ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެފައިވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު) ބޭނުން ނުކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން ގޮވާލައިފިއެވެ.

އެޗް.ސީ.ކިއުއަކީ އެންޓިމެލޭރިއަލް ޑްރަގެކެވެ. މި ބޭހެކަކީ ސިއްހީ ބޭސްފަރުވާގެ ނިޒާމުގައި އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން އައި ބޭހެކަށްވާއިރު، މިއީ ކޮވިޑް-19ގެ ފަރުވާ ކަމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވަމުން ގެންދަވަނީވެސް ޚުދު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި އެޗް.ސީ.ކިއު ބޭނުން ނުކުރުމަށް އެމެރިކާގެ އެފް.ޑީ.އޭއިން ގޮވާލާފައި ވަނީ، މި ބޭސް ބޭނުންކުރުމުގެ ސަބަބުން ހާލަތު ސީރިއަސްވެ، ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ހިތުގެ ހިނގުމަށް ނޭދެވޭ ބަދަލުތަކެއް އަންނަ ކަމަށް ބުނެއެވެ.

ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި އެޗް.ސީ.ކިއު ބޭނުންކުރުމާ ގުޅޭ ގޮތުން ހެދި ދިރާސާއެއް އަދި ވަކި ކޮޅެއްގައި ޖެއްސިފައެއް ނުވެއެވެ.

އެމެރިކާގެ އެފް.ޑީ.އޭގެ ކޮމިޝަނަރު ޑރ ސްޓީވަން އެމް ހާން ވިދާޅުވީ، ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކުރެވެން ހުރިހާ މަސައްކަތެއް ކޮށް، ބެލެން ހުރި ހުރިހާ ތަނެއް ބަލަމުން އަންނަކަން ގަބޫލުކުރައްވާ ކަމަށާ، އެ އިދާރާއިން ފޯރުކޮށްދޭ މައުލޫމާތަކީ، ސިއްހީ ތަޖުރިބާކާރުން ނިންމަވަންޖެހޭ ނިންމެވުންތައް ނިންމެވުމަށް ބޭނުންފުޅުވާނެ އެންމެ ސައްހަ މައުލޫމާތު ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ކޮވިޑް-19 އާ ގުޅޭ ތަފާސް ހިސާބުތަކެއް ޕްރިންޓްކޮށްފައިވާ ކަރުދާސްތަކެއް ހިއްޕަވައިގެން/ފޮޓޯ: އެލެކްސް ބްރޭންޑަން

ކޮވިޑް-19ގެ ފަރުވާއަކީ ކޮބައިތޯ ބެލުމަށް ތަހުލީލުތަކާ ދިރާސާތައް ކުރިއަށްދާއިރު، ބޭނުންކުރާ ފަރުވާއެއްގެ ސައިޑް-އިފެކްޓްސްތަކާ މެދުވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޑރ ހާން ވަނީ ވިދާލުވެފައެވެ.

ހައިޑްރޮކްސިކްލޮރޮކުއިންއާއި ކްލޮރޮކުއިންއަކީ މެލޭރިއާއާއި އެނޫންވެސް އެފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެކެވެ. އެފް.ޑީ.އޭގެ ހުއްދަ ދިނުމަށްފަހު، ހުއްދަ ކޮށްފައި ނުވާ ބައްޔަކަށް ޑޮކްޓަރަށް ފެނިއްޖެ ހިނދެއްގައި ފަރުވާއެއްގެ ގޮތުގައި އެ ބޭސް ލިޔެ ދިނުމުގެ ހުއްދަ ޑޮކްޓަރުންނަށް އޮވެއެވެ.

ކޮވިޑް-19އަށް ފަރުވާ ކުރުމުގައި މިއީ އެންމެ ރައްކާތެރި ބޭސްކަން އަދި ސާބިތު ނުވާކަމަށް އެމެރިކާގެ އެފް.ޑީ.އޭއިން ބުނެއެވެ.

ކަންމިހެން އޮތްއިރު އެމެރިކާގެ ސްޓޭޓް އަދި ލޯކަލް ގަވަމަންޓްތަކުން ވަނީ، މި ބޭހުގެ 30 މިލިއަނަށްވުރެ ގިނަ ޑޯޒް ސްޓޮކްކޮށްފައެވެ.