ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރި ވުމަށް އާ ގްރާންޓް ސްކީމެއް މިހަފްތާ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އަމިއްލައަށް އާމްދަނީ ހޯދަން އެކި ބާވަތުގެ މަސައްކަތް ކުރާ ފަރާތްތަކަށް މިހާރުވެސް އެސްޑީއެފްސީން އިއުލާން ކޮށްފައި ވާ ރިލީފް ލޯން ސްކީމަށްވެސް ކުރިމަތި ލެވޭނެ ކަމަށެވެ. ހަމައެއާއެކު އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އާ ގްރާންޓް ސްކީމެއް މިހަފްތާގައި އިއުލާން ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މި ސްކީމަށް އެދޭ ފަރާތްތަކުން www.jobcenter.mv ގައި ރަޖިސްޓާ ވާން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ސްކީމަކީ ހުރިހާ ބާވަތެއްގެ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށްވެސް ކުރިމަތި ލުމުގެ ފުރުުސަތު އޮތް ސްކީމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ވަނީ އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ދަނޑިވަޅުގައި ރާއްޖޭގެ މަސައްކަތްތެރިންނަށާއި ވިޔަފާރި ތަކަށް ވެސް ވަނީ ވަރަށް ބޮޑު ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ތަކެއް ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ވަނީ ފޮނުވާލައި ފައެވެ. ހަމައެއާއެކު ލިބޭ މުސާރައިގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ކުޑަ އަދަދެއް ލިބެމުން ދާ މަސައްކަތްތެރިންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެފަދަ ފަރާތްތަކުން ޖޮބް ސެންޓަރުގައި ރަޖިސްޓާ ވުމަށް ހުޅުވާލި ފުރުސަތުގައި އަމިއްލަ މަސައްކަތް ކުރާ ބައެއް ފަރާތަތަކުންވެސް ވަނީ އެފަރާތްތަކުން އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓިފައި ވާތީ އެ މައްސަލަވެސް ޖޮބްސެންޓަރަށް ހުށަހަޅާފައެވެ.
އަމިއްލަ ގޮތުން މަސައްކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓި އާމްދަނީ ލިބުމުގެ ދަތިކަން ކުރިމަތި ވެފަިއވާ މި ދަނޑިވަޅުގައި ގިނަ އަދަަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ދަނޑިވަޅުގައި އާމްދަނީ ހުއްޓިފައިވާ ގިނަ ފަރާތްތަކުގެ ޝަކުވާ އަކަށް ވެފައި ވަނީ ރޯދަމަހުގައި އެ ފަރާތްތައް ހާލުގައި ޖެހެމުން ދާތީ، އެކަމެވެ. ބައެއް ފަރާތްތަކަށް ކުލި ދެއްކޭނެ ގޮތެއް ނެތް އިރު އަނެއްބައި ފަރާތްތަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނާއި އެހެނިހެން މުހިއްމު ވަސީލާތްތައް ހޯދުމަށް ވަނީ ނުކުޅެދިފައެވެ.
ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް މި ސަރުކާރުން ވަނީ އެލަވަންސެއް ދިނުމަށް ނިންމާފައެވެ. އެ ގޮތުން ތިން މަސްދުވަހަށް ދޭން ނިންމާފައިވާ އެލަވަންސްގެ އަދަދަކީ ކޮންމެ މަހަކު 5000 ރުފިޔާއެވެ.