24 ގަޑި އިރަށް މާލެ ސަރަހައްދު ލޮކުޑައުން ކުރުމާ ގުޅިގެން ގޭން ބޭރުގައި އުޅޭ ފަރާތްތައް މިއަދު 3.30 ގެ ކުރިން ގެއަށް ވަންނަން ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު ގެއިން ބޭރުގައި ތިބި ހުރިހާ ފަރާތްތަކުން މިއަދު މެންދުރު 3:30 ގެ ކުރިން އަނބުރާ ގެއަށް ވަންނަން ޖެހޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގައު އުޅަނދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
އަދި މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީހެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. މީގެއިތުރަށް މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާއިރު، މިއަދު 15:45 ހާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ ގައުމާ މުހާތަބް ކުރައްވަން ނިންމާފައެވެ. އަދި ރައީސް ގައުމާ މުހާތަބް ކުރައްވާނީ ޓީވީ މެދުވެރިކޮށް ލައިވްކޮށެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 ޕޮޒިޓިވް ވެފައިވައިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައެވެ.