ރާއްޖޭގަައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން އަންނަ މި ހައްސާސް ވަގުތު ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި ހަތަރު މީހުންގެ މައްޗަށް ކޯޓު އަމުރު ނެރެފިއެވެ.

ސިވިލް ކޯޓުން މިރޭ ބުނީ، ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ހަތަރު މީހުންނަށް ކޯޓުން އަމުރު ނެރެފައިވަނީ އެމީހުން ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން ކަމަށެވެ.

އެކަން ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް 4 އަމުރުކޮށްފައިވާނެ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް މީހެ ކުރިންވެސް ވަނީ ދެކޮޅު ހަދާފައެވެ. އެ މީހާއަށް ވަނީ ކޯޓު އަމުރެއް ނެރެފައެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހިލާފްވާ ފަރާތަތަކަށް ސިވިލް ކޯޓުން ނެރުނު ހަވަނަ އަމުރެވެ. މީގެކުރިން ފަސް ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ވަނީ ގެންގޮސްފައެވެ.

ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވާއިރު، މިއަދު ވަނީ އައްޑޫގެ ކަރަންްޓީން ފެސިލިޓީ އަކުން 5 ދިވެހިން ފިލާފައެވެ. އަދި އޭގެ ތެރެއިން 3 މީހަކު ވަނީ ހޯދާފައެވެ. ނަމަވެސް މިއީ އެމީހުން ކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ. މިއަދާ ހަމައަށް ރާއްޖެއިން ޖުމްލަ 618 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.