ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ވިޔަ ނުދޭން ކުރެވެން އޮތް ހުރިހާ ކަމެއް ޗައިނާއިން ކުރާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޗައިނާއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ރޮއިޓާޒް ނޫހާއެކު ވައިޓް ހައުސްގައި ކުރިއަށް ގެންދެވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިޔަ ދިއުމާ ގުޅިގެން އެމެރިކާގެ ފަރާތުން ޗައިނާއަށް ބޮޑެތި ކަންތައްތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވާހަކަ، ޗައިނާއިން ދުރާލާ ބުނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި ޗައިނާއަކީ ޒަމާންވީ ދެ އަދުއްވުން ކަމަށްވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެގެން އައީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ހަނގުރާމައެއްވެސް ކުރަމުން އައި ދަނޑިވަޅެއްގައެވެ. ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ސަބަބުން އެމެރިކާއާއި ޗައިނާގެ އިގުތިސޯދުވެސް ހުއްޓުމަކަށް އައެވެ.

ޗައިނާއަށް ބަހުގެ ހަމަލާތަކެއް ދެއްވި ނަމަވެސް، ޗައިނާއާއި މެދު އެމެރިކާއިން އަޅާނީ ކޮން ފިޔަވަޅެއްކަން ޓްރަމްޕް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ނޮވެމްބަރު މަހުގެ އިންތިހާބު ޓްރަމްޕަށް ކާމިޔާބުވާން ޗައިނާއިން ނޭދޭކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ރިޕަބްލިކަންސްއާ ދެކޮޅަށް ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާނެ ކަމަށް ބެލެވޭ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ކާމިޔާބު ލިބުމަށް ޗައިނާއިން އެދޭ ކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށެވެ.