އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ބިންތައް، އިސްރާއީލުގެ ދަށަށް ގެންގޮސް 'އެނެކްސް' ކުރުމަށް އެމެރިކާއިން ދެމަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލަށް ހުއްދަ ދޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ ބުނެފިއެވެ.

1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވާއިރު މިކަމުގައި ރަސްމީ ސިއްކަ ޖަހާ، އިސްރާއީލުގެ މިލްކިއްޔާތަކަށް ފަލަސްތީނުގެ ބިންތައް ބަދަލު ކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ފަލަސްތީނުން ދަނީ ނުރުހުންފާޅުކުރަމުންނެވެ.

މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ތައާރަފުކުރެއްވުމުގެ ހަފުލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާޙޫ/ފޮޓޯ: އޭއެފްޕީ

ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒްއާއިއެކު ގުޅިފައިވާ ސަރުކާރެއް އެކުލަވާލާނެކަން އިއުލާންކޮށްފައިވާ ނަތަންޔާހޫ ވަނީ، އިސްރާއީލުގެ އިސްތިގުލާލު ދަމަހައްޓާ، ގައިރު ގާނޫނީ ގޮތެއްގައި އިސްރާއީލުން ނަގާފައިވާ ބިންތައް އިސްރާއީލުގެ ދަށަށް ގެނެސް، ހުޅަނގު އައްސޭރިއާއި އުރުދުން ވާދީ އެނެކްސް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ފަށާނެ ސުންގަޑިއަކީ ޖުލައި މަހުގެ 1 ވަނަ ދުވަސް ކަމުގައި ކަނޑައަޅާފައެވެ.

ނަތަންޔާހޫއާއި ގަންޓްޒް އެކުލަވާލާފައިވާ އެއްބަސްވުން ބުނާ ގޮތުގައި މިފަދަ ކަމެއް ކުރުމަށް އެމެރިކާގެ ރުހުން ބޭނުންވެއެވެ.

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލަފާއަރުވާ މުޝީރު އަދި ދަނބިދަރިކަލުން ޖެރާޑް ކުޝްނާ/ފޮޓޯ: ރޮއިޓާޒް

ވިލާތުގައި ދިރިއުޅޭ އިސްރާއީލަށް އެއްބާރުލުން ދޭ ނަސޯރާ ގުރޫޕަކަށް އާދީއްތަ ދުވަހު ފޮނުވި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ގެންގުޅުއްވާ މެދުއިރުމަތީގެ ޕްލޭންއަކީ، ހުޅަނގު އައްސޭރީގެ އާބާދުތަކުގެ މައްޗަށް އިސްރާއީލުގެ ބާރު އޮތްކަން ކަށަވަރުކޮށްދެނިވި ރޫހެއްގައި އޮތް ޕްލޭންއެއް ކަމަށެވެ.

ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން ފަލަސްތީނުގެ އޮފިޝަލުން އަދި ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ފަލަސްތީނުން ވަނީ ޓްރަމްޕްގެ މެދުއިރުމަތީގެ ޕްލޭން ބަލައި ނުގަތުމަށް ނިންމާފައެވެ.