ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުން ކޮވިޑް-19އަށް ޝައްކު ކުރެވުނު މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ގްރޭންޑް ޕާކް ކޮށްދިއްޕަރު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ކަމަށެވެ. އަދި މި ރިސޯޓުގައި ހުރި ބިދޭސީ ސްޓާފެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، އޭނާގެ ބަލި ހާލަތު ބޮޑުވެގެން އިތުރަށް ބެލުމަށްޓަކައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހާގެ ފުރަތަމަ ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށެވެ. ނަމަވެސް ދެވަނަ ސާމްޕަލް ނެގެޓިވް ވަންދެން މި ކޭސްގައި ހެދުނު ކޮންޓެކްޓް ޓްރޭސިންގައި ފާހަގަ ކުރެވުނު މީހުން އައިސޮލޭޝަންގައި ބޭތިއްބިފައިވާ ކަމަށާއި، މިއީ ޑޮކްޓަރުން ނިންމެވި ނިންމެވުމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އައިލެންޑް ސަފާރީ އަދި ސެވެން ކޮރެލް މާފުށި ގެސްޓްހައުސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނެގިފައި ކަމަށެވެ. އަދި މިހާރު މޮނިޓަރިންގެ ހާލަތުގައި ހުރީ، ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓާއި، ޖޯލި މޯލްޑިވްސް ރިސޯޓް، ބޮޑުފުށި ރިސޯޓް އަދި މޯލްޑިވިއާނާ ސަފާރީ ކަމަށް އޭނާ މައުލޫމާތުދެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 20 މީހުންނެވެ. އެއީ 5 ދިވެހިންނާއި 15 ބިދޭސީންނެވެ. މީގެ ތެރެއިން ދިވެއްސަކާއި 13 ބިދޭސީއަކު ބަލިން ރަނގަޅުވެފައިވާއިރު، 4 ދިވެއްސަކަށް ދަނީ ރާއްޖޭގައި ފަރުވާ ދެމުންނެވެ. އަދި 2 ބިދޭސީން ވަނީ މިވަގުތު ރާއްޖެއިން ބޭރުގައެވެ.