ކޮވިޑް-19ގެ ރާއްޖޭގައި ވެސް ގަދައަށް ފެތުރެމުން ދާއިރު، މިދިޔަ އޭޕްރިލް މަހު 15 ވަނަ ދުވަހު، އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް ފަރާތެއްގެ ކިބައިން މި ބަލި ފެނިގެން ދިއުމާއެކު ހިތްތަކަށް ވެރިވެގެން ދިޔައީ ބިރުވެރި ކަމެވެ. މި ބަލި ރާއްޖޭގައި ފެތުރި، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ މީހަކަށް ވެސް ބަލި ޖެހިއްޖެ ނަމަ މި ބަލި ފެތުރި، ކަން ކަން ބޮއްސުންލައިގެން ހިނގައިދާނެ ކަމުގެ ބިރެވެ.

މިއަދު މިއޮތީ އެދުވަސް އައިސްފައެވެ. ކޮންމެ ދުވަހަކު ހާމަވަމުން މިދާ ނަންބަރުތަކުން އެނގިގެން ދަނީ، އެންމެ ދެކެން ބޭނުން ނުވި ދުވަސް އައިސް އަރާ ހަމަކޮށްފި ކަމެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޖުމްލަ 475 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން 325 މީހުންނަކީ ބިދޭސީންނެވެ.

ބިދޭސީންގެ މައްސަލައަކީ ކޮވިޑް-19 އައުމުގެ މާ ކުރީއްސުރެ ރާއްޖޭގައި ހައްލު ނުކުރެވި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. 140000 ހާހެއްހާ ބިދޭސީން ރާއްޖޭގައި އުޅޭއިރު، އޭގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަކީ ނުގަވައިދުން އުޅޭ މީހުންނެވެ. މީގެ ތެރޭގައި އިތުރު ގޮތެއް ނެތިގެން ރާއްޖޭގައި ދަތި ހާލުގައި އުޅޭ މީހުން ބައިވަރެވެ. ނުގަވައިދުން އުޅޭ ބިދޭސީން ރެގިއުލަރައިޒް ވުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކިއު ހަދާލި ބިދޭސީންތައް ފެނުމުން މިކަން ހާމަވެގެން ދެއެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ބިދޭސީންތަކެއް

މާލޭގައި އެންމެން ހެން އުޅެނީ ދަތި ހާލުގައެވެ. 5-6 މީހުން އެއް ކޮޓަރިއެއްގައެވެ. ނަމަވެސް މިބުނާ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތަށް ބަލާލުމުން ދިވެހިން އުޅޭ ހާލު ފަނޑުވެގެން ނުދާނެއެކޭ ނުބުނެވޭނެއެވެ. 15 ވަރަކަށް މީހުން އެއް ކޮޓަރިއެއްގައި، އެއް ފާހާނާ ބޭނުން ކުރެއެވެ. މިފަދައިން އުޅޭ އެންމެ 23ގެ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު، އެތަން ތަނުގައި 1100 އާ ގާތް ކުރާ ވަރަށް ބިދޭސީން އުޅޭކަން ވެސް ހާމަވެގެން ދިޔައީއެވެ. ލޮކްޑައުންގެ މި ހާލަތުގައި ކާނެ އެއްޗެއް ނުލިބި އެތައް ބިދޭސީންނެއް ސަލާން ޖެހުމަށް މަގުމައްޗަށް އެބަ ނިކުމެއެވެ.

މިއަދު ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު، ދުވާލެއްގެ މައްޗަށް ސަތޭކައިން، ސަތޭކައިން ބިދޭސީން މިދަނީ ޕޮޒިޓިވް ވަމުންނެވެ. މި އަދަދުތައް އިތުރު ވާނެ ކަމަށް ވެސް ލަފާކުރެވެއެވެ. ބިދޭސީންގެ ތެރޭގައި މިބަލި ގަދައަށް ފެތުރެމުން ދިއުމަކީ، މިއީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ކޮންމެ ދުވަހެއްގެ ނަންބަރުތަކުން މި ރަމްޒު ކޮށްދެނީ ބިރުވެރި އިންޒާރެކެވެ. ކަންކަން ބޮއްސުންލައިގެން ގޮސް، ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރެވެ.

ކޮވިޑް-19 އިން އިބުރަތް ހާސިލު ކުރެވޭނެބާ؟

މިއަދު ދިމާވެފައި މިވާ ހާލަތުން އަރައިގަނެ، ކަމާ ބެހޭ ފަރާތްތަކަށް ކުރިއަށް އޮތްތާ މިކަމުން އިބުރަތް ހާސިލު ކުރެވޭނެތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. މިހާރު ފެތުރެމުން މިދާ ބަލިމަޑުކަމުގައި އެންމެ "ޗެލެންޖިން" އެއް ކަމަކީ، ބިދޭސީންގެ ތެރޭގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމެވެ. ކުރިއަށް އޮތްތާ މިފަދަ ކަމަކާ ކުރިމަތިލާން ޖެހިއްޖެނަމަ ދެން ކަންތައް ކުރާނީ ކިހިނަކުންތޯއެވެ.

ވަގުތު މިއޮތީ ފާއިތުވެފައެވެ. ނަމަވެސް އަދިވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރެވިިދާނެއެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވީއިރު، ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ބޭނުމެވެ. ނަމަވެސް އެއްވެސް އިތުރު ގޮތެއް ނެތި، މަޖުބޫރީ ހާލަތުގައި އަޅުން ހެން މަސައްކަތް ކުރުވާނެ މީހުނެއް ރާއްޖެ ބޭނުމެއް ނޫނެވެ. އެ ބިދޭސީން ރާއްޖެ ގެނެސް، އެމީހުން ހާލުގައި ޖެއްސި ދިވެހިން އެކަމުގެ ޒިންމާ ނަގަން ޖެހޭ ގޮތް ހޯދަން އެބަ ޖެހެއެވެ.

ޖުމްހޫރީ މައިދާނުގައި ބިދޭސީންތަކެއް ތިއްބާ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ސަރުކާރުން ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް، މިކަމުގައި ރަނގަޅު ގޮތް ހޯދާށެވެ! ރާއްޖޭގައި މަޖުބޫރީ ހާލުގައި އުޅޭ، އަމިއްލަ ގައުމަށް ދާން ބޭނުން ވެފައި ތިބި މީހުން އަނބުރާ ފޮނުވާލެވޭނެ އިންތިޒާމު ހަމަޖައްސަން ވީއެވެ. މިހާރު ކަރަންޓީނަށް ގެންދާ ކޮންމެ މީހަކަށް ސަރުކާރުން ހަރަދު ކުރާ ކަމަށް ބުނާ 750 ރުފިޔާ 20000 އާ ގުނަ ކުނާރަނަ، އެއީ 15 މިލިއަން ރުފިޔާއެވެ. ބޮލަކަށް 2800 ރުފިޔާއިން މާލެ/ޖަކާޓާ/ޑާކާ މަގުން ދާން ބެލިއަސް 20000 މީހުންނަށް ހަރަދުވާ ފައިސާ ނުގަވައިދުން އުޅޭ 20000 މީހުން ކަރަންޓީނު ކޮށްގެން ކާން ދާ ހަރަދަށް ވުރެ ބޮޑުތަނެއް ކުޑައެވެ.

ކޮވިޑްގެ މިހާލަތުގައި ހަރަދު ކުޑަކޮށް ކަންކަން ކުރެވޭނެ ގޮތްތައް ބަލަން ޖެހޭއިރު، ގައިވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން، އެމީހުން ގަވައިދާ ހިލާފަށް އެތެރެ ކޮށް، ފައިސާ ނަގާ ބޮޑެތި 4-5 ރެސްޓޯރަންޓާއި، ފިހާރަތަކާއި، އޮޑިދޯނިފަހަރާ އެއްޗެހި ހޯދި މީހުން އަތުން ފައިސާ ނެގުން ކިހިނެއްތޯއެވެ.

ދިވެހިންނަށްޓަކައި ދިވެހިން ނުވާ ގުރުބާނީ، އެ ބިދޭސީން އެބަވެއެވެ. އެމީހުންނަށް ކަމޭހިތާ، މިއަދުގެ މުޖުތަމައުގައި އެމީހުންނާމެދު އިހާނެތިކޮށް އަމަލު ކުރަމުންދާ މީހުންގެ ވިސްނުން ބަދަލުކުރަން އެބަ ޖެހެއެވެ. އެއީ ވެސް އިންސާނުންނެވެ. ހާލުގައި ނުޖައްސާ، ދިވެހިންނާ މެދު އެމީހުން ބަހައްޓާ ގާތްކަން ބަހައްޓާށެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރާށެވެ.