ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ ދަތިތަކުން އަރައިގަތުމަށް މަަސައްކަތް ކުރާނެ ޓާސްކްފޯހެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

"ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ނަމުގައި މި ޓާސްކް ފޯސް އުފައްދަވަން ނިންމަވާފައި ވަނީ ހުސްވި އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

މި ޓާސްކްފޯހުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާއި އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަތުމަށް ގޮތްތައް ހޯދުމެވެ. އަދި މިދަތިތަކާ ގުޅިގެން އިޖްތިމާޢީ ގޮތުން ދިމާވަމުންދާ މައްސަލަތަކާއި ކުރިއަށް އޮތްތަނުގައި ދިމާވެދާނެ އެކި އެކި މައްސަލަތަކަށް ފާރަވެރިވެ، ހައްލު ހޯދުމަށް ޤައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރާވާ، ވިލަރެސްކޮށް، ހިންގުމެވެ.

އަދި އިޤްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އިޤްތިސާދީ ދުވެލި އާރާސްތުކުރުމަށް، ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި، ޚިޔާލާއި، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީވެސް ޓާސްކްފޯހުގެ މަގުސަދެކެވެ.

ސަރުކާރުގެ ވިސްނުމަކީ މި މަސައްކަތަކީ ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާއި، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯސް ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ:

  • ވާކިންގް ގްރޫޕް އޮން ފައިނޭންސް
  • ވާކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ
  • ވާކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓާ

ފައިނޭންސް ވާރކިންގް ގްރޫޕުން ކުރާނެ އެއް މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާ އަދި ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، އޭގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމެވެ.

އިކޮނިމިކް ރިކަވަރީ ވާކިންގް ގްރޫޕްގެ އެއް މަސައްކަތަކީ އިޤްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒަންކޮށް ފޯރުކޮށްދިނުމާ އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފްކޮށް ހިންގުމެވެ.

ސޯޝަލް ސެކްޓަރ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާއި ކުޑަ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާރވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.