އަވަށްޓެރި އިންޑިއާގެ އުތުރުގެ ހިސާބުތައް، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ރަށް ނިއުދިއްލީއަކީ ވައިގެ ތަގައްޔަރުކަމުގެ ތަކުލީފުތައް އޭގެ އެންމެ މަތީ ދަރަޖައަށް ތަހައްމަލު ކުރަމުން ދިޔަ އެއް ސަރަހައްދުކަން އެއްވެސް މީހަކަށް އޮޅިފައް ނެތެވެ. ވަކިން ހާއްސަކޮށް، ފިނި މޫސުމުގެ ދުވަސްވަރު، ފުރާނައަށް ނުރައްކާ ދަރަޖައަށް ދިއްލީގެ ވައި ނުސާފުވެގެންދާ ދިއުމަކީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ކަމެކެވެ.
ކަންމިހެންއޮތްއިރު، އަދު ދުނިޔެ މިއޮތް ހާލަތަކީ ފާއިތުވީ ގަރުނެއް ހާ ދުވަހުވެސް މި ދުނިޔެ ދެކެފައިވި ހާލަތެއް ނޫނެވެ. ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ މަހުލޫގެއް މުޅި ދުނިޔެއަށް އަތްގަދަކޮށް، އެތައް ބިލިއަން ބަޔަކު ގެތަކުގައި ބަންދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ލިބެމުންދާ އެންމެ އެދެވޭ އެއް ޚަބަރަކީ އިންޑިއާގެ ވައިގެ ތަގައްޔަރުކަން ކުޑަވަމުންދާ ޚަބަރެވެ.
އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އިން އާންމުކޮށްފައިވާ މައުލުމާތަށް ބަލާއިރު، އިންޑިއާގައި ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަމުންދާއިރު، އުތުރުގެ ސަރަހައްދުތަކުގައި، ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ ދަށަށް ވައިގެ ތަގައްޔަރުކަން ވަނީ ކުޑަވެފައެވެ.
ނާސާއިންވަނީ 2016 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހުން އޭޕްރިލް 5 ވަނަ ދުވަހުގެ ނިޔަލަށް އުތުރު އިންޑިއާއިން އެއްކުރި މައުލޫމާތާ، މިއަހަރުގެ މިމުއްދަތުގައި އުތުރު އިންޑިއާއިން އެއްކުރި މައުލުމާތު އަޅާ ކިއާފައެވެ.
އެލަބޭމާގެ ހަންޓްސްވިލްގައި ހުންނަ ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓާގެ ޔުނިވާސިޓީޒް ސްޕޭސް ރިސާޗް އެސޯސިއޭޝަންގެ ސައެންޓިސްޓް ޕަވާން ގުޕްތާ ވިދާޅުވީ، ބަދަލުތަކެއް ފެންނާނެ ކަން އެނގޭކަމަށާ، ނަމަވެސް މި ސަރަހައްދުން، އަހަރުގެ މި ދުވަސްވަރު މިވަރުގެ ބޮޑު ދަށްވުމެއް މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާކަމަށެވެ.
ނާސާގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާ އޭރޮސޯލް އޮޕްޓިކަލް ޑެޕްތް (އޭއޯޑީ) ނުވަތަ ވައިގެ ތެރޭގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން އަލި ދަމައިގަންނަ ގޮތާ ރިފްލެކްޓް ކުރާ ގޮތަށް ބަލައިގެންނެވެ.
އިންޑިއާއިން ރެކޯޑް މިންވަރަކަށް ވައިގެ ތަގައްޔަރުކަން ކުޑަވެފައިވާ މި ދަނޑިވަޅަކީ، ކޮވިޑް-19ގެ ލޮކްޑައުންގައި އެގައުމު 5 ވަނަ ހަފުތާއެއް ހާދަކުރަމުންދާ ދަނޑިވަޅެކެވެ. އުމްރާނީ ބިނާވެށީގެ މަސައްކަތްތަކާ، ސިނާއީ މަސައްކަތްތަކުގެ އިތުރުން އާންމު ދަތުރުފަތުރުގެ ހިދުމަތްތައް އަދިވެސް އޮތީ މެދުކަނޑާލާފައެވެ.
ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގައިހެން ލޮކްޑައުންގެ އަމުރެއް ތަންފީޒު ކުރަމުންދާއިރު، ތާރީހު ނުދެކޭ ވަރުގެ އެދެވޭ ބަދަލުތަކެއް ތިމާވެށީގެ ރޮނގުން ދަނީ ފާހަގަކުރެވެމުންނެވެ.