މުޖުތަމައުގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ނުކުރުމަށާއި އެމީހުންނަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމް އިން މިގޮތަށް ގޮވާލާފައި މިވަނީ ސިއްހީ ހިދުމަތްތެރިންނަށް މުޖުތަމައުގެ ތެރެއިން ފުރައްސާރަ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެޗްޕީޔޫއިން ބުނީ، މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކައި ސިއްހީ ހިދުމަތްތެރިން އެތަކެއް ގުރުބާނީ އެއް ވަމުންދާއިރު، ސިއްހީ ހިދުމަތްތެރިން އުޅެމުން އަންނަ ގެތަކުގެ ވެރިފަރާތް ތަކުންނާއި މުޖްތަމައުގެ ތެރެއިންވެސް ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މީގެ އިތުރަށް ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަަށަވަރުކޮށް ދިނުމަށް އެދި އެމްއެޗްޕީޔޫއިން ވަނީ ގޮވާލާފައެވެ.

އެމްއެޗްޕީޔޫއިން ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ގެއިން ނުކުންނަން ވެސް އަންގަމުންދާ ކަމަށާއި، އަދި އެންމެ ރަނގަޅީ ވަޒީފާ އަށް ނުދިއުން ކަމަށް ގޭގެ ވެރިފަރާތުން ބުނަމުންދާ ކަމަށެވެ. އަދި މިއީ ކޮވިޑް19 ފަދަ ނުރައްކާތެރި ބައްޔެއް ރާއްޖޭގައިވެސް ފެތުރިފައިވާ މިދަނޑިވަޅުގައި، މަސައްކަތް ކުރަން ނުކުންނަ ހިދުމަތްތެރިންނަށް ދިމާވަމަމުންދާ ކަމެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އެކަމަކީ، އެމީހުންގެ ނަފްސާނީ ދުޅަ ހެޔޮކަމަށް އަސަރުކުރުވާނެ ކަންތައްތަކެއް ކަމަށެވެ.

އެކަމާއި ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ކޮށްފައިވާ ޓްވީޓުތަކެއްގައި ބުނެފައިވަނީ ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދިނުމަށާއި އަދި މިފަދަ ފަރާތްތައް ދިރިއުޅޭ ތަންތަނުގައި އުޅޭ އެހެން ފަރާތްތަކުން މިފަދައިން ހިދުމަތުގައި އުޅުއްވާ މުވައްޒަފުން ތަފާތުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިރިއުޅޭ އެޕާޓްމަންޓު ނުވަތަ ގޭގެ ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ މައްސަލަތައް އެ ކޮމިޝަނަށް ހިއްސާ ކުރުމަށްވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން މިގޮތަށް ބުނެފައިވާއިރު ބައެއް މީހުން އަންނަނީ މި ހާލަތުގައި ގެއިން ނެރޭ މީހުންނާއި ކުލި ނުދެއްކިގެން އުޅޭ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ތަފާތު އެކި އެހީތައް ވަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ އެމީހުން ހިންގަމުން އަންނަ ގެސްޓު ހައުސް ފަދަ ތަންތަން އެފަދަ މީހުންނަށް ދިނުމަށް ނިންމާފައެވެ.