ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާދިނުމަށް ތަހުލީލީ މަރުހަލާގައި ބޭނުންކުރަމުންދާ ރެމްޑެސިވިއާ ޑްރަގްގެ ސަބަބުން، އަވަހަށް ބަލި ފަސޭހަވެ، ކުރު މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވޭ ކަމަށް ސްޓެޓް ނިއުސްއާ ހަވާލާދީ، ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.

ޑްރަގް ތަހުލީލު ކުރުމުގެ މަރުހަލާގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރަކާ ހަވާލާދީ ސްޓެޓް ނިއުސްއިން އާންމުކުރި ރިޕޯޓަށް ރިއާޔަތްކޮށް ސީއެންއެންއިން ބުނީ، މި ދިރާސާގައި ބައިވެރިވި ޕޭޝަންޓުންނަކީ ކޮވިޑް-19ގެ ސަބަބުން އެމީހުންގެ ނޭވާލާ ނިޒާމުން ސީރިއަސް އަލާމާތްތަކެއް ފެންނަމުންދިޔަ، އަދި ހުންވެސް ހުރި މީހުން ކަމަށާ، ފަރުވާ ފެށިތާ ހަފުތާއެއްވެސް ނުވަނީސް އެމީހުންނަށް ގެއަށް ދެވޭ ވަރުވި ކަމަށެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: ބެސްޓް އޮފް ލައިފްލައިން

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ، ޔުނިވާސިޓީ އޮފް ޝިކާގޯގެ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓް ޑރ ކެތްލީން މިއުލާންގެ ވީޑިއޯއަކާ ހަވާލާދީ ސީއެންއެންއިން ބުނީ، ދިރާސާގައި ބައިވެރިވި ގިނަ ޕޭޝަންޓުން މިހާރު ގެއަށް ފޮނުވާލެވިފައިވާކަމަށާ، ބަލީގައި މަރުވެދިޔައީ އެންމެ 2 ޕޭޝަންޓުން ކަމަށެވެ.

ޔުނިވާސިޓީ އޮފް ޝިކާގޯއާ ހަވާލާދީ ސީއެންއެންއިން ބުނީ ޑރ މިއުލާންގެ ވާހަކަތަކަކީ، މައުލޫމާތުން ބައެއްގެ މައްޗަށް ބިނާކޮށް އާންމުކުރެއްވި ވާހަކަތަކެއް ކަމަށެވެ. ޑރ މިއުލާންގެ ވާހަކަތަކަކީ، މިހާރުވެސް ކުރިއަށްދާ ދިރާސާއަކުން ލިބިފައިވާ، ފުރިހަމަ ނުވާ މައުލޫމާތު ކަމަށާ، މިފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ތަހުލީލީ މަރުހަލާގައި އޮތް ފަރުވާއެއްގެ ރައްކާތެރިކަމާ، ނަތީޖާއެއް ނެރެވުމާ މެދު ގޮތެއް ނިންމައިގެން ނުވާނެ ކަމަށްވެސް ޔުނިވާސިޓީ އޮފް ޝިކާގޯއާ ހަވާލާދީ ސީއެންއެންއިންވަނީ ބުނެފައެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ފުޅާދާއިރާއެއްގައި ދިރާސާތައް ކުރަމަށް ރެމްޑެސިވިއާ ޑްރަގްް ދިނުމަށް ޕޭޝްންޓުން ސްޕޮންސާ ކުރާ ޖީލީޑް ސައެންސަސް ކުންފުނީގެ އިމާރާތެއް/ފޮޓޯ: ރޮއިޓާޒް

ރެމްޑެސިވިއާ ބެހޭ ގޮތުން މިހާރު އާންމުވެގެން އުޅޭ ވާހަކަތަކަކީ ދިރާސާގައި މަސައްކަތްކުރާ ޓީމުން އެމީހުންގެ މެދުގައި ހިއްސާކުރަމުންދިޔަ ވާހަކަތަކެއް ކަމަށާ، އެ މައުލޫމާތު ހާމަކޮށްފައިވަނީ ހުއްދައަކާ ނުލާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އެފަދަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމުމަކީ ސައެންސްގެ ރޮނގުން ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށްވެސް ޝިކާގޯ ޔުނިވާސިޓީއިން ބުނި ކަމަށް ސީއެންއެންގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އޮތްކަމަށް ރަސްމީ ސިފައެއްގައި ބަލައިގަނެ، ފާސްކޮށްފައެއް ނުވެއެވެ. ކޮވިޑް-19 ޖައްސާ ނިއުމޯނިއާ އަދި އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ފަދަ ސީރިއަސް ބަލިތަކަށް މީހާ ހުށަހަޅާ ވައިރަހެކެވެ. ކަންމިހެން އޮތްއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ މި ބައްޔަށް ފަރުވާއެއް ހޯދުމަށް އެކި ކަހަލަ ޑްރަގްތައް ބޭނުންކޮށް، ތަހުލީލު ކުރަމުންނެވެ. ރެމްޑެސިވިއާ އަކީވެސް އެފަދަ އެއް ޑްރަގްއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: ސީއެންއެން

ޖިލީޑް ސައެންސަސް އިން އުފައްދާފައިވާ މި ޑްރަގްއަކީ، އެބޯލާއާ ދެކޮޅަށް ޓެސްޓުކޮށް މާބޮޑު އެދެވޭ ނަތީޖާއެއް ލިބިފައި ނުވާ ޑްރަގްއެކެވެ. ނަމަވެސް ޖަނަވާރުތަކުގައި މި ބޭސް ޓެސްޓުކުރި ކުރުމުން ކޮވިޑް-19 ހިމެނޭ ކޮރޯނާވައިރަސް އާއިލާގެ ސާސްއާއި މާސް ރޯގާތަކުން ދުރުކޮށްދިނުމާ، ފަރުވާ ކުރުމުގައި ކާމިޔާބުތަކެއް ވެފައިވާކަމަށް ވަނީ ދައްކާފައެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ވަނީ ރެމްޑެސިވިއާއަކީ ކޮވިޑް-19އަށް ކާމިޔާބު ފަރުވާއަކަށްވުމުގެ ނިޝާންތަކެއް ފެންނަމުންދާކަން ހާމަކޮށްފައެވެ.

ސްޓެޓް ނިއުސްއިން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނާ ރެމްޑެސިވިއާ އަކީ ކޮވިޑް-19ގެ ފަރުވާކަމަށް އަދި ކަނޑައެޅޭކަށް ނެތެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރެމްޑެސިވިއާގެ ކާމިޔާބު ވަޒަން ކުރުމަށް ކުރިއަށް ގެންދާ ދިރާސާގައި ކޮންޓްރޯލް ގުރޫޕެއް އޮތް ކަމަކަށް ނުދައްކައެވެ. އެހެންކަމުން ޕޭޝްންޓުން ބަލިން ފަސޭހަވެގެންދަނީ ހަމައެކަނި ބޭހުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުސަތު އިންތިހާއަށް ހަނިވެއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: އިކޮނޮމިސްޓް

މި ބޭހުގެ އިތުރު ތަހުލީލުތައް އެކި ހިސާބުތަކުގައި ދަނީ ކުރިއަށެވެ. ޖިލީޑްއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 152 ސައިޓެއްގައި، 2400 އެއްހާ ޕޭޝަންޓުންގެ ހަށިގަނޑުގައި މި ފަރުވާ ޓެސްޓުކުރުމަށް ސްޕޮންސާ ކުރަމުންނެވެ. މި ޕޭޝަންޓުންނަކީ ބަލީގެ ސީރިއަސް އަލާމާތްތައް ފެންނަ ޕޭޝަންޓުންނެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން 169 ހޮސްޕިޓަލަކާ ކުލިނިކެއްގައި އިތުރު 1600 ޕޭޝަންޓުންނެއްގެ ހަށިގަނޑުގައިވެސް މި ޑްރަގް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ. ޖިލީޑްގެ ސްޕޮންސާޝިޕްގެ ދަށުން ފަރުވާ ކުރަމުންދާ 1600 ޕޭޝަންޓުންނަކީ މެދު މިނަކަށް ނުވަތަ މޮޑަރޭޓް އަލާމާތްތަކެއް ފެންނަ މުންދާ ގިންތީގެ ޕޭޝަންޓުންނެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފާމާފޯރަމް

ޖިލީޑް އިން ބުނީ މިހާރު ކުރިއަށްދާ ތަހުލީލުތަކުގެ ނަތީޖާ ލިބޭ ވަރުވާނީ މިމަސް ނިމޭ ހިސާބުގައިކަމަށެވެ.

ސީއެންއެންއަށް ދިން ބަޔާނެއްގައި ޖިލީޑްއިން ބުނީ، ތަހުލީލީ ދިރާސާއިން ގޮތެއް ނިންމުމަށް ހުރިހާ މައުލޫމާތަކާ ތަފާސް ހިސާބެއް އެނަލައިޒްކުރަންޖެހޭނެ ކަމަށެވެ. މިހާރު ދައުރުވާ ފަދަ ރިޕޯޓްތަކަކީ ހިތްވަރު އާކޮށްދެނިވި މެސެޖުތަކަކަށް ވީ ނަމަވެސް، ތަފާސް ހިސާބުތަކަށް ބަލާއިރު، ރެމްޑެސިވިއާއަކީ ކޮވިޑް-19އަށް އެންމެ ރައްކާތެރި އަދި އެދެވޭ ނަތީޖާއެއް ނެރެވެނިވި ޑްރަގަގެއް ކަމަށް ބުނެވެން އަދި ނެތްކަންވެސް ޖިލީޑް އިން ފާހަގަކުރާކަމަށް ސީއެންއެންއިން ވަނީ ރިޕޯޓްކޮށްފައެވެ.