ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ހަށިރައްކަލަކަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ސްޓްރެލައިޒްކޮށް ސާފުކުރުމަށް ރޭޑިއޭޝަންގެ ސަބަބުން ބިނާކުރަނިވި އެހީތެރިކަމެއް ލިބިދޭ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ބުނެފިއެވެ.
އައި.އޭ.އީ.އޭ އިން މިކަން ހާމަކޮށްފައިވާ މި ދަނޑިވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުންދާ ދިއުމާއެކު، ޕީޕީއީއަށް އޮންނަ ޑިމާންޑް އިތުރުވެ، ޑިމާންޑްއާއި އެއްވަރަށް ސަޕްލައި ނުކުރެވި، ކުރީ ސަފުގައި ހަރަކާތްތެރިވާ އެތައް ބައެއްގެ ފުރާނަ، ނުރައްކަލަށް ހުށަހެޅިފައިވާ ދަނޑިވަޅެކެވެ.
ޕީޕީއީ ސްޓެރެލައިޒް ކުރުމަށް ރޭޑިއޭޝަންގެ ސަބަބުން އެހީވެދިން ކަމުގައި ވީ ނަމަވެސް، ރެސްޕިރޭޓަރީ ފޭސް މާސްކަށް މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް އައި.އޭ.އީ.އޭއިންވަނީ ފާހަގަކޮށްފައެވެ.
އައި.އޭ.އީ.އޭގެ ރޭޑިއޭޝަން ޕްރޮސެސިންގް ސްޕެޝަލިސްޓް ސެލީނާ ހޯރާކް ވިދާޅުވީ، ޕީޕީއީ ލިބެންހުރި މިންވަރު އިތުރުކުރުމަށްޓަކައި ކެމިކަލްއާއި ޔޫވީ ލައިޓްގެ އިތުރުން ރޭޑިއޭޝާން ބޭނުންކޮށް މި ތަކެތި ސްޓްރެލައިޒް ކުރުމަށް ބައެއް ގައުމުތަކުން ވިސްނަމުން ދާކަމަށެވެ.
ފަރަންސޭސިވިލާތް، އިސްރާއީލު، ދެކުނު ކޮރެއާ އަދި ޕޯލަންޑްއާއި އެމެރިކާގައި ކުރިއަށްގެންދިޔަ ދިރާސާތަކާ ހަވާލާދީ އައި.އޭ.އީ.އޭއިން ބުނީ، ރެސްޕިރޭޓަރީ ފޭސްމާސްކު ސްޓްރެލައިޒް ކުރުމަށް ރޭޑިއޭޝަން ބޭނުން ކުރުމުގެ ސަބަބުން، އޭގެ ފިލްޓަރިންގެ ފީޗާތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.
ރޭޑިއޭޝަންގެ އެހީގައި ސިއްހީ އާލާތްތައް ސްޓްރެލައިޒް ކުރުމަކީ ކުދިކުދި ބެކްޓީރިއާއާއި ވައިރަސް އަދި ފަންގަސް ނައްތާލުމަށް 1950ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އަންނަ އުކުޅެކެވެ.