ކޮވިޑް-19ގެ ނަމުގައި ނާޖާއިޒް ގޮތުގައި ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ ކޮވިޑާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑް ސްކީމްތަކެއް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އޮނަލައިންކޮށް ތަކެތި ބަލާގަތުމުގައި ސަމާލުކަން ދޭންވީ ކަންތަށްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
އޭގެތެރޭގައި:
- ތަކެތި ވިއްކާ ފަރާތަކީ ސައްހަ ފަރާތެއްތޯ ބަލާ ޔަގީން ކުރުން
- އޮންލައިން ރިވިއުތަށް ބަލާ ނެގެޓިވް ރިވިއު ލިބޭ ވެބްސައިޓްތައް ބޭނުން ނުކުރުން
- ކުންފުނި ހުރި ގައުމު ނޫން އެހެން ގައުމެއްގައި ހުރި ބޭންކް އެކައުންޓަށް ޓްރާންސެކްޝަން ހަދަން ބުނާ ކަމަށް ނުހެދުން
- ފްރޯޑް ވިކްޓިމް އަކަށްވެއްޖެ ކަމަަށް ގަބޫލު ކުރެވޭ ނަމަ ވީ އެންމެ އަވަހަކަށް ބެންކަށް އެކަން އަންގާ ޓްރާންސެކްޝަން ހުއްޓުވުން
- މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދޭނެ ކަމަށްބުނެ ޒާތީ މައުލޫމާތު ހާމަ ކުރަން ބުނާނަމަ އެ އީމޭލް ތަކަށް ޖަވާބު ނުދިނުން
- ގޮތް ނޭންގޭ މީހުންނާއި އެކައުންޓް ތަކުން ފޮނުވާ އެޓޭޗްމެންޓްތައް ނުހުޅުވުން
ކޮވިޑް-19އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ބޭނުން ކުރަމުން ދަނީ އޮންލައިން ކޮށް ތަކެތި ގަތުމާއި ވިއްކުމުގެ މަސައްކަތެވެ.
ތަކެތި ގެނައުމުގައި ލަސްވުމާއި އޯޑަރު ކުރާ ތެކެތި މަދުވުން ފަދަ ކަންތަށް ދިމާވަމުންދާ ކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެކަންކަމަށް ސަމާލު ވުމަށްވެސް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.