ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް ފަހު އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް ނަގާ، ކާމިޔާބު ކަމާއެކު އެ އެންޓިބޮޑީތައް ކްލޯން ކޮށްފައި ވާކަމަށް މި ބަލިމަޑުކަން އެންމެ ފުރަތަމަ ފެންމަތިވި ޗައިނާއިން ބުނެފިއެވެ.

މިއީ ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އުއްމީދީ ކުރިއެރުމެއް ކަމަށް ބުނެވެއެވެ.

މިވަގުތު ޓެސްޓިއުބްތަކުގައި ހުރި އެންޓިބޯޑީ ކްލޯންތަކުން އެދެވޭ މެސެޖުތަކެއް ލިބުނު ކަމުގައި ވީ ނަމަވެސް، މިއީ އިންސާނުންގެ ހަށިގަނޑުގައި ކުރި ލިބިދާނެ ގޮތެއް ކަމާ މެދު އަދި ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ޗައިނާގެ ދިރާސާ އާންމުކޮށްފައިވަނީ މެޑިކަލް ޖާނަލްއެއް ކަމަށްވާ ސެލިއުލާ އެންޑް މޮލެކިއުލާ އިމިއުނޮލޮޖީގައެވެ.

މި ދިރާސާ ބުނާ ގޮތުގައި ސައެންސްވެރިން ވަނީ ކޮވިޑް-19ގެ 2 އެންޓިބޮޑީއެއް ކްލޯންއެއް ކޮށްފައެވެ. މި އެންޓިބޮޑީތަކަކީ ކޮވިޑް-19އިން ދިފާއުވުމުގެ އިތުރުން އެ ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމަށްވެސް ކޮންމެވެސް ދުވަހަކުން އެހީއަކަށް ވެދާނެ އެންޓިބޮޑީތަކެއް ކަމަށް ޗައިނާގެ ދިރާސާ ޓީމުން ބުނެއެވެ.

ކްލޯން ކޮށްފައިވާ އެންޑިބޮޑީ ބޭނުންކޮށްގެން ބައްޔަކަށް ފަރުވާ ކުރުމަކީ ސިއްހީ ސައެންސްގެ ދާއިރާގައި އާ ކަމެއް ނުނެވެ. މީގެ 5 ވަރަކަށް އަހަރު ކުރިން ފެތުރިގެން ދިޔަ އެބޯލާ ރޯގާއަށް ތަހުލީލީ ފަރުވާ ތަރައްގީ ކުރުމުގައިވެސް އެ ވައިރަހަށް ހުށަހެޅުނު އިންސާނުންނާ ޖަނަވާރުންގެ ހަށިގަނޑުން އެންޓިބޮޑީ ނަގާ، ކްލޯންކޮށްފައިވެއެވެ.

ދާދި މިޒާތެއްގެ އެއް ފަރުވާއަކީ ޕްލާޒްމާ ތެރަޕީއެވެ. ޕްލާޒްމާ ތެރަޕީއަކީ ވައިރަހަކަށް އިންފެކްޓްވެ، އެ ބަލިން ރަނގަޅުވެފައިވާ މީހުން، އެންޓިބޮޑީތަކުން ފުރިފައިވާ ލޭ، ބަލި މީހުންނަށް ދޭ ދިނުމެވެ. ކޮވިޑް-19އާ ގުޅިގެން ބައެއް ގައުމުތަކުން މިހާރުވެސް ދަނީ ޕްލާޒްމާ ތެރަޕީ ބޭނުންކުރަމުންނެވެ.

ކަންމިހެން އޮތްއިރު އެންޓިބޮޑީ ބޭނުންކޮށްގެން މިފަދަ ގޮތަކަށް ފަރުވާއެއް ތަރައްގީ ކުރުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެއްކަން، އެމެރިކާގެ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓް ޑރ އެންތަނީ ފައޫޗީ ވަނީ ފާހަގަކުރައްވާފައެވެ.