ކުރިމަތީގައި އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މިއަހަރުގެ ރަމަޟާން މަހާ ބައްދަލުކުރަނީ ހަމަ ޔަގީނުންވެސް މި ފަހުގެ ތާރީހުގައި ބަޔަކު ތަޖުރިބާކުރި ހާލެއްގައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މުޅި ދުނިޔެހެން މިވަނީ ހުއްޓުމެއްގައެވެ.

އެތައް މިލިއަން ބަޔަކު ގެތަކުގައި ބަންދުވެފައި ތިބިއިރު، އިޖުތިމާއީ ގައިދުރުކަމީ ބަލިން ދިފާއު ހޯދެން އޮތް އެންމެ މުހިންމު އެއް އުކުޅަށް އޮތީ ވެފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް އަދިވެސް ދޫދީފައި ނުވާއިރު، މިއަހަރުގެ ރަމަޟާން މަހުގެ ކަންކަން ކުރިއަށްދާނެ ގޮތަކާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެއެވެ. ރަމަޟާން މަސް ނިމުމާއެކު ބައްދަލުކުރާ އުފާވެރި ޢީދުގެ މުނާސަބާއާ މެދުވެސް ވިސްނާ މީހުން އުޅޭނެއެވެ.

ރޯދަ ވީއްލަން ތައްޔާރުވެގެން ތިބި ޕާކިސްތާނު ބައެއް

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ރަމަޟާން މަސް ގުޅުވާލެވެނީ މީރު ކާބޯތަކެތި ތިޔާގި މައްސަރެއްގެ ގޮތުގައެވެ. އާއިލާއާއި ރައްޓެހިން އެއް ސުފުރާއަކުން މީރު ޖާފަތްތަކަށް އިންސާފުކުރަން ފުރުސަތު ތަނަވަސްކޮށްދޭ މައްސަރެއްގެ ގޮތުގައެވެ. ތަރާވީހު ނަމާދަށްފަހު އެއްވެލާ އެއްވުންތަކަށް އެދި ތިބޭ ކިތަންމެ ބަޔަކު އުޅެއެވެ.އަދުގެ ހާލަތަށް ބަލާއިރު، މި ހުރިހާ ޕްލޭނެއް މިއަހަރު މިއޮތީ ކެންސަލް ކުރަންޖެހިފައެވެ. ނަމަވެސް، ފާހަގަކުރަންޖެހޭ ކަމަކީ، ކޮވިޑް-19އާއެކު ރަމަޟާން މަހުގެ ހަގީގީ ރޫހު ދިރެމުންދާ ކަމެވެ. ރަމަޟާން މަހަކީ އަމިއްލަ ނަފުސު ތާހިރުކޮށް، ދީނީ އަދި ރޫހީ ތަރައްގީއަށް މަސައްކަތްކުރަންވީ މައްސަރެވެ. ދީނީ ކަންކަމަށް ވަގުތު ހުސްކޮށްލަންވީ މައްސަރެވެ. ކީރިތި ޤުރުއާންއަކީ އެންމެ ގާތް އެކުވެރިޔާއަށް ހަދަންވީ ވަގުތު އައިސް މިއޮތީ ޖެހިފައެވެ.

އިސްލާމީ ކަލަންޑަރުން 9 ވަނަ މަހަށްވާ ރަމަޟާން މަހަކީ، ކީރިތި ޤުރުއާންގެ މައްސަރުވެސްމެއެވެ. ކީރިތި ޤުރުއާން ބާއްވާލެއްވުނީ ރަމަޟާން މަހުގެ ރޭތަކުން ރެއެއްގައެވެ. ދިރިއުޅުމުގެ މިހާ ހިސާބަށް އައިރު ސްކޫލާ އޮފީސްތަކާ ދަމުން އެމީހަކަށް ވީހާ ގިނައެއްކޮށް ރަމަޟާން މަހު ކީރިތި ޤުރުއާން ކިޔެވޭތޯ ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރެއެވެ. ކަން ދިމާކުރި ގޮތުން މިފަހަރުގެ ރަމަޟާން މަހާ ކުރިމަތިލާންޖެހިފައި މިވަނީ ހުރިހާ އެންމެން އެކަހެރިވެފައި ތިބެންޖެހިފައިވާ ވަގުތެއްގައެވެ. ވީއިރު، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން މިއަށްވުރެ މުނާސަބު ވަގުތެއް ކޮބައިތޯއެވެ. ސްކޫލްތަކާ އޮފީސްތަކާ އެނޫންވެސް ތަންތަނަށް ދާން އޮތް ވަގުތުތައް ކީރިތި ޤުރުއާންއަށް ހުސްކޮށްލުން ކީއްތޯއެވެ.

އަލް ނޫރު މިސްކިތް ކައިރީގައި އަންހެނަކު ގުރުއާން ކިޔަވަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ފާއިތުވެދިޔަ އަހަރު ތިބާއަށް އުޅެވުނު ގޮތާ މެދު ވިސްނާ، ކުރެވުނު ކުއްތަކަށް ތައުބާވެ ނަފްސު ތާހިރުކޮށްލަން މިވަގުތު ހުސްކޮށްލަމާތޯއެވެ. މިހާރަށްވުރެ ރަނގަޅު މީހަކަށް ވާން ގަދައަޅާ މަސައްކަތްކުރަން ފެށިދާނެއެވެ. ފޮތެއްގައި ނޫނީ ގަނޑެއްގައި ލިޔެ ކުރިމަތީގައި ބަހައްޓާ ފާހަގަޖަހަމުންވެސް މިއީ ކުރަން އެދެވިގެންވާކަމެވެ.

ދެން އޮތީ ޖާފަތްތަކާ ސުފުރާތަކުގެ ވާހަކައެވެ. ގާތްތިމާގެކަމާ ރަހުމަތްތެރިކަމާ އަހުވަންތަ ގުޅުން ބަދަހިކުރުމަކީވެސް ރަނގަޅުކަމެކެވެ. ނަމަވެސް އަދުގެ ހާލަތު އެކަމަށް ފުރުސަތެއް ނުދެއެވެ. ރަމަޟާން މަހުގެ ހިކުމަތްތަކުގެ ތެރޭގައި، ނިކަމެތިންގެ ހާލު ދެނެގަތުން ހިމެނޭއިރު، މިފަހަރުގެ ރަމަޟާން މަހުގެ ސުފުރާ ވީހާވެސް އާދައިގެ ގޮތަކަށް ހަމަޖައްސާލަމާތޯއެވެ. އިސްރާފު ކުރުމާ ދުރުވަމާތޯއެވެ.

މިއީ މާ ފަސޭހަ ބަދަލުތަކަށް ނުވެވެސް ހިނގައިދާނެއެވެ. ނަމަވެސް ރަމަޟާން މަހާ ބައްދަލުކޮށް، އެމަހުގެ އަޅުކަން އަދާކޮށް ފުރިހަމަ ކުރުމަކީ ކޮންފަދަ ބޮޑު ނަސީބެއް ތޯއެވެ. ވީއިރު، 1441 އަހަރުގެ ރަމަޟާން މަހަށް 'އެކްސައިޓް' ވާ މިންވަރު ކުޑަވާންވި ސަބަބެއް އެބައޮތްތޯއެވެ. ކޮންމެ ކަމެއްގައިވެސް ހެވެއްވާކަން ގަބޫލުކުރުން މުހިންމެވެ. ރަމަޟާން މަހުގެ ހަގީގީ ރޫހުގައި މިމައްސަރު ހޭދަކުރަމާތޯއެވެ.