210 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން 3.7 މިލިއަނަށްވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)، މުޅި ދުނިޔޭގައި ފެތުރުން ފަށާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށާ، ފުރަތަމަ އިންފެކްޝަން އަށް ފަހު އިންތިހާ ހަލުވި މިނެއްގައި ބަލިމަޑުކަން ފެތުރިގެން ގޮސްފައި ވާ ކަމަށް، ދުނިޔޭގެ އެކި ހިސާބުތަކުން މި ބައްޔަށް ޕޮޒިޓިވް ވެފައި ވާ 7600 އަށްވުރެ ގިނަ ޕޭޝަންޓުންގެ ހަށިގަނޑުން ނެގި ވައިރަހުގެ ޖެނެޓިކް އެނަލިސިސް ތަކުން ދައްކައިފިއެވެ.
މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖު ލަންޑަން ޖެނެޓިކްސް އިންސްޓިޓިއުޓްގެ ރިސާޗާ ފޮންސުވާ ބްލޯ ވިދާޅުވީ، ވައިރަސް ބަދަލުވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ވައިރަހުގެ ޒާތުގައި "ގޯސްވަމުން" ދިއުން ނޫންކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ދިރާސާ ކުރިއަށް ގެންދިޔައީ ކިހިނެއް؟
ބަލޯއާ އޭނާގެ ޓީމުން މި ދިރާސާއަށް މައުލޫމާތު އެއް ކުރީ، ކޮވިޑް-19ގެ ދިރާސާތައް ކުރިއަށް ގެންދިއުމަށް ސައެންސްވެރިން ބޭނުން ކުރަމުންދާ ބައިނަލްއަގުވާމީ ޑޭޓާ ބޭސްއިން ވައިރަހުގެ ސީކުއެންސްތައް ނަގައިގެންނެވެ. މި ދިރާސާގެ ސާމްޕަލް ތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ދުވަސްވަރު ރިޕޯޓްކުރި ކޭސްތަކެއްވެސް މެއެވެ. މި ހޯދުންތަކަށް ބަލާ އިރުވެސް، ވައިރަހަށް މީހުން އިންފެކްވާން ފަށާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަން ވަނީ ހާމަވެފައެވެ.
މީގެ މާނައަކީ ކޮބާ؟
'އިންފެކްޝަން، ޖެނެޓިކްސް އެންޑް އިވަލޫޝަން' ޖާނަލްގައި ބެލޯއާއި އޭނާގެ ޓީމުން ކުރި ދިރާސާ މިހާރު ވަނީ އާންމުކޮށްފައެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 ނުވަތަ ސާސް-ކޯވް-2 ފެތުރެން ފަށާފައިވަނީ ވައިރަސް ދެނެގަނެވުމުގެ ކުރިން ކަމަށް ބުނާ ބުނުންތައް ނަފީކުރެއެވެ. އެގޮތުން ކޮވިޑް-19 އިންސާނުންގެ ހަށިގަނޑަށް ފޯރާ ފެތުރެން ފަށާފައިވަނީ ކުރިންވެސް ދެންނެވި ފަދައިން 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބެލޯއާއި އޭނާގެ ޓީމުން ބުނެއެވެ.
ރިޕޯޓްކުރުމުގެ މާ ކުރިން ހުޅަނގަށް ވައިރަސް ދިޔަ
ކޮވިޑް-19ގެ ކޭސްތައް ވިލާތާ ހުޅަނގުގެ ގައުމުތަކުން އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ މި އަހަރުގެ ޖަނަވަރީ މަހާ ފެބުރުވަރީ މަހާ ދެމެދު މިއްދަތެއްގައެވެ. ކަންމިހެން އޮތް ނަމަވެސް، އޭގެ އެތައް ހަފުތާއެއް ކުރިން ފެށިގެންވެސް މި ސަރަހައްދުތަކުގައި ވައިރަހަށް އިންފެކްޓްވަމުންދިޔަ މީހުން ތިބި ކަމުގެ ޖެނެޓިކް ހެކި ލިބިފައިވާކަމަށް ބެލޯއާއި އޭނާގެ ޓީމުން ވަކާލާތު ކުރެއެވެ.
ކޮވިޑް-19ގެ ކޭސްތައް މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާން ސިޓީއިންނެވެ. ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުން މި ބަލީގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރުމަކީ، ވައިރަހުގެ އުފެދުމާ އަސްލު ޗައިނާއާއި ގުޅިފައި އޮތުމަށް ލާޒިމުކުރުވާ ކަމެއް ނޫންކަމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.