4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އިއްޔެގެ ވަގުތެއްގައި ނޯތު ސެންޓަރަލް ޕޮލިސް ޑިވިޝަން (ނ، ރ، ބ، ޅ އަތޮޅު ހިމެނޭ ޑިވިޝަން) އަށް ނިސްބަތްވާ ރަށެއްގައި އުމުރުން 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް ފަރާތެއް ހަޔައްރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށާއި ވިކްޓިމް އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ޖިންސީ ގޯނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އެ މީހުން ކުރާ އަމަލާއި އަނިޔާ ލިބޭ ކުއްޖާ އާއި އެ މީހަކާ ދެމެދު ހުރި އާއިލީ ގާތް ކަމަށް ބަލައި، 10 އަހަރާއި 25 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެއެވެ.