މަޖީދީ މަގަށް ވެއްޓިފައި އޮތް މީހާ ސެނެހިޔާއަށް ގެންދިޔަ އިރު އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ސެނެހިޔާ ހޮސްޕިޓަލާ ހަވާލާ ދީ ބުނީ ވެއްޓިފައި އޮތް މީހާ މެއަށް ތަދުވާތީ އުޅުނުކަން އެނގިފައިވާ ކަމަށެވެ.

ލަގްޒަރީ ކައިރިން އަސަރީ ގޯޅިއާއި މަޖީދީ މަގު ގުޅުނު ކަންމައްޗަށް ވެއްޓިފައި އޮތީ އުމުރުން 50 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނީ މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މިރޭ 20:31 ގައެވެ.

އޭނާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއިން، އޭނާގެ ކައިރީގައި ބިދޭސީއަކު އިށީނދެ އިންނަ އިރު އިތުރު ބިދޭސީންނާއި ފުލުހުން ކައިރީގައި ހަރަކާތްތެެރިވެއެވެ.

އޭނާ ވެއްޓިފައި އޮއްވާ ނަގައިގެން ގެންދިޔައީ ޕްރޮޓެކްޓިވް ގިއަރުގައި ކަމެއް ނުވަތަ ފޮޓޯއިން ފެންނަ ހާލަތުގައި ނަގައިގަނެގެން ގެންދިޔައީ ކަމެއް ސާފެއް ނުވެއެެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން މާލެ ތެރޭގައި ފެތުރޭ ދުވަސް ވަރަކަށް ވާއިރު، ބަލިގެން ވެއްޓިފައި ތިބޭ މީހުން ނުވަތަ އެނޫންވެސް މީހަކު އެއްތަނުން އަނެއްތަނަށް އުފުލުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާަތްތަކުން ގޮވާލައެެވެ.