ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާ ގާތުން އެއްތާވެފައި ވާނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް އެޗްޕީއޭ އިން މިއަދު ތައާރަފް ކޮށްފިއެވެ.

މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ހާއްސަކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ފަރުމާކޮށްފައި ވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުން ކުރެވޭގޮތަށެވެ.

މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކާރީގައި ވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިން ފަހަރު "ބީކަން" އެއް ފޮނުވާލައެވެ. މި ބީކަންގައި އެކުލެވިގެން ވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެން ކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަން އަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެއެވެ.

ބީކަންއެއް ފެނިއްޖެ ނަމަ، "ޓްރޭސް އެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރެއެވެ. ފާހަގަކޮށްލުން މުހިންމީ، މިގޮތުން ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާ ކަމެވެ. އަދި ރެކޯޑާ އެކީ އިތުރު އެއްވެސް ޒާތީ މައުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މައުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެއެވެ. އެޕްގައި ޒާތީ މައުލޫމާތު ގެންގުޅޭ ގޮތުވެ ޕޮލިސީ، ވެބްސައިޓްގައި ޝާއިއު ކޮއްފައި ވާނެއެވެ.

އެޕް އިންސްޓޯލް ކޮށްފައި ވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭ ނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓު ކުރާނެއެވެ. މިޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޙްތިޔާރުގައެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށް ފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެއެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެއެވެ.

މިފަދަ އެޕްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިވަގުތު ބޭނުން ކުރެވެމުން އެބަދެއެވެ. އެޕްގެ ކާމިޔާބީ ބިނާވެފައި ވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލް ކޮށް ބޭނުންކުރުމާއެވެ. ހާއްސަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާ ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމެވެ.