ކޮވިޑް19 އާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާއި އަދި މިހާރު ހުޅުމާލޭގައި އަލަށް ގާއިމު ކުރަމުން އަންނަ މެޑިކަލް ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ.

ފަންސާސް މީހުންގެ ޖާގައިގެ ފަރުކޮޅުފުއްޓަކީ ކޮވިޑް19 ޖެހޭ މީހުންގެ ތެރެއިން ހައި ރިސްކް ކެޓެގަރީގެ މީހުން އައިސޮލޭޓު ކުރުމަށް ތައްޔާރު ކޮށްފައިވާ ތަނެކެވެ. އެ ފެސިލިޓީ ތަރައްގީ ކޮށްފައި ވަނީ ހިނަވާ ގެއަކާވެސް އެކުގައެވެ. ޖުމްލަ 5.9 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާފައިވާ އެތަނުގައި ދެ އައިސީީޔޫ ހުރެއެވެ. އަދި އެއް ވެންޓިލޭޓަރުވެސް އެތަނުގައި ވަނީ ބަހައްޓާފައެވެ.

ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީކީވެސް ކޮވިޑްއިން ރައްކާތެރިކުރުމަށް މީހުން އައިސޮލޭޓް ކުރުމަށް ހަދާ ތަނެކެވެ. 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެތަނަކީ 300 އެނދުނުގެ މެޑިކަލް ފެސިލިޓީއެކެވެ.

އެތަނުގައި ސާވިސް ބިލްޑިން އަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑަރީއާއި ވޭސްޓު މެނޭޖުމަންޓު އަދި ބަދިގެއެއްގެ ހިދުމަތްތައް ދިނުމެވެ. އެކޮމަޑޭޝަން ބްލޮކްގެ ބޭނުމަކީ އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އަދި ނަރުހުންނަށް ތިބެވޭނެ ގޮތް ހެދުމެވެ. މިތަން އިމާރާތް ކުރަމުން އަންނަނީ ޓްރީޓޮޕް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.

މި ފެސިލިޓީތައް ބައްލަވާލެވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި އަރިހުގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.