ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތައްޔާރުކުރަމުންދާ ވެކްސިން ތަކުގެ ތެރެއިން، ޖަރުމަނުވިލާތުން އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރަމުންދާ ވެކްސިންގެ އެތައް މިލިއަން ޑޯޒްއެއް މިއަހަރުގެ ފަހުކޮޅު ލިބިދާނެ ކަމުގެ އިޝާރާތެއް، މި ޑްރަގް އުފައްދަމުންދާ ބައޯއެންޓެކްގެ ސީއީއޯ ވޫރް ސާހީން ދެއްވައިފިއެވެ.

މިއަހަރުގެ ފަހުކޮޅަށް ވެކްސިންއެއް ހޯއްދަވާދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފައި ވާއިރު، ޖަރުމަނުވިލާތުގެ ބެސް ކުންފުނި ބައޯއެންޓެކް އިންވަނީ، މި ވެކްސިން ފޯރުކޮށްދިނުމަށް، އެމެރިކާގެ ފައިޒާ ކުންފުންޏާއެކު ޕާޓްނާޝިޕްވެސް ހަދާފައެވެ.

އިންސާނުންގެ ހަށިގަނޑުގައި ވެކްސިންއެއް ޓެސްޓުކޮށް އެ ބޭނުން ކުރަން ހުއްދަ ލިބުމުގެ މަރުހަލާތަކަށް އާންމުކޮށް 18 ވަރަކަށް މަސްދުވަސް ހޭދަވި ކަމުގައި ވީ ނަމަވެސް، މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުގެ ހައްސާސް ކަމާއެކު، މި މުއްދަތު އިންތިހާއަށް ކުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ސާހީން ވަނީ ހާމަކުރައްވާފައެވެ.

ސާހީން ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރޭގައި ވެކްސިންއެއްގެ ބޭނުން އިންތިހާއަށް ބޮޑުވާ ކަމަށާ، އެހެން ކަމުން މާޒީގައި އަމަލުކުރަމުން އައި ބައެއް އުސޫލުތަކުން ބޭރުން އެހެން ގަވައިދުތަކަށް އަމަލުކުރަންޖެހޭ ކަމަށެވެ.

ސާހީން ސިފަކުރާ ގޮތުގައި އޭނާގެ ކުންފުނިން ތަހުލީލު ކުރަމުންދާ ވެކްސިންއަށް ކޮވިޑް-19 ގުޑާނެއެވެ. އެއީ ވެކްސިންއެއް ތަރައްގީ ކުރުމުގެ އެންމެ މުހިންމު ބަހާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސާހީން އިތުރަށް ވިދާޅުވީ، އާންމުކޮށް ވެކްސިން ބޭނުން ކުރަން ކަމާބެހޭ ރެގިއުލޭޓަރުން ހުއްދަ ދޭ ހިސާބުން، އާބާދީއާއި ހިސާބަށް ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޕާޓްނަރުން ތިބީ ތައްޔާރަށް ކަމަށެވެ.

ކޮވިޑް-19ގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދި ހޯދިފައި ނުވާއިރު، މި ބައްޔަށް ވެކްސިންއެއް އަދި ފަރުވާއެއްވެސް ހޯދިފައެއް ނުވެއެވެ.