ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ހާއްސަކޮށްގެން 70 ވެކްސިންއެއްގެ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އަންނަ ކަމަށާ، މީގެ ތެރެއިން 3 ވެކްސިންއެއް މިހާރު އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ފަށަފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ތަރައްގީ ކުރަމުންދާ ވެކްސިންތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ހޮންގްކޮންގްގައި ލިސްޓުކޮށްފައިވާ ކޭންސީނޯ ބައޮލޮކިކްސް އިންކްއާ، ބެއިޖިންގްގެ އިންސްޓިޓިއުޓް އޮފް ބައޮޓެކްނޮލޮޖީއިން ފައްކާ ކުރަމުންދާ ވެކްސިންއެވެ. އިންސާނުންގެ ހަށިގަނޑުގައި ދެން ޓެސްޓުކޮށްފައިވާ އަނެއް 2 ވެކްސިން ފައްކާ ކުރަމުންދަނީ އެމެރިކާގެ މޮޑާނާ އިންކްއާ، އިނޯވިއޯ ފާމަސޫޓިކަލްސްއިން ވަކިވަކިން ކަމަށް ޑަބްލިއު.އެޗް.އޯއިން ޚަބަރުދެއެވެ.
ކޮވިޑް-19އަށް ވެކްސިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ މާޒީ ދެކެފައި ނުވާ ހަލުވި މިނެއްގައެވެ. މިމަސައްކަތުގެ ދުވެލި އަވަސްކޮށްފައިވަނީ، ހަމައެކަނި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކުން ކޮންޓްރޯލްއެއް ލިބެން ނެތުމުގެ ސަބަބުންނެވެ.
ކެންސީނޯގެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރުމުގެ ހުއްދަ ދީފައިވަނީ ހުސްވި މަހުއެވެ. މޮޑާނާގެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރުމަށްވެސް ހުއްދަ ދީފައިވަނީ މާޗް މަހު ކަމަށްވާއިރު، އިނޯވިއޯއިން އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރަން ފެށީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ބޭސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ ވެކްސިންއެއް އުފެއްދުމަށް ހޭދަވާ މުއްދަތު ކުރުކޮށް، ވީހާވެސް އަވަހަކަށް ވެކްސިންތައް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އާންމު އުސޫލުން ބަލާއިރު ވެކްސިންއެއް އެންމެ ފުރިހަމައަށް ފައްކާކޮށްގެން ބާޒާރަށް ނެރެވެނީ 10-15 އަހަރާ ދެމެދު މުއްދަތެއްގައެވެ. ނަމަވެސް ކޮވިޑް-19ގެ ވެކްސިން އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.