ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ޗައިނާއިން ހަގީގަތް އޮޅުވާލުމުން ކަމަށް ބުނެ، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޒޫރީއިން ޗައިނާގެ ސަރުކާރާ، ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

މިޒޫރީގެ އެޓާނީ ޖެނެރަލް އެރިކް ޝްމިޓް ބުނީ، ޗައިނާގެ ސަރުކާރުން މުޅި ދުނިޔެއަށް ދޮގު ހަދާފައިވާކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ހަގީގީ ނުރައްކަލާ، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރިގެންދާ ގޮތާ މެދު ޗައިނާގެ ސަރުކާރުން ދޮގު ހަދާފައިވާކަމަށް ޝްމިޓް ވިދާޅުވެއެވެ. އަދި ކޮވިޑް-19ގެ މައުލޫމާތު ހާމަކުރުމަށް މަސައްކަތްކުރި 'ވިސަލްބްލޯވާޒް'ގެ އަޑު ހިމޭންކޮށްލުވާފައިވާކަމަށްވެސް ޝްމިޓް ވިދާޅުވިއެވެ. އަދި މިއީ އެކަމަކާ މެދު އެ މީހުން ޖަވާބުދާރީ ވާންޖެހޭނެ އަމަލުތަކެއް ކަމަށްވެސް އެމެރިކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

ޗައިނާގެ ސަރުކާރާ، ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާއި ދެކޮޅަށް މިޒޫރީން ހުށަހަޅާފައިވާ ދައުވާގައި، އެ ސްޓޭޓުން ގެއްލިދިޔަ ފުރާނަތަކުގެ ބަދަލާ، އިންސާނިއްޔަތަށް އުފުލަންޖެހުނު ތަކުލީފުތަކާ، އިގުތުސޯދީ ކާރިސާގެ ބަދަލު ދިނުމަށް ވަނީ ގޮވާލާފައެވެ.

ޗައިނާއިންދަނީ ކޮވިޑް-19އާ ގުޅިގެން އެގައުމަށް އަމާޒުކުރަމުންދާ ހުރިހާ ފާޑުކިއުންތަކަކަށް އިންކާރު ކުރަމުންނެވެ.

މިޒޫރީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ތާރީޚީ ދައުވާއެކެވެ. ނަމަވެސް މިކަން ވިލަރެސް ކުރަމުންދާ ފަރާތްތަކުން ބުނަމުންދަނީ، އެމެރިކާގެ ގާނޫނު ހަމަޖެހިފައި އޮތް ގޮތުން، މިފަދަ ފިޔަވަޅުތަކަކުން ދިފާއު ހޯދުމުގެ ބާރު، ބޭރުގެ ސަރުކާރުތަކަށް ލިބިގެންވާއިރު، މިއީ ގާނޫނީ ގޮތުންނާ އިޖުރާއަތުތަކަށް ބަލާއިރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ދައުވާއެކެވެ.