޑަކުރާނެކަންވެސް ސައުދީގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ސައުދީ އަރަބިއްޔާގެ އިގުތިސޯދާށް އެހާ ބޮޑަށް ނޭދެވޭ އަސަރު ފޯރާފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދިޔަ އިގުތިސޯދީ، ސިނާއީ އަދި އާންމު ދިރިއުޅުމުގެ ހަރަކާތްތައް ހުއްޓުމަކަށް އައިސް، ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވެގެން ދިއުމުންނެވެ.

ސައުދީ އަރަބިއްޔާއިން ވީއޭޓީ ތައާރަފު ކުރީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީވެސް، ސައުދީއިން ތެލަށް ވެފައި އޮތް ބަރޯސާ ވީހާވެސް ބޮޑަކަށް ކުޑަކުރުމުގެ މަގުސަދުގައެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި ޖުލައި 1 ވަނަ ދުވަހުން ފެށިގެން އެގައުމުގައި ނަގަމުންދާ ވީއޭޓީ، 5 ޕަސެންޓްއިން 15 ޕަސެންޓްއަށް އުފުލިގެންދާނެއެވެ. އަދި ޖޫން 1 ވަނަ ދުވަހުން ފެށިގެން ދިރިއުޅުމުގެ ޚަރަދުތައްވެސް ހުއްޓުމަކަށް ގެންނާނެއެވެ.

ސައުދީގެ މާލީ ވަޒީރު މުޙައްމަދު އަލް-ޖަދާން ވިދާޅުވީ، މިއީ ހިތްދަތި ތަކުލީފުތަކެއް ކަމަށާ، ނަމަވެސް މިއީ މެދު އަދި ދިގު ރާސްތާއަށް ބަލާ، އިގުތިސޯދީ އަދި މާލީ ހަމަޖެހުން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ފިޔަވަޅުތަކެއް ކަމަށެވެ.

މިދަނޑިވަޅަކީ ސައުދީގެ ދައުލަތަށް ލިބުނު އެއްޗަކަށްވުރެ ޚަރަދު ބޮޑުވެ، މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ސައުދީގެ ބަޖެޓް، ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާ ދަނޑިވަޅެކެވެ.