ވައިޓް ހައުސްގައި މަސައްކަތް ކުރަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ މެމްބަރަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ނައިބު ރައީސް ވެސް މި ބައްޔަށް ޓެސްޓު ކުރައްވާފައި ވާކަމަށް ވައިޓް ހައުސްގެ ތަރުޖަމާނަކު ހާމަކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ވައިޓް ހައުސްއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ޕާސަނަލް ވެލޭއެއްގެ ގޮތުގައި ހިދުމަތް ކުރަމުންދިޔަ އަސްކަރީ މެމްބަރެކެވެ.

މިކަމާ ގުޅިގެން ޓްރަމްޕް އަދި ނައިބު ރައީސްވެސް ކޮވިޑް-19އަށް ޓެސްޓް ކުރައްވާފައިވާކަމަށާ، 2 ބޭފުޅުންގެ ނަތީޖާވެސް ނެގެޓިވްވެފައިވާކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ހޯގަން ގިޑްލީ ވަނީ ހާމަކުރައްވާފައެވެ.

މީގެ ކުރިންވެސް ޓްރަމްޕަށް ވަނީ ކޮވިޑް-19ގެ ނުރައްކަލާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެފައެވެ. އެއީ ފްލޮރިޑާގެ ޕްރައިވެޓް ކުލަބެއްގައި ޓްރަމްޕްއާއި ބައްދަލުވެފައިވާ ފަރާތެއް ކޮވިޑް-19އަށް ޕޮޒިޓިވްވި ހިސާބުންނެވެ.

އުމުރުފުޅުން މިހާރު 73 އަހަރު ފުރިފައިވާ ޓްރަމްޕް، 2 ފަހަރެއްގެ މަތިން ކޮވިޑް-19އަށް ޓެސްޓް ކުރައްވާ، ނެގެޓިވްވެފައިވާކަމަށާ، އެންމެ ފުރަތަމަ ކޮވިޑް-19އަށް ޓްރަމްޕް ޓެސްޓު ކުރައްވާފައިވަނީ އޭޕްރިލް 2 ވަނަ ދުވަހު ކަމަށް ވައިޓް ހައުސްއިންވަނީ ހާމަކޮށްފައެވެ.

އޭޕްރިލް 3 ވަނަ ދުވަހު ވައިޓް ހައުސްއިންވަނީ ޓްރަމްޕް އަދި ޕެންސްއާއި ގާތުން މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ކޮވިޑް-19ގެ ރެޕިޑް ޓެސްޓެއް ދެވޭނެ ކަން ހާމަކޮށްފައެވެ. އެގޮތުން ޓްރަމްޕްއާއި އެންމެ ގާތުގައި ހަރަކާތްތެރިވާ ފަރާތްތައް ކޮންމެ ދުވަހަކުވެސް ކޮވިޑް-19އަށް ޓެސްޓު ކުރަމުންދާކަމަށް ޚުދު ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. ކަންމިހެން އޮތްއިރު ޕެންސް ވަނީ، ޓްރަމްޕްއާއި ޕެންސްއަކީވެސް ކޮންމެ ދުވަހަކުވެސް ކޮވިޑް-19 ޓެސްޓު ކުރައްވާނެ ބައެއް ކަމަށް ވިދާޅުވެފައެވެ.