ކުއްޔާ ނުލައި ތިން އަހަރުގެ މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ދަނޑުވެރިކަމަށް ސަމާލުކަން ދީގެން ސަރުކާރުން ތަފާތު މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. އެގޮތުން ބިން އޮތް ރަށްތަކުގައި ދަނޑުވެރިކަން ކުރުމަށް އެއްވެސް ކުއްޔަކާ ނުލައި 3 އަހަަރުގެ މުއްދަތަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައި ވާ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވެއްޖެއެވެ.

ކައުންސިލާ ގުޅިގެން ރަށްރަށުގައި ދަނޑުވެރިކަމަށް މިހާރު ބިން ދޫކޮށްގެން ކުރާ މަސައްކަތުގެ ތެރޭގައި ބިން ނަގާ ފަރާތްތަކުން އެ ތަނުގައި ހައްދާ ތަކެތީގެ ތަފާސްހިސާބުވެސް ކައުންސިލްތައް މެދުވެރިކޮށް މިިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ ކަމަށް ޒަހާ ވިދާޅުވިއެވެ.

މީގެ އިތުރުން ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގައި ބަރާބަރަށް އެ މަސައްކަތް ކުރޭތޯ ކަށަވަރު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ބިންތަކެއް ކަނޑާފައި ދެނީ ނޫން ކަމަށާއި ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުން ފަންސަވީސް އިންސައްތައާ ހަމައަށް ކާނާވެސް ނެރުއްވާނެ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ދަނޑުވެރިކަން ކުރެވޭނެ ކަމަށް މިހާރު ފާހަގަކުރެވިފައި ވަނީ 44 ރަށެއް ކަމަށެވެ. ނަމަވެސް އެހެން ރަށްތަކުން ވެސް އެކަމަށް އެދޭނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ބިން ދޫކުރަން ނިންމާފައި ވާއިރު، ދަނޑުވެރިން އުފައްދާ ތަކެތި އަންނަ މެއި މަހު ގަންނަން ފަށާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މިކަން ކުރުމަށްޓަކައި މާލޭ ނޯތު ހާބަރުގައި އެސްޓީއޯ އެގްރިސެންޓަރުގެ ނަމުގައި ތަނެއް ހުޅުވަން ވަނީ ނިންމާފައެވެ.