ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އެންމެ ކާމިޔާބު އެއް ފަރުވާގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޕްރޮމޯޓްކުރައްވަމުން ގެންދަވާ އެންޓިމެލޭރިއަލް ޑްރަގެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު)އަކީ، ކޮވިޑް-19އަށް ފަރުވާ ކުރުމުގައި މާ ކާމިޔާބު ބޭހެއް ނޫންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އަދި މިއާ ރިވިއުވެސް ހަދާފައި ނުވާ މި ދިރާސާ އާންމުކޮށްފައިވަނީ ދިރާސާ ކުރުމާ އިލްމު ފޯރުކޮށްދިނުމަށް ހާއްސަ މުއައްސަސާއެއް ކަމަށްވާ ކޯލްޑް ސްޕްރިންގް ލެބޯޓްރީއިން އޮޕަރޭޓްކުރާ ހެލްތް ސައެންސަސް ޕްރީޕްރިންޓް ސާވާއެއްގައެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

މިހާތަނަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ބައެއް ގައުމުތަކުން މި ބޭސް ބޭނުންކުރަމުންދާކަން ފާހަގަކޮށް، މި ދިރާސާގައި ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މި ދިރާސާ އެކުލަވާލާފައިވަނީ އެމެރިކާގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރަމުން އަންނަ ވެޓެރަންސް ހެލްތް އެޑްމިނިސްޓްރޭޝަން މެޑިކަލް ސެންޓަރުތަކުގައި އެޑްމިޓްކޮށްގެން ކޮވިޑް-19އަށް ފަރުވާ ދެމުންދާ ޕޭޝަންޓުންގެ ކިބައިން އެއްކޮށްފައިވާ މައުލޫމާތަށް ރިއާޔަތްކޮށެވެ.

މި ދިރާސާއާ ހަވާލާދީ ދަހިންދޫއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔުނިވާސިޓީ އޮފް ސައުތު ކެރޮލައިނާގެ ސައެންސްވެރިން ވަނީ، އެޗް.ސީ.ކިއުއާއި އެޒިތްރޮމައިސީންގެ ފަރުވާއިން ޕޭޝަންޓުންނަށް އައި ބަދަލުތައް ދެނެގަނެފައެވެ.

އެޗް.ސީ.ކިއު ވަކިން ނުވަތަ އާއި އެޒިތްރޮމައިސީންއާ އެއްކޮށްގެން ކޮވިޑް-19އަށް ފަރުވާ ކުރަމުންދަނީ މި ކަމުގެ ތަޖުރިބާކޮށްފައިވާ ބައެއް ފަރާތްތަކާ ހަވާލާދީކަމަށްވެސް ދިރާސާ ޓީމުން ބުނެފައިވާކަމަށް ދަ ހިންދޫއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާގައި ކުރިއަށް ގެންދިޔަ ދިރާސާގައި 368 ޕޭޝަންޓެއްގެ ހާލަތު މުރާޖައާ ކޮށްފައިވާކަމަށާ، އެ ޕޭޝަންޓުންނަށް ދީފައިވަނީ އެޗް.ސީ.ކިއު އެކަނި ނުވަތަ އެޗް.ސީ.ކިއުއާ އެޒިތްރޮމައިސީންއާ އެއްކޮށްގެން ދިން ފަރުވާއާ ކޮވިޑް-19ގެ ސަޕޯޓް މެނޭޖްމަންޓް ފަރުވާކަން ދަ ހިންދޫއިން ފާހަގަކުރެއެވެ. އަދި ނަތީޖާއިން ދައްކާފައިވަނީ އިބްތިދާއީ 2 ގޮތެއް ކަމަށާ، 1 އެއްގޮތަކީ ޕޭޝަންޓު މަރުވުން ކަމަށްވާއިރު، އަނެއް ގޮތަކީ މެކޭނިކަލް ވެންޓިލޭޝަންއަށް ބޭނުންވުންކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ދިރާސާއާ ހަވާލާދީ ދަ ހިންދޫއިން ބުނީ، ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް އެޗް.ސީ.ކިއު ޑްރަގް ދީގެން މެކޭނިކަލް ވެންޓިލޭޝަންގެ ރިސްކު ކުޑަކުރެވިފައި ވާ ކަމުގެ އެއްވެސް ހެއްކެއް ދިރާސާ ޓީމަށް ލިބިފައި ނުވާކަމަށެވެ. އަދި ހަމައެކަނި އެޗް.ސީ.ކިއުގެ ފަރުވާއަށް ބަރޯސާވުމަކީ، މަރުގެ ނުރައްކާ އިތުރުކުރުވިކަމެއްކަންވެސް ދިރާސާއާ ހަވާލާދީ ދަ ހިންދޫއިން ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާގައި މުޅިންހެންވެސް ބައިވެރިކޮށްފައިވަނީ ފިރިހެން ޖިންސްގެ ޕޭޝްންޓުންނެވެ. އަދި އެވަރޭޖް އުމުރަކީ 65 އަހަރުން މަތީގެ އުމުރެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50،000 ހައިޑްރޮކްސީކްލޮރޯކްއީން ބޭސްގުޅަ / ފޮޓޯ: ފޮރިން މިނިސްޓްރީ

އެޗް.ސީ.ކިއުއާ ގުޅިގެން އަދިވެސް އިތުރު ހޯދުންތަކެއް ހޯދަންޖެހިފައިވާކަމަށް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

އެޗް.ސީ.ކިއު އަކީ ކޮވިޑް-19ގެ ފަރުވާ ކަމަށް އެންމެ ހަރުއަޑުން ވަކާލާތުކުރައްވާ އެއް ބޭފުޅަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ. ނަމަވެސް ޓްރަމްޕްގެ ވާހަކަފުޅުތަކުގައި ސައެންސްގެ ރޮނގުން ބަލާއިރު ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރިކަން އެކި ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.