ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އައި ބަލި 5 މީހަކު އައިޖީއެމްއެޗްގައި ކަރަންޓީން ކުރެފައި ވާކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އިންޑިއާއިން އައި 5 ބަލި މީހުންނަކީ ކިޑްނީގެ ބައްޔަށް ފަރުވާ ކުރަމުންދާ ފަރާތްތަކަމަށެވެ. އަދި އެ ފަރާތްތައް ވަނީ އައިޖީއެމްއެޗްގައި ވަކި ސަރަހައްދެއްގައި ކަރަންޓީން ކުރެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު އެ 5 މީހުންގެ ތެރެއިން 3 މީހަކީ ކޮންމެ ދުވަހަކު ޑަޔަލިސިސް ހަދަން ޖެހޭ މީހުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މިއަދު މެންދުރު 1:00 ހާއިރު އިންޑިއާއިން ރާއްޖެއަށް މޯލްޑިވިއަންގެ ފްލައިޓެއް ވަނީ އައިސްފައެވެ. އެ ފްލައިޓުގައި އިންޑީއާގެ ބެގްލޫރުންނާއި ކޮޗިންއިން ޖުމްލަ 159 ދިވެހިން އައިސްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ އާސަންދަ ސްކީމްގެ ދަށުން ބޭސްކުރަން އިންޑިއާއަށް ދިޔަ ބަލީ މީހުންނާއި ބަލި މީހުންގެ އެހީތެރިން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކޮންމެހެން އަންނަން ޖެހޭ މީހުން މެނުވީ ނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ދަނޑިވަޅުގައި އެއާޕޯޓަށް އައުމަށް ވުރެ ބިރުވެރިކަމެއް ނެތް ކަމަށާއި ރާއްޖެއިން ބޭރުގައި ތިބެވޭ ހާލަތު އޮތް ފަރާތްތައް ގޭގައި ތިބުމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހި އައިލާތަަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ވަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ތިބި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައެވެ. އަދި ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށްވެސް މާދާމާ ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު ޔޫއޭއީގައި ތިބި ދިވެހިންނަށް މިމަހުގެ 17 ވަނަ ދުވަހު ތަކެތި ފޮނުވޭނެ ގޮތްވެސް ވަނީ ހަމަަޖައްސާފައެެވެ.