މުސްލިމުންގެ އެންމެ މުޤައްދަސް 2 މިސްކިތް ކަމަށްވާ އަލް މަސްޖިދު އަލް-ޙަރަމް އަދި އަލް މަސްޖިދު އަލް-ނަބަވީގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު، ކުރިއަށް އޮތް ރަމަޟާން މަހުވެސް ނޯންނާނެ ކަން ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

މުސްލިމުންގެ މުޤައްދަސް 2 މިސްކިތުގެ ޚަބަރުތައް ގެނެސްދޭ ޙަރަމައިން ޝަރީފައިންގެ ޓްވިޓާ ހޭންޑްލްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އާންމުންނަށް ނުވަދެވޭނެ ހެން އަލް މަސްޖިދު އަލް-ޙަރަމް އަދި އަލް މަސްޖިދު އަލް-ނަބަވީ ބަންދުކޮށްފައިވާއިރު، ފަރުޟު 5 ނަމާދާ ތަރާވީހު ނަމާދު އެ މިސްކިތްތަކުގައި ކުރުމުގެ ފުރުސަތު އޮންނާނީ 2 މިސްކިތް ބަލަހައްޓާ ރިޔާސަތުގެ މުވައްޒަފުންނާ، މަސައްކަތު މީހުންނަށް ކަމަށް ވަނީ ހާމަކޮށްފައެވެ.

ސައުދީ އަރަބިއްޔާއިންވަނީ މާތްވެގެންވާ މަސްޖިދު އަލް-ޙަރަމް ސެނިޓައިޒް ކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ އަދަދު އިތުރުކޮށްފަ/ފައިލް ފޮޓޯ: ސައުދީ ގެޒެޓް

ރަމަޟާން މަހަށް ހާއްސަ ތަރާވީހު ނަމާދު ކުރަމުން އައި އާދައަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އާންމުންނަށް ނުވަދެވޭނެހެން އަލް މަސްޖިދު އަލް-ޙަރަމް އަދި އަލް މަސްޖިދު އަލް-ނަބަވީގައި ތާރީހު ނަމާދު ކުރާއިރު، 20 ރަކުއަތުގެ ބަދަލުގައި 10 ރަކުއަތަށް ތަރާވީހު ނަމާދު ވަނީ ކުރުވެސްކޮށްފައެވެ. ހަމަ މިފަދައިން، ޤުނޫތު ދުޢާވެސް ކުރުކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

2 ޙަރަމްގައިވެސް އާންމުކޮށް ރޯދަ ވީއްލުމުގެ ފުރުސަތު ނޯންނާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި މައްކާއާއި މަދީނާ ސަރަހައްދުގައި، 'އިފްތާރު ބާސްކެޓް' ނުވަތަ ރޯދަ ވީއްލާނެ ކާބޯތަކެތި އެކުލެވޭ ޕެކް ބަހާ ގޮތަށް އަލް މަސްޖިދު އަލް-ޙަރަމްގެ އިމާމު އަދި 2 ޙަރަމްގެ ކަންކަން ބެލެހެއްޓުމާ ބެހޭ އޮފީހުގެ ރައީސް ޢަބްދުއްރަޙްމާން އިބްނު ޢަބްދުލްޢަޒީޒު އަލް-ސުދައިސް ވަނީ ހަމަޖައްސަވާފައެވެ.

ރަމަޟާން މަހުވެސް ޢުމްރާގެ އަޅުކަން މެދުކަނޑާލާފައިވާއިރު، އިޢުތިކާފަށް ތިބުންވެސް މެދުކަނޑާލާފައިވާކަމަށް ޙަރަމައިން ޝަރީފައިންއިންވަނީ ހާމަކޮށްފައެވެ.

މި ބަދަލުތަކަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

ސައުދީ އަރަބިއްޔާގެ އަދުގެ ހާލަތަށް ބަލާއިރު،10484 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 103 މީހަކު ވަނީ މި ބަލީގައި، އެ ގައުމުން މަރުވެފައެވެ.