މުސްލިމުންގެ ޤިބްލަ ކަމުގައިވާ ކަޢުބާ ހިމެނޭ މާތްވެގެންވާ މަސްޖިދު އަލް-ޙަރަމް އަކީ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މީގެ ކުރީ އަހަރުތަކުގައި އެޔައް ސަތޭކަ ހާސް މުސްލިމުންނެއް އެ މިސްކިތަކަށް ޖަމާވާ މިސްކިތެކެވެ. ރަމަޟާން މަހާ ދިމާކޮށް ޢުމްރާގެ އަޅުކަން އެދިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ މުސްލިމުންނާ، ސައުދީގެ ވަޒަންވެރިން ރަމަޟާން މަހުގެ ވަގުތައް އެންމެ ގިނައިން ހޭދަކުރާ އެއް ތަނަކީވެސް މިއީއެވެ.
ނަމަވެސް، މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައި މިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވީޑް-19) ގެ ބަލިމަޑުކަމާއެކު މިކަން މިވަނީ ބަދަލުވެފައެވެ. ކޮވިޑް-19އިން ދިފާއުވެވެން އޮތް ހަމައެކަނި ހަތިޔާރަކީ ގޭގައި މަޑުކޮށް، އިޖުތިމާއީ ގައިދުރުކަން އިހުތިޔާރު ކުރުން ފަދަ ކަންކަން ކަމަށްވާއިރު، ދީނީ އަޅުކަންތައް އަދާކުރަމުން އައި ގޮތަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މީގެ ކުރިން އެތައް ސަތޭކަ ހާސް މުސްލިމުންނަކައިގެން ފުރިފައިވާ މަސްޖިދު އަލް-ޙަރާމްގައި މިހާރު ނަމާދު ކުރަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ، މުގައްދަސް 2 މިސްކިތާ ބެހޭ އިދާރާގެ މުވައްޒަފުންނެވެ. އެ މީހުންވެސް ނަމާދު ކުރަނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެންކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން އެހުރީ ފެންނާށެވެ.
މުސްލިމުންގެ އެންމެ މުޤައްދަސް 2 މިސްކިތް ކަމަށްވާ އަލް މަސްޖިދު އަލް-ޙަރަމް އަދި އަލް މަސްޖިދު އަލް-ނަބަވީގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު، މި ރަމަޟާން މަހުވެސް ނޯންނާނެ ކަން ސައުދީ އަރަބިއްޔާއިން ވަނީ ހާމަކޮށްފައެވެ. އާންމުންނަށް ނުވަދެވޭނެ ހެން އަލް މަސްޖިދު އަލް-ޙަރަމް އަދި އަލް މަސްޖިދު އަލް-ނަބަވީ ބަންދުކޮށްފައިވާއިރު، ފަރުޟު 5 ނަމާދާ ތަރާވީހު ނަމާދު އެ މިސްކިތްތަކުގައި ކުރުމުގެ ފުރުސަތު އޮންނާނީ 2 މިސްކިތް ބަލަހައްޓާ ރިޔާސަތުގެ މުވައްޒަފުންނާ، މަސައްކަތު މީހުންނަށެވެ. މަސްޖިދު އަލް-ޙަރަމް އަދި އަލް މަސްޖިދު އަލް-ނަބަވީގައި ތާރީހު ނަމާދު ކުރާއިރު، 20 ރަކުއަތުގެ ބަދަލުގައި 10 ރަކުއަތަށް ތަރާވީހު ނަމާދު ވަނީ ކުރުވެސްކޮށްފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދިޔަ ސައުދީއިން މިހާރު ވަނީ ކާފިއުގެ އަމުރަށް ލުއިތަކެއް ދީފައެވެ. އެގޮތުން މައްކާ ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި މިހާރު ތަންފީޒު ކުރަމުންދަނީ ކާފިއުގެ ލުއި އަމުރެކެވެ. އެގޮތުން މިއަދު ހެނދުނު 09:00 އިން ފެށިގެން ހަވީރު 05:00 ގެ ނިޔަލަށް ކާފިއުގެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ޚަބަރު ލިބެއެވެ. އަދި ހޯލްސޭލްއާއި ރީޓެއިލް ވިޔަފާރިއަށްވެސް މިނިވަންކަން ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އުމްރާނީ ބިނާވެށީގެ މަސައްކަތްތަކާ، ކާރުހާނާގެ މަސައްކަތްތައްވެސް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މެއި 13 ވަނަ ދުވަހުގެ ނިޔަލަށް ވަކި ވަގުތަކަށް ލިމިޓް ކުރުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަމަޖައްސާފައެވެ.
ރަމަޟާން މަހާ ދިމާކޮށް ސައުދީއިން ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވީ ނަމަވެސް، ޢުމްރާގެ އަޅުކަމަށް އަދިވެސް ހުއްދަ ދީފައެއް ނުވެއެވެ. ހަމަ މިފަދައިން ކޮވިޑް-19ގެ ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން، މިއަހަރުގެ ޙައްޖު ޕްލޭންތައް މަޑުޖައްސާލަންވެސް ސައުދީއިން ވަނީ އިރުޝާދު ދީފައެވެ.