ބަނގުރާ ހުރިތަނެއްގައި ބަނގުރަލާއެކު ދިވެހިންގެ ބަޔަކު މަޖާ ނަގަމުން ދިޔަ ތަނެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހުންނަވާ އެކަން ހުއްޓުވަން މަސައްކަތް ކުރައްވާފައި ނުވާ ކަމަށާ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާފައިފި ކަމަށް ބުނެ އެކަން ތަހުގީގު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެކަމާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ ބަނގުރާ ހުރިތަނެއްގައި ބަނގުރަލާއެކު ދިވެހިންގެ ބަޔަކު މަޖާ ނަގަމުން ގެންދާ ފޮޓޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ގޮސްފައިވާ ކަމަށެވެ. އަދި އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވެސް އެތަނުގައި ހުންނަވާ އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި، އެކަން ކުރަމުން ގެންދާ ބަޔަކަށް ހިތްވަރު ދެއްވަމުން ގެންދަވާކަން ދޭހަވާ ކަމަށެވެ.

ހަމައެއާއެކު ގާނޫނު ނެގެހެއްޓުމުގެ އެންމެ އިސް ޒިންމާ ހަވާލުވެފައިވާ އެއް ފަރާތް ކަމުގައިވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، އެފަދަ ތަނެއްގައި އެކަމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި އެފަރާތްތަކާ ބައިވެރިވެ އުފާފާޅު ކުރައްވަމުން ގެންދެވުމަކީ، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުން ކަމަށާއި، އެ މުއައްސަސާއަށް ދިވެހި ރައްޔިތުން ކުރަމުންގެންދާ އިތުބާރު ނަގާލުން ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އިދިކޮޅުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމުގައި މުހައްމަދު ހަމީދު ހުންނަވައިގެން ފުލުހެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުގައި ފަސްޖެހިވަޑައިގެން، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާފައިފި ކަމަށާ އެމައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރައްވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.

އިދިކޮޅު ކޯލިޝަނުން މިފަދައިން ބުނެފައި ވާއިރު އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ކޮމިޝަނަރު އޮފް ޕޮލިސް ކޮމްޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ސީޕީ ހަމީދަކީ އިހުލާސްތެރި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުގައި ސީޕީ ހަމީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުންވެސް އެތަނުގައި ހުންނެވިއެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ސީޕީ ހަމީދަށް ފާޑު ކިޔަމުންނެވެ.