ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ހާލު ދެރަވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ 2 ޕޭޝަންޓުންނަށް 1 ވެންޓިލޭޓަރުން ފަރުވާ ދިނުމަށް މަގުފަހިކޮށްދޭ ޑިވައިސްއެއް، ތްރީޑީ ޕްރިންޓިންގް ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށް، އުފައްދައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން ހާލު ދެރަވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދޭންޖެހޭއިރު، ދުނިޔޭގެ އެކި ހިސާބުތަކުން ވެންޓިލޭޓަރަށް އޮތް ޑިމާންޑް ދަނީ އިތުރުވަމުންނެވެ. ކުރިއަރާފައިވާ އެންމެ ބޮޑެތި ގައުމުތަކުންވެސް ދަނީ ޕޭޝަންޓުންގެ އަދަދާ އެއްވަރަށް ވެންޓިލޭޓަރު ނެތްކަމުގެ ޝަކުވާ ކުރަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި، އެއް ވެންޓިލޭޓަރުން 2 ޕޭޝަންޓުންނަށް ފަސޭހައިން ފަރުވާ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިން ތްރީޑީ ޕްރިންޓް ޑިވައިސް ފަރުމާކުރި ވެންޓް މަލްޓިޕްލެކްސާއިން ބުނީ، ޔޭލް-ނިއު ހޭވަން ހޮސްޕިޓަލުގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި މި ޑިވައިސް މިހާރު ޓެސްޓުވެސް ކޮށްފައިވާކަމަށެވެ.

1 ވެންޓިލޭޓަރުން ކޮވިޑް-19ގެ 2 ޕޭޝަންޓުންނަށް ފަރުވާ ދީފައިވާކަން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އެމެރިކާ ނިއުޔޯކް ސިޓީގެ ހޮސްޕިޓަލުގެ ހޮސްޕިޓަލަކުން، ހުސްވި މަހުގެ ތެރޭގައެވެ. ނަމަވެސް މިއީ އިންތިހާއަށް ނާޒުކު ކަމެކެވެ. އެހެނީ، 2 ޕޭޝަންޓުންނަކީ އެއް ސައިޒެއްގެ 2 މީޙުންނަށް ވާންޖެހެއެވެ. އަދި 2 މީހުންގެ ފުއްޕާމެއާ ނޭވާލާ ނިޒާމުގެ ޑިމާންޑްތަކަކީ އެއް ޑިމާންޑްތަކަކަށް ވާންޖެހެއެވެ.

ވެންޓް މަލްޓިޕްލެކްސާ ފަރުމާކޮށްފައިވަނީ ކޮންމެ ޕޭޝަންޓަކަށްވެސް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ހެޔޮވަރުކޮށްލެވޭ ގޮތަށެވެ. އެގޮތުން ކޮންމެ ނޭވާއަކާއެކު ފުއްޕާމޭގެ ތެރެއަށް ވައި އެތެރެވާ މިންވަރު، ކޮންމެ ޕޭޝަންޓަކަށް ވަކިން ހަމަޖައްސާލެވެއެވެ.

ވެންޓް މަލްޓިޕްލެކްސާގެ މެޑިކަލް ޑައިރެކްޓަރެއް ކަމަށްވާ ޑރ ޕީޓާ ހާން ވިދާޅުވީ މި ޑިވައިސްއަކީ ވެންޓިލޭޓަރުތައް މުޅިން ހުސްވާ ހިސާބުން ބޭނުންކުރަން ފަރުމާކޮށްފައިވާ ޑިވައިސްއެއް ކަމަށެވެ.

މެކޭނިކަލް ވެންޓިލޭޓަރަކީ، އިތުރު އެހީއަކާ ނުލާ ނޭވާ ނުލެވޭ ހާ ހާލުދެރަ ޕޭޝަންޓުންނަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންކުރާ މެޝިނެކެވެ. ދިވެހިރާއްޖެއިންވެސް ދަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރަމުންނެވެ.