ސިއްހީ ހިދުމަތްތެރިން ބޭނުން ވަނީ ތިން އިރު ޝުކުރު ނޫން ކަމަށާއި ރައްކާތެރި އަދި ހަމަޖެހިގެން އުޅުވޭނެ ދިރިއުޅުމެއް ކަމަށް ބުނެ ސިއްހީ ހިދުމަތްތެރިންގެ އަޑުތަކުން ސޯޝަލް މީޑިއާ ހޫނު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓް ތަކަކީ ސަރުކާރުން ކުއްލިގޮތަކަށް ސިއްހީ ހިދުމަތްތެރިންގެ މުސާރަ އުނިވާފަދަ ބަދަލުތަކެއް ގެނެއުމުގެ ސަބަބުން އެކަމާމަދު ނުރުހުން ފާޅުކޮށް އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވެމުންދާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓް ތަކުގައި ވަނީ ސިއްހީ ހިދުމަތްރިން ކުރާ މަސައްކަތްކީ ޝުކުރަކުން ފުއްދާލެވޭނެ އެއްޗެއް ނޫން ކަމަށާއި ރައްކާތެރި ކަމާއި އަމާންކަމާއެކު އުޅެވޭނެ ދިރިއުޅުމެއް އެ ފަރާތްތަކުންވެސް ބޭނުންވާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރައާއި އެއްވެސް އިނާޔަތެއް ކުޑަ ކުރުމާ ދެކޮޅު ހަދާ ކަމަށެވެ.

ކަން މިހެން އޮތްއިރު، އިއްޔެ ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވާގޮތުގައި ކޮވިޑް-19 އާ ގުޅިގެން މިދިޔަ މަހުގެ 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސް އިބްރާހިމް މިހައްމަދު ސޯލިހް ނިންމާފައި ވީ ނަމަވެސް، ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައި ވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށް ކަމުގައި އެ މެމޯގައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގެ ސްކްރީން ޝޮޓްތަކެއް

އެއީ ދުވާލަކު އަށް ގަޑިއިރަށް ވުރެން އިތުރަށް މަސައްކަތް ކޮށްފައިވާ ވަގުތު ތަކާއި އަދި އެހެނިހެން މުވަޒަފުންނަށް ދުވާލަކު ހަ ގަޑިރަށް ވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑީގެ އެލަވެންސް ދެވޭނެ ކަމަށް ބުނާ އުސޫލެކެވެ.

އައިޖީއެމް ހޮސްޕިޓަލުން ކުރިން ކަންތައް ކުރާ އުސޫލަކީ، ރަސްމީ ބަންދު ދުވަސްތަކަކީ އިތުރު ގަޑީގެ ދުވަހެއްގެ ގޮތުގައި ބަލައި މުޅި ދުވަހު ކުރާ މަސައްކަތައް އޯޓީ ދެނީއެވެ. މިގެނައި ބަދަލާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގެ ޖަވާބެއް ލިބޭގޮތް ވަނީ ނެފައެވެ.

އެ ގެނެވުނު ބަދަލާއެކު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުންގެ އިތުރުން އިދާރީ މުވަޒަފުންގެ މުސާރަވެސް ކުޑަވެގެން ދާނެ އެވެ. އަދި މިއީ ކޮވިޑް19 އާއި ގުޅިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ނަރުހުންނާއި، ޑޮކްޓަރުންނަށް މުސާރައިން ބޮޑު ބައެއް އުނިވެގެން ދާނެ ކަމެކެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމާފައި ވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން މެދު ނުކެނޑި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިން މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ފައިސާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސް ކަނޑައަޅުއްވާ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ހަމަޖެއްސުމާ އެކު، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވަންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި ސަރުކާރުގެ އެންމެހާ އޮފީސްތަކުން އަމަލުކުރާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައްކަމުގައި ބަލާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީން މިއަހަރު ހަ ބިލިއަން ރުފިޔާ މަދުވެދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވާއިރު، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރައީސާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން މަޖިލިސް މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ވަނީ ނިންމާފައެވެ.