ކޮވިޑް19 އާއި ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.

އެގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި، މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި، އަދި ކުށުގެ ރެކޯޑް ސާފުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލު އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ކުރިން ތާވަލުކުރެވިފައިވާ ޝަރީއަތްތަކާއި ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މައްސަލަތަކުގެ ތަފްސީލާއި، ޝަރީއަތް ހިންގުމުގައި އަމަލު ކުރާނެގޮތުގެ ތަފުސީލުވެސް އެ އުސޫލުގައި ހިމެނެއެވެ.

އަދި މީގެ އިތުރުން، އީމެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރި ކޮށްގެން މުއާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ހިދުމަތް ފޯރުކޮށް ދިނުމަށް ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގެ އުސޫލުގައި ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ހާއްސަ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ކުރިއަށްގެންދެވޭ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތައް ފިޔަވައި، އެނޫން މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ބާވަތުގެ މައްސަލަތައް އެކަނި ކަމަށެވެ.

އެގޮތުން ކޮންމެހެން ބާއްވަންޖެހޭ މައްސަލަތައް، ވީޑިއޯ ކޮންފަރެންސް ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭކަމުގައިވާ ނަމަ ކުރިއަށްގެންދާނީ ވީޑިއޯކޮންފަރެންސް ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި މައްސަލަތަކާއި ގުޅިގެން ބަދަލުކުރަންޖެހޭ ލިޔެކިޔުންތަކަށް އީ-މެއިލް މެދުވެރިކޮށް ޖަވާބުދާރީވެވެން އޮތް ކަމުގައިވާ ނަމަ ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށްގެންދާނީ އީ-މެއިލް މެދުވެރިކޮށް ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މި މުއްދަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދާފައިވާ ގަވާއިދަށް ވަނީ އަމަލުކުރުން ހުއްޓާލާފައެވެ. އަދި މި މުއްދަތުގައި ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންދެވޭނެ ގޮތުގެ އުސޫލެއް ވެސް ސުޕްރީމް ކޯޓުން ވަނީ އެކުލަވާލައިފައެވެ.