ކުޑަކުދިން ކަމުގައި ބަލާ އުމުރު ފުރާގައި ތިބެ ހިންގާ ޖަރީމާތަކުގެ މައްޗަށް މީގެ ފަހުން ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް، އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނެފިއެވެ.

ސައުދީގެ ސަލްމާން ރަސްގެފާނުގެ ގަރާރަކާ ހަވާލާދީ، އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިފަދަ އިއުލާނެއް ކޮށްފައި މިވަނީ، ސައުދީގައި ހައްދު ޖެހުން ހުއްޓާލާނެކަން އިއުލާންކުރިތާ ގާތްގަނޑަކަށް 2 ދުވަސް ފަހުންނެވެ.

ސައުދީއިންވެސް އެ މުއާހަދާއެއްގައި ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އދގެ ކޮންވެޝަން ބުނާ ގޮތުގައި، ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުއްތަކުގެ މައްޗަށް މަރުގެ ހުކުމް އިއްވައިގެން ނުވާނެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި، އިންސާނީ ހައްގުތަކުގެ ރެކޯޑަށް ބަލާއިރު ސައުދީއަކީ އެންމެ މަސްރަހު ގޯސް އެއް ގައުމެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސައުދީގައި އެއްވެސް ފުރުސަތެއް ނޯންނަކަމަށް ބުނާއިރު، މިފަދަ ކަމަކަށް މަސައްކަތް ކުރާ މީހުންވެސް ޝަރީއަތަކާ ނުލާ ހައްޔަރު ކުރުން ފަދަ އަމަލުތައް ސައުދީގައި ހިންގައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ ރެކޯޑްތަކަށް ބަލާއިރު 2019 ވަނަ އަހަރު ސައުދީގައި 184 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްފައެވެ. މީގެ ތެރޭގައި، ކުށް ކުރިއިރު ކުޑަކުއްޖެއްގެ ގޮތުގައި ބެލެވުނު ފިރިހެނެއްވެސް ހިމެނޭ ކަމަށް އެމްނެސްޓީއިން ވަނީ ރިޕޯޓްކޮށްފައެވެ.

ސައުދީގެ ސަރުކާރުގެ އެއްބާރުލުން ލިބިފައިވާ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ރައީސް އައްވާދު އައްލާވާދު ވިދާޅުވީ، ކުޑަކުއްޖަކު ކުރާ ކުށަކަށް މަރުގެ ހުކުމް އިއްވުމުމުގެ ބަދަލުގައި ދެވޭނެ އެންމެ ބޮޑު އަދަބަކީ އެންމެ ގިނަ ވެގެން 10 އަހަރު ދުވަސް ވަންދެން ޖުވެނައިލް ޑިޓެޝަން ސެންޓަރެއްގައި ބަންދު ކުރުން ކަމަށް ރަސްގެފާނުގެ ގަރާރުގައި ބަޔާންކުރައްވާފައިވާކަމަށެވެ.

އައްލާވާދު ވިދާޅުވީ، މި ގަރާރަކކީ 'ޒަމާނީ' ޖިނާއީ އިޖުރާއަތެއް ގާއިމުކުރުމަށް އެހީވެދޭ ގަރާރެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، މި ބަދަލު އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާނެ ތާރީހެއް އަދި ކަށަވަރެއް ނުވެއެވެ.