ކޮވިޑް19 ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި މީހާގެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މަރުވެފައިވަނީ އުމުރު 83 އަހަރުގެ އައިމިނަތު އާދަމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމްގެ އާއިލާއަށް ވަރަށް އިހްލާސްތެރި ކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ. މާތް الله މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެެއްވުމަށް އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ.
މަރުވި މީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާ [ކޭސް 126] އާ ގުޅުން ހުރި މީހެކެވެ. ކޮވިޑް ޖެހި އުމުރުން 83 އަަހަރުގެ މީހަކު މަރުވެފައި ވާއިރު، އޭނާއަށް އަޅާ ނުލެވި ލަސްވެގެން ދިޔަ ކަމުގެ ޝަކުވާތައް އޭނާގެ އާއިލާގެ ފަރާތުން ހާމަކޮށްފައި ވެއެވެ. އެގޮތުން އޭނާ ބަލިކަމާ، އޭނާއާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން ގެންދިޔަ ނަމަވެސް ފަރުވާ ކުޑަކުރިކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.
ރޭ ނޫސްވެރިންނާއި ބައްދަލުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެކަމުގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން މިއަދު އެކަނިވެސް ކޮވިޑް19 އަށް ޖުމްލަ 117 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 396 އަށް އަރާފައެވެ. މީގެއިތުރުން އަންނަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.