މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި ބޮޑު އެހީތެރިކަމެއް ވެދޭ ޑްރަގެއް ފާހަގަކުރެވިފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ތަޖުރިބާކުރަމުންދާ ރެމްޑެސިވިއާއަކީ، ޖިލިއަޑް ސައެންސަސްގެ އުފެއްދުމެކެވެ.

ބުނެވޭ ގޮތުގައި ޑްރަގް ބޭނުންކުރުމުގެ ސަބަބުން، ކޮވިޑް-19ގެ އަލާމާތްތައް ދެމި ހުންނަ މުއްދަތު، 15 ދުވަހުން 11 ދުވަހަށް ވަނީ ކުޑަކުރެވިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ޑްރަގް ތަޖުރިބާކުރަމުންދާ ހޮސްޕިޓަލުތަކުންވެސް މި ނަތީޖާ ފެނިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: އިކޮނޮމިސްޓް

މި ޑްރަގާ ބެހޭ ދިރާސާގެ ފުރިހަމަ ރިޕޯޓެއް އަދި އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިކަން ކަށަވަރުވެއްޖެނަމަ ރެމްޑެސިވިއާވެގެންދާނީ ކޮވިޑް-19ގެ ފަރުވާގެ ނަޒަރުން ބަލާއިރު ފުރިހަމަ ނަތީޖާތަކެއް ނެރެދެނިވި ބޭހަކަށް ކަމަށާ، ނަމަވެސް މިއީ އެއްވެސް ހާލެއްގައި "ޖާދޫގެ" ބޭހެއް ނޫންކަމަށެވެ.

ރެމްޑިސިވިއާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭނެ ބޭހެއް ކަމަށާ، ހަމަ މިއާއެކު ހޮސްޕިޓަލުތަކަށް ބާރުބޮޑުވެފައި އޮތް އޮތުމަށް ހައްލެއް ލިބި، ލޮކްޑައުންތަކަށް ލުއި ލިބުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބުނެވެއެވެ.

ރެމްޑެސިވިއާއެންމެ ފުރަތަމަ ތައްޔާރު ކުރެވުނީ މީގެ 6 ވަރަކަށް އަހަރުން ކުރިން ދުނިޔެ ސިއްސުވާލި އެބޯލާ ރޯގާއަށެވެ. ރެމްޑިސިވިއާއަކީ އެންޓިވައިރަލް ޑްރަގްއެކެވެ. މި ބޭސް މަސައްކަތް ކުރަނީ އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކުގައި ވައިރަސް ނަކަލު ކުރުމަށް ބެނުންވާ އެންޒައިމްއަށް ހަމަލާ ދީގެންނެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް (ނީއެއިޑް) ގައި ކުރިއަށް ގެންދިޔަ ތަހުލީލުގައި 1063 މީހަކު ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ދީފައިވަނީ ރެމްޑެސިވިއާޑްރަގް ކަމަށްވާއިރު، އަނެއް ގުރޫޕަށް ދިނީ ޕްލަސީބޯ (އަސްލު ޑްރަގް ނޫން) ބޭހެކެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: ސީއެންއެން

އިދާރާގެ އިސްވެރިޔާ ޑރ އެންތަނީ ފައޫޗީ ވިދާޅުވީ، ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކޮވިޑް-19 ޖެހުމަށްފަހު ބަލި ފަސޭހަވާން ހޭދަވާ މުއްދަތު، ރެމްޑިސިވިއާގެ ސަބަބުން ކުޑަކުރެވެއެވެ. މި ޑްރަގްގެ އެހީގައި ވައިރަސް ބްލޮކް ކުރެވޭ ކަމުގެ ހެކި ލިބިފައިވާކަމަށާ، އެހެންކަމުން މިއީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރެވޭ ކަމުގެ ހެއްކެއް ދޮރު ހުޅުވާލަދޭ ކަމެއް ކަމަށްވެސް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، މަރުވާ މީހުންގެ އަދަދަށް މި ބޭހުގެ އެހީގައި ބަދަލު އަންނަކަން ނުވަތަ ނޫންކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. ރެމްޑެސިވިއާދިން ގުރޫޕުން 8 ޕަސެންޓް މީހުން މަރުވެފައިވާއިރު، ޕްލަސީބޯ ފިލްސް ދިން ގުރޫޕުން މަރުވެފައިވަނީ 11 ޕަސެންޓް މީހުންނެވެ. ތަފާސް ހިސާބުތަކުގެ އިލްމުގެ ނަޒަރުން ބަލާއިރު، މިއީ މާ ބޮޑު ފަރަގަކަށް ނުވާއިރު، މިކަމުގައި ކަނޑައެޅިގެން ވަކި އެއްޗެއް ބުނުމަށް ސައެންސްވެރިންވެސް އަދި ވަނީ ނުކުޅެދިފައެވެ.

ރެމްޑިސިވިއާގެ ފައިދާ ކުރަނީ ކަނޑައެޅިގެން ކޮން ބަޔަކަށް ކަން ބުނަން އަދި ނޭނގެއެވެ. މި ޑްރަގް ބޭނުންކުރުމުގެ ސަބަބުން އަވަހަށް ރަނގަޅުވަނީ، އެނޫން ގޮތަކުންވެސް ރަނގަޅުވާން ހުރި މީހުން ކަމެއްވެސް ނޭނގެއެވެ. ނުވަތަ މި ޑްރަގްއަކީ އިންޓެންސިވް ކެއާއަށް ދާން ނުޖެހި ޕޭޝަންޓް ސަލާމަތް ކުރެވޭ ބޭހެއްތޯ ކުރެވޭ ސުވާލަށްވެސް އަދި ކަނޑައެޅިގެން ޖަވާބެއް ނުލިބެއެވެ. މި ބޭހުގެ ފައިދާ ބޮޑި ޒުވާނުންނަށްތޯ ނުވަތަ ދޮށީ އުމުރުގެ މީހުންނަށްތޯ ވެސް އޮތީ ސުވާލު އުފެދިފައެވެ. އަދި މި ޑްރަގްއަކީ ބަލީގެ ކުރީ ކޮޅު ދޭންޖެހޭ ބޭހެއްތޯ ނުވަތަ ނޫންތޯވެސް ބަލަންޖެހެއެވެ.

މި ސުވާލުތަކުގެ ޖަވާބު ލިބޭނެކަމަށް ބެލެވެނީ، ރެމްޑިސިވިއާއާއި ގުޅޭ ގޮތުން ހަދާފައިވާ ފުރިހަމަ ދިރާސާ އާންމު ކުރުމުންނެވެ. ކާމިޔާބުވެއްޖެނަމަ، ރެމްޑެސިވިއާވެގެންދާނީ ޕޭޝަންޓުންނަށް ފަރުވާ ކުރެވޭ ބޭހެއްގެ އިތުރުން ލޮކްޑައުންއަށްވެސް ލުއި ލިއްބައިދޭނެ ބޭހަކަށް ކަމަށް ބުނެވެއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: ބެސްޓް އޮފް ލައިފްލައިން

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19އަށް ހުރި ޑްރަގްތަކާ ބެހޭ އެންމެ ބޮޑު ދިރާސާއެއް ކުރައްވަމުން ދަނީ ޔުނިވާސިޓީ އޮފް އޮކްސްފޯޑް ޕްރޮފެސާ ޕީޓާ ހޯބީއެވެ. ޕްރޮފެސާ ހޯބީ ވިދާޅުވާ ގޮތުގައި، ރެމްޑިސިވިއާގެ ފުރިހަމަ ނަތީޖާ އެނގުން މުހިންމެވެ.

ރެމްޑިސިވިއާއަކީ ކާމިޔާބު ބޭހެއްކަން ދޭހަވާފަދަ މޭރުމަކުން އެމެރިކާގެ ޚަބަރުތައް އާންމުވަމުންދާ މި ދަނޑީވަޅަކީ، ހަމަ މި ބޭހުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށް ބުނެ، ޗައިނާއިން ދިރާސާއެއް އާންމުކޮށްފައިވާ ދަނޑިވަޅެކެވެ.

ޗައިނާގައި ކުރިއަށް ގެންދިޔަ ދިރާސާ ފުރިހަމަ ކުރެވިފައެއް ނުވެއެވެ. އެހެނީ ޗައިނާގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ލޮކްޑައުން ފިޔަވަޅުތަކާއެކު، ވޫހާންގެ ޑޮކްޓަރުންނަށް ޕޭޝަންޓުން ލިބުން ހުއްޓިގެން ދިއުމެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ކޮވިޑް-19ގެ ފަރުވާގެ ލިސްޓުގައި ތަހުލީލު ކުރަމުންދާ ބޭސްތަކުގެ ތެރޭގައި، މެލޭރިއާ އަދި އެޗްއައިވީއަށް ދޭ ބޭސްފަރުވާގެ ތެރޭގައި ހިމެނޭ ޑްރަގްތައްވެސް ހިމެނެއެވެ.