ސައުދީ އަރަބިއްޔާގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ސްކްރީން ކޮށްފައި ވާ ކަމަށް، ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، ޑރ މުޙައްމަދު ޢަބްދުލްޢަލީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެކަނިވެސް ސައުދީ އަރަބިއްޔާއިން 1266 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ސައުދީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 20077 އަށް އަރާފައެވެ.

ކޮންމެ ދުވަހަކުވެސް ސައުދީއިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ މުޙައްމަދު ޢަބްދުލްޢަލީ ވިދާޅުވީ، އަލަށް ފެނިފައިވާ ކޭސްތަކުގެ 66 ޕަސެންޓް ހޯދިފައިވަނީ ރެންޑަމްކޮށް ސްކްރީން ކުރުމުގެ ސަބަބުން ކަމަށާ، މީގެ ތެރެއިން 77 ޕަސެންޓް މީހުންނަކީ ސައުދީގެ ރައްޔިތުން ނޫންކަމަށެވެ.

ޑރ މުޙައްމަދު ޢަބްދުލްޢަލީ ވިދާޅުވި ގޮތުގައި ސައުދީގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 16141 ކޭހެކެވެ. މީގެ ތެރެއިން 118 މީހަކު އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އާންމު ތަންތަނަށް ގޮސް އުޅޭއިރު މާސްކު ބޭނުން ކުރުމަށްވެސް ޑރ މުޙައްމަދު ޢަބްދުލްޢަލީ ވަނީ އިރުޝާދު ދެއްވާފައެވެ.

މުޅި ސައުދީ އަރަބިއްޔާއަށް ބަލާއިރު އެންމެ ފަހުން އެންމެ ގިނަ އަދަދަކަށް ކޭސްތައް ފެނިފައިވަނީ ޖިއްދާއިންނެވެ. ޖިއްދާއިން 294 ކޭހެއް އަލަށް ރިޕޯޓްކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ސައުދީ އަރަބިއްޔާއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 152 އަށް ވަނީ އަރާފައެވެ.

ސައުދީ އަރަބިއްޔާއިން ދަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން އެ ގައުމުގެ އެކި ހިސާބުތަކުގައި ކާފިއުގެ އަމުރުތައް ތަންފީޒު ކުރަމުންދާއިރު، އުމްރާގެ އަޅުކަންވެސް އޮތީ މަޑުޖައްސާލާފައެވެ. އަދި މިއަހަރުގެ ޙައްޖު ޕްލޭންތައްވެސް ކޮވިޑް-19ގެ ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން މަޑުޖައްސާލުމަށް ސައުދީއިންވަނީ އިސްލާމީ އުއްމަތަށް ގޮވާލާފައެވެ.