ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ ހާލު ސީރިއަސްވާ މީހުންގެ ފުއްޕާމާގެ މަސައްކަތްތައް ރަނގަޅު ކުރުމަށް، ދަށް ޑޯޒްއަކަށް ޗެސްޓް ރޭޑިއޭޝަން ދީގެން ފަރުވާއެއް ލިބޭތޯ ބެލުމުގެ ޕައިލެޓް ދިރާސާއެއް ފަށައިގެން ކުރިއަށްދާކަމަށް ޔުނިވާސިޓީ އޮފް އެޓްލާންޓާގެ ވިންޝިޕް ކެންސާ އިންސްޓިޓިއުޓް އޮފް އެމޮރީއިން ހާމަކޮށްފިއެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ އެމޮރީ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ޑިޕާޓްމަންޓް އޮފް ރޭޑިއޭޝަން އޮންކޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ މުޙައްމަދު ހާންއެވެ. ޑރ ހާންއާއި ހަވާލާދީ ޔުނިވާސިޓީއިން އާންމުކުރި ނޫސްބަޔާނެއްގައި ވަނީ، މި ތަހުލީލުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާ، މި ފަރުވާއަކީ އިންތިހާއަށް ހާލު ދެރަ ޕޭޝަންޓުންނަށް ލުޔެއް ހޯދާދެވޭތޯ ބެލުމަށް ހިންގާ ތަހުލީލެއް ކަމަށެވެ.
މި ޓެސްޓުގެ ފުރަތަމަ އަދި ދެވަނަ މަރުހަލާގައި، އިންތިހާއަށް ސީރިއަސް ހާލުގައި އޮތް 5 ޕޭޝަންޓަކު މިހާރުވެސް ވަނީ އެންރޯލްކޮށްފައެވެ. މި މީހުންނަށް ދެނީ ދަށް ޑޯޒްއެއްގެ ޗެސްޓް ރޭޑިއޭޝަންގެ 1 ސެޝަންއެވެ. އެއަށްފަހު ހަފުތާއެއްގެ މުހުލަތަށް އޮބްޒަވޭޝަންތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
މިފަދަ ދިރާސާއެއްގެ ހިޔާލަކީ، މިގެ 100 އަހަރެއްހާ ދުވަސް ކުރީގެ ހިޔާލެއް ކަމަށްވެއެވެ. އެގޮތުން ނިއު މޯނިއާއަށް ފަރުވާ ކުރުމަށް ޗެސްޓް ރޭޑިއޭޝަން ބޭނުންކޮށްފައިވާކަމަށްވެއެވެ. އެއީ އެންޓިބައޮޓިކްސްއާއި ޒަމާނީ ބޭސްވެރިކަން އާންމުވުމުގެ ކުރިކަންވެސް ޑރ ހާން ވަނީ ފާހަގަކުރައްވާފައެވެ.
ޑރ ހާން ވިދާޅުވާ ގޮތުގައި މީގެ 100 އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު، ރޭޑިއޯ ތެރަޕީގެ ރެސްޕޯންސް ރޭޓްއަކީ 90 ޕަސެންޓްއެވެ. މި ތެރަޕީގެ އެހީގައި މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަމަށާ، ކަންކަން ރަނގަޅަށް ގޮސްފިނަމަ ކޮވިޑް-19ގެ ޕޭޝަންޓުންގެ ކިބައިންވެސް އެދެވޭ އިޝާރާތްތަކެއް ފެންނާނެ ކަމަށް ޑރ ހާން ވަނީ ފާހަގަކުރައްވާފައެވެ.
ދިރާސާ ޓީމުން އުއްމީދުކުރާ ގޮތުގައި މި ތެރަޕީގެ އެހީގައި ބަލިމީހާގެ ނޭވާލާ ނިޒާމުގެ މަސައްކަތްތައް ރަނގަޅުވެ، މެކޭނިކަލް ވެންޓިލޭޝާންއަށް ދާންޖެހޭ ނިސްބަތް ކުޑަކުރެވޭނެއެވެ.
ރޭޑިއޭޝަން ތެރަޕީއަކީ ކޮބާ؟
މިއީ ފޮނުވާލާ ހަކަތަ ވަރުގަދަ ބީމްތަކެއްގެ އެހީގައި، ސެލްތައް ހަލާކުކޮށްލުމަށް އެހީވެދޭ ތެރަޕީއެކެވެ. މިކަން ކުރަނީ ސެލްތައް އުފެދި ބައިބައިވުމަށް ބޭނުންވާ ޖެނެޓިކް މާއްދާތައް ހަލާކުކޮށްލައިގެންނެވެ. ހައި-ޑޯޒްއެއްގައި ރޭޑިއޭޝަން ދީނުމަކީ ޓިޝޫތައް ހަލާކުކޮށްލާކަމެކެވެ. މިފަދަ ރޭޑިއޭޝަން ދީ އުޅެނީ ކެންސަރު ބަލީގެ މީހުންގެ ހަށިގަނޑުގައިވާ ޓިއުމަރުތައް ކުޑަކޮށްލުމަށް، ނުވަތަ ހަލާކުކޮށްލުމަށެވެ.
ލޯ ޑޯޒްގައި ދެވޭ ތެރަޕީއަކީ އިންފްލަމޭޝަން ކުޑަކޮށްދޭ ތެރަޕީއެކެވެ. ލޯ ޑޯޒް ތެރަޕީގެ އެހީގައި، ސައިޓޯކީންސްއޭ ކިއާ ކެމިކަލްއެއް އުފައްދާ މިންވަރު ދަށްކޮށްލާ ކަމަށް ޑރ ހާން ވަނީ ވިދާޅުވެފައެވެ.