ކޮވިޑް ޖެހުނު އުމުރުން 80 އަަހަރުގެ މީހާ މަރުވެއްޖެއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ ކޭސް 81 އެވެ.

"ދަ ޕްރެސް" އަށް އެކަން ވަނީ އާއިލާއިން ކަށަވަރު ކޮށްދީފައެވެ. އެޗްޕީއޭއިން ބުނީ އޭނާ މަރުވީ މިރޭ 11:20 ގައި ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ޑީއެޗް11 ގައި ހުންނަ އައިސީޔޫގައި އޭނާއަށް ފަރުވާ ދޭން ފަށާފައިވަނީ ހުސްވި އޭޕްރީމް މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާގެ ހާލު ސީރިއަސްކަން ޖެހިގެން އައި ދުވަހު އައިޖީއެމްއެޗްގެ ޑރ. މުސާ ހުސައިން ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ، 80 އަހަރުގެ މީހާއަކީ 2 އަހަރުގެ މުއްދަތަކަށް ބެޑްރިޑެން މީހެއް ކަމަށާއި އޭނާ ބެޑް ރިޑެން ވެފައި ވަނީ ސްޓްރޯކެއްގެ ސަބަބުން ކަމަށެވެ.

ޑރ. މޫސާ އިތުރަށް ވިދާޅުވީ، އުމުރުން 80 އަަހަރުގެ (ކޭސް 81) އަކީ އެހެނިހެން ބަލިތައް ވެސް ހުރި މީހެއް ކަމަށެވެ. އެގޮތުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް ހުއްޓެވެ. އަދި ނިއުމޯނިއާގެ ކަންކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށް ވެސް ޑރ. މޫސާ ވިދާޅުވެފައި ވެއެވެ.

އަދި އޭނާގެ އޮކްސިޖަން ދަށްވެގެން އޮކްސިޖަން ދެމުން ދިޔަ ކަމަށްވެސް ޑޮކްޓަރުން ވަނީ ހާމަ ކޮށްފައެވެ.

އުމުރުން 80 އަަހަރުގެ (ކޭސް 81) މިރޭ މަރުވެފައި ވާ ކަމަށް އޭނާގެ އާއިލާއަށް އަންގާފައި ވާއިރު، އެއާއިލާއިން ކޮވިޑަށް ޕޮޒިޓިވް ވި އެހެން މީހަކު ކަރަންޓީނު ފެސިލިޓީގައި އެބަހުއްޓެވެ.

މިރޭ މަރުވި މީހާއާ އެކު ކޮވިޑުގެ ސަބަބުން މަރުވި މީހުންގެ އަދަދު 3 އަށް އެރީއެވެ.