ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަށް އެގައުމުން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން މެދުކަނޑާލުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޑަބްލިއުއެޗްއޯއަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، މި ބަލިމަޑުކަމަށް އިޖާބަ ދިނުމުގައި އެންމެ އަސާސީ ޒިންމާ އަދާކުރަންވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފެއިލްވެފައިވާކަމަށެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، ޗައިނާއިން ބަލި ފެނުމާ ފެތުރިގެންދިޔަ ގޮތާ، އެކަންކަން މެނޭޖު ކުރަމުންދިޔަ ގޮތް ފޮރުވުމަށް ޑަބްލިއުއެޗްއޯއިން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިއީ ޖަވާބުދާރީ ވާންޖެހޭނެ ކަމެއް ކަމަށްވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.
ވައިޓް ހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޑަބްލިއުއެޗްއޯ އެ އިދާރާއަކަށް ނިސްބަތްވާ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، މިއީ ޑަބްލިއުއެޗްއޯއަށް ލިބެންވާ ވަސީލަތްތައް މެދުކަނޑާލަންވީ ވަގުތު ނޫންކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މާލިއްޔާތަށް ބަލާއިރު، އެމެރިކާއަކީ އެ އިދާރާއަށް އެންމެ ގިނައިން ފައިސާ ހަރަދު ކުރާ ގައުމެވެ. ހުސްވި އަހަރަށް ބަލާއިރުވެސް އެމެރިކާއިންވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ޑަބްލިއުއެޗްއޯއަށް ފޯރުކޮށްދީފައެވެ. އެއީ ޑަބްލިއުއެޗްއޯގެ އަހަރީ ބަޖެޓަށް ބަލާއިރު ގާތްގަނޑަކަށް 15 ޕަސެންޓްއެވެ.
ޑަބްލިއުއެޗްއޯގެ ވެބްސައިޓް ބުނާ ގޮތުގައި 2018-19 ވަނަ އަހަރު ޗައިނާ އެސެސް ފީގެ ގޮތުގައި 76 މިލިއަން ޑޮލަރު ދެއްކިއިރު ވޮލަންޓްރީ ފީގެ ގޮތުގައި ދައްކާފައިވަނީ އެންމެ 10 މިލިއަން ޑޮލަރެވެ. އެސެސް ފީއަކީ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ގައުމުތަކުން ދައްކަން ޖެހޭ ފީއެކެވެ. މި އަދަދު ހިސާބުކޮށްފައިވަނީ އެ ގައުމެއްގެ މާލީ ތަނަވަސްކަމާ އާބާދީއަށް ބަލައިގެންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވި މިނެއްގައި ފެތުރެމުންދާއިރު، ޑަބްލިއުއެޗްއޯއިންވަނީ މި ބަލިމަޑުކަމާ ކުރިމަތިލުމަށް 657 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާކަމަށް މާޗްމަހު އިއުލާންކޮށްފައެވެ. އަދި އޭގެ ފަހުން، 1 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވެގެންވެސް އެ ޖަމިއްޔާއިންވަނީ އިއުލާންކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމަށް ބަލާއިރު އެންމެ ހާލަތު ގޯސް ގައުމެއްކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އެމެރިކާއެވެ. އެމެރިކާއިން 600000 އަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު މަރުވި މީހުންގެ އަދަދު 25900އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.