ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިންއެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރުމަށް ޖަރުމަނުވިލާތުން ފުރަތަމަ ފަހަރަށް ހުއްދަ ދީފައިވާކަމަށް އެގައުމުގެ އިންސްޓިޓިއުޓް ފޮ ވެކްސިންސް އެންޑް ބައޮމެޑިކަލް ޑްރަގްސްއިން ހާމަކޮށްފިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ކާމިޔާބު ވެދާނެ ވެކްސިންގެ ކްލިނިކަލް ތަހުލީލުތައް ފެށުމަށް ހުއްދަ ދީފައިވާއިރު، މި ވެކްސިން ތަރައްގީ ކުރަމުންދަނީ ބައޯއެންޓެކް ކުންފުނިންނެވެ.

ޖަރުމަނުވިލާތުގައި އިންސާނުންގެ ހަށިގަނޑުގައި ކޮވިޑް-19 ވެކްސިން ޓެސްޓުކުރުމަށް ތައްޔާރުވެފައިވާ ބައޯއެންޓެކް ކުންފުނި/ފޮޓޯ: އީޕީއޭ

ޖަރުމަނުވިލާތުގެ ފެޑެރަލް އޭޖެންސީއިން ބުނީ، މަރުހަލާތައް ނިންމާ، ކްލިނިކަލް ތަހުލީލު ނުވަތަ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ތަހުލީލުކުރަން ފެށުމުގެ ހުއްދަ ހޯދާފައިވަނީ އެންމެ 4 ދުވަހުގެ ތެރޭގައި ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީއިންވެސް ވަނީ، މި ހަފުތާގެ ފަހުކޮޅު އިންސާނުންގެ ހަށިގަނޑުގައި ވެކްސިންއެއް ތަހުލީލުކުރަން ފަށާނެކަން ހާމަކޮށްފައެވެ. މި ވެކްސިން ތަރައްގީ ކުރަނީ އޮކްސްފޯޑް ޔުނިވާސިޓީއިންނެވެ. މީގެ އިތުރުން ލަންޑަންގެ އިމްޕީރިއަލް ކޮލެޖުންވެސް ޖޫން މަހު މިފަދަ މަޝްރޫއެއް ފަށަން ތައްޔާރުވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް އަދި ހޯދިފައި ނުވާއިރު، ވެކްސިންއެއްވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.