ކޮވިޑާ ގުޅިގެން އެކި ގައުމުތަކުން އެ ގައުމެއްގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ހިންގާ މަސައްކަތާ އެއްގޮތަށް، ރާއްޖޭގައ ތިބި އިންޑިއާ މީހުން ގެންދަން އެގައުމުން ރާއްޖެ އައި މަނަވަރު ބަނދަރު ކޮށްފިއެވެ.

އިންޑިއާގެ ފަރާތްތަކުން ހާމަ ކޮށްފައި ވާގޮތުގައި މި މަނަވަރުގައި ރާއްޖޭގައި ތިބި އިންޑިއާގެ މީހުންގެ ތެރެއިން 200 މީހަކު ގެންދާނެއެވެ. މިއީ ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން ވަރަށް ކުޑަ އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އިންޑިއާގެ 27000 މީހުން އެބަ އުޅެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި މަނަވަރު އައި އިރު، އެ މަނަވަރުގައި ގެންދިއުމަށް އިސްކަންދެނީ، މާބަނޑު އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ސިއްހީ މައްސަލަތައް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގައުމަށް ގެންދިއުމަށް ހާއްސަކޮށްގެން، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ 3 މަނަވަރު ފުރުވާލީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖެއާއި ޔޫއޭއީގައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން، މި 3 މަނަވަރުވެސް އެނބުރި އިންޑިއާގައި ބަނދަރު ކުރާނީ ކޮޗިންގައި ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.